އައްދީބަޖާތު: އިހުގެ ޢަރަބި ލިޔުންތަކުގައި ދިވެހިރާއްޖެ- 3

(28 މާރިޗު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އައްދީބަޖާތުގައި ފަސޭހައިން މީހުންނާ އިނދެވެއެވެ. ރަންކިޔާވަރު ކުޑަވެފައި، އެރަށްތަކުގެ އަންހެނުން ފިރިންނަށް ހެޔޮކަމުންނެވެ. އިބްނު ބަޠޫޠާ މިކަން ފާހަގަކުރައްވައި ލިއުއްވާފައި ވެއެވެ. "އެބައިމީހުންނަށް ވުރެ ރަނގަޅަށް އެކުގައި އުޅޭ ބަޔަކު އަހަރެން މުޅި ދުނިޔެއިންވެސް ނުދެކެމެވެ." އެރަށްތަކުގެ އަންހެނުން ފިރިންނަށް ޚިދުމަތްކުރަނީ ވަރުބަލިކަމެއް ނެތިއެވެ. އޭނާއަށް ކާން ހެދުމާ، ކައި ނިމުމުން ތަށިތައް ނެގުމާ، ވުޟޫކުރާނެ ފެން ގެނެސްދިނުން ފަދަ ހުރިހާ ކަމެއް ކުރެއެވެ. އަނބިމީހާ ފިރިމީއާއެކު ނުކެއުމަކީވެސް އެބައިމީހުންގެ އާދައެކެވެ. އަދި އަނބިމީހާ ކާ އެެއްޗެއް ފިރިމީހާ ނުދަނެއެެވެ. އެރަށްތަކަށް ދަތުރުކޮށްފައި ދާ މީހަކު އެއިން ރަށަކުން އަންހެނަކާ އިންނަން ބޭނުން ނަމަ އެކަންކުރެއެވެ. އަދި ފުރަންވީމާ އޭނާ ވަރިކޮށްލައެވެ. އެކަނބަލުން ރަށް ދޫކޮށް ނުދާތީއެވެ. ދަތުރުވެރިއަކު މީހަކާ ނުއިނަސް، އޭނާ ފައިބާ ހުންނަ ގޭގެ އަންެހެން މީހާ އޭނާއަށް ކައްކާފަ ކާންދީ ޚިދުމަތް ކުރެެއެވެ. އަދި ފުރާއިރު ދަތުރުމަތީގައި ބޭނުންވާ ކޮއްތު ތައްޔާރުކޮށްދީ ހަދައެވެ. އަދި އޭގެ ބަދަލުގައި ކިތަންމެ ކުޑަ އިހްސާންތެރިކަމެއް ވެސް އުފަލުން ޤަބޫލުކުރާނެއެވެ. އަދި ކައިވެންޏަށް ފަހު ފިރިމީހާ އަނބިމީހާގެ ގެއަށް ދާއިރު ފިރިމީހާގެ ގެއިން ފެށިގެން އަނބިމީހާގެ ގެއާ ހަމައަށް މަގުމަތިގައި އުއި ފޮތި ފެތުުރުމަކީ އެބައިމީހުންގެ އާދައެކެވެ. އަދި ފިރިމީހާ އަނބިމީހާގެ ގެއަށް ވަނުމުން އޭނާގެ ފައިގައި ފަށުވި ނުވަތަ އުއި ފޮތިގަނޑެއް އަޅައެެވެ. ދެން އެއަށް ފަހު ފިރިމީހާގެ ޚާދިމުން ނުވަތަ އެކުވެރިން އެ ފޮތިގަނޑު ނަގައެވެ. ރަނިިކަމަނާއަށާއި ވަޒީރުންނަށް ސަލާމްކުރުމުގައި ވެސް އެބައިމީހުންގެ އާާދައަކީ އެއީއެވެ. ފޮތިގަނޑެއް ފައިމައްޗަށް އެއްލުމަކީ ކޮންމެެހެން ކުރަން ޖެހޭ ކަމެކެވެ.
ކަނޑައެޅޭ ވަކި އުޖޫރައަކަށް ގޭގޭގައި މަސައްކަތްކުރުމަކީ އައްދީބަޖާތުގެ އަންހެނުން ކޮށްއުޅޭ ކަމެކެވެ. އެމީހުންނަށް ކަންދީ އަންނައުނު ދިނުމަކީ މަަސައްކަތްކުރުވާ މީހާ ކުރަންޖެހޭ ކަމެެކެވެ. ބައެއް މުއްސަނދިންގެ ގޭގައި 10-20 ޚާދިމާއިން މަސައްކަތްކުރާ ކަމުގައި ވެއެެވެ. އެކަަނބަލުންގެ އަތުން ތަޅައިގެންދާ ތަށްޓެއްގެ އަގު އެކަނބަލުންގެ އުޖޫރައިން ކެނޑޭނެއެވެ. ނޫންނަމަ އެހެން ގެއަކަށް ބަދަލުވާއިރު އެެގޭގެ ވެރިމީހާ އޭގެ އަގުދައްކަން ޖެހޭނެއެވެ. ގޭތެރޭގެ މަސައްކަތުގެ އިތުރަށް އެކަނބަލުން ފަންގިވިނުމުގެ މަަސައްކަތްވެސް ކުރެއެވެ.
އައްދީބަޖާތުގެ އަންހެނުން ބޭރަށް ނުކުމެ އުޅެނީ ބޯ ނިވާކޮށް އިސްތަށިގަނޑު ގަތައިގެންނެވެ. އެބައިމީހުން އިސްތަށިގަނޑު ގޮތް ޖަހަނީ އެެއް ފަރާތަކަށެވެ. އުނަގަނޑުން ފެށިގެން ތިރިއަށް ނިވާކުރާ ކަނޑިއްކެއް ފިޔަވައި އެހެން އެއްޗެއް އޭގެތެރެއިން ގިނަ މީހުން ނުލައެވެ. އެމީހުންގެ ހަށިގަނޑު ހުންނަނީ ހާމައަށެވެ. އެކަނބަލުން ބާޒާރު މަތީގައްޔާއި އެހެން ތަންތަނުގައި އުޅެނީ އެހެންނެވެ. އިބްނު ބަޠޫޠާ އައްދީބަަޖާތުގަައި ހުންނެވި ދުވަސްވަރު، އެކަނބަލުންގެ ހަށިގަނޑު ނިވާވާފަދަ ހެދުން ލައްވަން މަސަކަތްކުރެއްވިއެވެ. އެހެންނަމަވެސް އޭނާއަށް އެކަން ނުކުރެއްވުނެވެ. އޭނާ ވިދާޅުވެފައި ވެއެވެ. "އަހުރެން އެތަނުގެ ފަނޑިޔާރުކަމާ ޙަވާލުވެގެން ހުރި އިރު އެ އާދަ ހުއްޓުވައި، އެކަނބަލުން ހެދުން ލައްވަން ވަރަށް މަސައްކަތްކުރިން. އެކަމަކު އަހުރެންނަށް އެކަން ނުކުރެވުނު." އޭގެ ތެރެއިން މަދު ބަޔަކު ފިޔަވައި އެމީހުން ކަނޑިކީގެ އިތުރަށް އަތްކުރު ލިބާހެއް ލިއެވެ. އެ ލިބާހުން އެމީހުންގެ ހަށިގަނޑު ނިވާވެއެވެ. އިންޑިޔާއާއި އައްދީބަޖާތުގައި އަޅު އަންހެނުން އެމީހުންގެ ބޯ ނިވާކުރެއެވެ.
އައްދީބަޖާތުގެ އަންހެނުން ގަހަނާގެ ގޮތުގައި ބޭނުންކުރަނީ ރިހި އުޅާއެވެ. އެކަނބަލުން ހުންނަނީ ކުޑަ ހުޅާ އޮޅަނބޮށްޓާ ދެމެދު އުޅާއިން ފުރާފައެވެ. ރަން އުޅާ އަޅަނީ ރަނިކަމަނާއާއި އެކަމަނާގެ ގާތް މީހުންނެވެ. އަދި ރަން ހާރާއި ތަކަހޮޅި އެޅުމުގެ އިތުރަށް ބޮލުގައި ކުލަކުލައިގެ ފުނާވެސް އެކަނބަލުން ޖަހާފައި ހުރެއެވެ.
ފިރިހެނުންނަށް ބަލާއިރު، ގިނަ މީހުންގެ ހެދުމަކީ ހަރުވާޅުގެ ބަދަލުގައި އުނަގަނޑުގައި އަންނަ މުންޑެކެވެ. އަދި އެމީހުން ކޮޑުގައި ބުރަކަށި ނިވާވާގޮތަށް ފޮށައެއް އަޅައެވެ. އަދި ބައެއް މީހުން ބޮލުގައި ފޮށައެއް ނުވަތަ ކުޑަ ރުމާލެއް އަޅައެވެ. އެއިން މީހަކު ރަނިކަމަނާއާ، ނުވަތަ ފަނޑިޔާރާ، ނުވަތަ ޚަޠީބާ ބައްދަލުވެއްޖެނަމަ އޭނާގެ ފޮށާ ކޮޑުގައި އަޅައި ބުރިކަށި ހާމަކުރެއެވެ.
އެބައިމީހުން ތަފާތު ވައްތަރުގެ ކާނާ ކައެވެ. ކެއުމުގެ ކުރިން އަތް ދޮވެ ފިނިފެނުން ހުވަނދުލުން އޮވެއެވެ. ކާތަކެތި ގެނެވޭނީ އެއަށް ފަހު އެވެ. ކެއުމުގެ އެންމެ މުހިއްމު ބާވަތްތަކަކީ ބަތާ، ކުކުޅު މަހާ ކަނޑު މަހެވެ. ޚާއްޞަކޮށް ކަޅުބިލަ މަހެވެ. ދެން ބޭނުންކުރަނީ ގިތެލެވެ. ފޮނި ކާއެއްޗަކަށް ބޭނުންކުރަނީ ކާށިން ހަދާ އެއްޗެކެވެ. އަދި ކާށިކިރާ އޮޅުއަލައިން ހަދާ އެއްޗެކެވެ.
ސުންނަތާއި އިސްލާމީ ޙުކުމްތައް އެރަށްތަކުގައި ޤާއިމްކުރުމަށް ބަލާއިރު، އެބައިމީހުންގެ މެދުގައި ކަންކަމުގައި ދެބަސްވުން އުފެދެނީ ވަރަށް މަދުންނެވެ. އެބައިމީހުންގެ ތެރޭގައި އެކަންކަމާމެދު ވަރަށް ހަރުކަށިކޮށް ފަނޑިޔާރުގެއިން ފިޔަވަޅުއަޅާ ކަންކަން ވެއެވެ. އޭގެ ތެރޭގައި ވަރިވުމަށް ފަހު ފިރިމީހާގެ ގޭގައި އަނބިމީހާ އިނުން މަނާކުރުމާއި، އެކަމާ ޚިލާފުވާ މީހުންނަށް އަދަބު ދިނުމާއި، ވާރުތަ މުދާ އޭގެ ހައްގުވެރިންނަށް ބަހާއިރު ފަނޑިޔާރު އެއިން %10 ނެގުން މަނާކުރުން ހިމެނެއެވެ. "ވާރުތަވެރިންނާ އެކު އެއްބަސް ވެވޭ އަދަދެއް ތިބާއަށް ނެގިދާނެ" ކަމަށް ވިދާޅުވެ އިބްނު ބަޠޫޠާ ވަނީ އެކަމާމެދު ފަނޑިޔާރަކަށް ފާޑުވެސް ވިދާޅުވެފައެވެ. އިބްނު ބަޠޫޠާ ފުރަތަމަ ކޮޅު އެރަށްތަކުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިނުގަތީ އެހެންވެގެންނެވެ. ހުކުރު ނަމާދަށް ނުދާ މީހުންނަށްވެސް އެރަށްތަކުގައި އަދަބު ދެވެއެވެ. މަގުތަކުގައްޔާއި ބަޒާރުގައި އެކަން ބަލަން މީހުން ބައިތިއްބައިގެންނެވެ. މީގެ އެތުރަށް ޚަޠީބުންނާއި އިމާމުންގެ މަސައްކަތް ބަލައި އެބައިމީހުންގެ މަސައްކަތް ރަނގަޅުކުރުމަށް ބާރުއެޅުންވެސް އޮވެއެވެ. އިބްނު ބަޠޫޠާ އެރަށްތަކުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގުތުމަށް ފަހު، އެ އާދަތަކަށާއި ހުކުމްތަކަށް ތަބާވުމަށް ހުރިހާ ރަށްތަކަށް އެންގެވިއެވެ. އައްދީބަޖާތުގައި ދެބަސްވުމާއި އަރައިރުން މަދުވުމުގެ ސަބަބުން އެތަނުގައި ޖަލެއް ނުހުންނަކަން ފާހަގަކުރެވެއެވެ. "އެރަށްތަކުގައި ބޮޑެތި ކުށްކުރާ މީހުން ލެވެނީ ވިޔަފާވެރިން ގުދަނުގެ ގޮތުގައި ބޭނުން ކުރަން ހަދާފައި ހުންނަ ލަކުޑި ގެތަކަށެވެ."
އައްދީބަޖާތުގެ މީހުންގެ ގެދޮރަށް ބަލާއިރު، ގެ ބިނާކުރަނީ ލަކުޑިއާއި ގަލުންނެވެ. ލަކުޑި އެއްގަނޑު އަނެއްގަނޑާ އެއްކުރުމަށް ރޯނުން ބަންނަނީއެވެ. ގަލުން ރާނާ ގެތަކުގައި ބޭނުންކުރެވެނީ އުވައެވެ. ރަނގަޅު ފެންވަރުގެ ގެ އަބައިމީހުން ބިނާކުރަނީ ގަލުންނެވެ..... އަދި ފެންމަތީގައި ދުވާ ގެ (ގޭގެ ގޮތުގައި ބޭނުންކުރާ އޮޑި) ވެސް ލަކުޑިން އެބައިމީހުން ބިނާކުރެއެވެ. އެއީ އެއްރަށުން އަނެއް ރަށަށް ގޮސް އުޅުމަށެވެ. ބިމުގެ ތެތްކަމުން ރައްކާތެރިވުމަށާއި، އެމީހުންގެ ރަށްތަކުގެ ބިންގަނޑު މަޑުކަމުން، އެމީހުން ގެ އަޅަނީ މިބަށްވުރެ މައްޗަށް އުފުލާފައެވެ. އެހެން ހަދަނީ ބޮޑެތި ގާ ބިންގަލުގެ ގޮތުގައި އަޅާފައި އޭގެ މަތީގައި ލަކުޑި ޖަހައިގެންނެވެ. އެމީހުންގެ ބިނާކުރުމުގެ ގޮތްތަކުގެ ތެރޭގައި މިސްކިތްތައް ބިނާކުރާ ގޮތް ފަހަގަކޮށްލެވެއެވެ. އެމީހުން ކޮންމެ ރަށެއްގައި ރީތި މިސްކިތެއް ބިނާކުރެއެވެ. ގެތައް އާއްމު ގޮތެއްގައި އަޅަނީ ވަށައިގެން ގަސްތައް ހައްދާފައި ހުންނަ ގޯއްޗެއްގެ މެދުގައެވެ. ގޭގެ ކުރިމަތީގައި ހުންނަނީ އެމީހުން 'މާލަން' ނަމަކަށް ކިޔާ ތަނެކެވެ. އެއީ މެހުމާނުންނަށް ޚާއްޞަ ތަނެކެވެ. އެތަނުގައި ހުންނަނީ ދެދޮރެވެ. އެއީ މެހުމާނުން ވަދެ ނުކުންނަ ދޮރަކާއި، އެތަނުން ގެއަށް ވަދެ ނުކުމެ އުޅުމަށް ބޭނުންކުރާ ދޮރެކެވެ. އެމީހުން ގެ ކައިރީގައި ފެންގަނޑެއް ހަދައެވެ. އެ ފެންގަނޑަށް ފެން އަޅަނީ ގޯތިތެރޭގައި ހަދާފައި ހުންނަ ވަޅުތަކުންނެވެ. އެ ފެންގަނޑު ބޭނުންކުރެވެނީ ފެންވެރުމަށާއި، ޖަނަވާރުތަކަށާއި، ގަސްތަކަށް ފެންދިނުމަށެވެ. ބާޒާރު ކައިރީގައި މުދާ ރައްކާކުރުމަށާ، ގަނެވިއްކުމުގެ ކަންތަކަށް ބޮޑެތި ގުދަން އެޅުމަކީވެސް އެބައިމީހުން އިސްކަންދީގެން ކޮށްއުޅޭ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.