ރީޙާން-ނަތާޝާ: 7

(16 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޑރ. އަރޫނާއަށް ރޭޗަލް ކުއްލިއަކަށް އެދިން ޚަބަރު މާބޮޑު ސިހުމެއް، ޙައިރާން ކަމެއް ގެނުވި ޚަބަރަކަށް ނުވިއެވެ. ސަބަބަކީ ހިތަށް ކެތްކުރަން ދަތި، ސިކުނޑިއަށް ޤަބޫލުކުރަން ދަތި ޙާދިސާތަކާ، އަނިޔާތަކާ ކުރިމަތިލާފައިވާ އެތައް ބަޔަކު ޑރ. އަރޫނާ ވަނީ ވަރަށް ކައިރިން ދެކެފައެވެ. އެމީހެއްގެ ރައްކާތެރިކަން ލިބެން ޖެހޭ ފަރާތުގެ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ އެތައް ކުޑަ ކުދިންނެއް ވަނީ ދެކެފައެވެ. ޑރ. އަރޫނާ އަށް އިޙުސާސްކުރެވުނީ ހަމަ އެކަނި ހިތާމައެވެ. އަނިޔާ ލިބުނު މައުސޫމް ކުދިންގެ ލިސްޓަށް ނަމެއް އިތުރުވީތީއެވެ. ފުން ނޭވައެއް ދޫކޮށްލާފައި ޑރ. އަރޫނާ ދެން ކުރަން ޖެހިފައިވާ ސުވާލު ކުރިއެވެ.

"ރޭޗަލް ގެ ބައްޕަ އަކީ ކޮން ކަހަލަ މީހެއް؟"

ޑރ. އަރޫނާއަށް ރޭޗަލްގެ ލޮލުން ފެނުނީ ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަން އެކުވެފައިވާތަނެވެ.

"ވަރަށް ނުބައި ނުލަފާ މީހެއް. އޭނަގެ ޤަވާޢިދުން ކުރި ހަމައެކަނި މަސައްކަތަކީ މަސްތުވެގެން ހުރެ ނަތާޝާއާ އޭނަގެ މަންމައަށް އަނިޔާ ކުރުން. ޖިސްމާނީ އަނިޔާއާ އެއްވަރަށް ނަފްސާނީ އަނިޔާ ކުރި. އަނިޔާ ކުރަނީ އެއްވެސް ހައްދެއް ނެތި. ނަތާޝާ ކުޑަ އިރު ގައިގެ ކަށިގަނޑެއް ބިންދައިގެން ނުގޮސް ހުންނަ އިރެއް މަދުވާނެ. އޭނަ މަރުވީ ދުވަހު ވެސް އަސްލު ނަތާޝާ އުޅުނީ އޭނަގެ އަތްދަށުން މަންމަ ސަލާމަތްކުރަން. އެކަމަކު އެ ނުބައި މީހާ މަރުވެގެން ދިޔައީ ނަތާޝާ އެންމެ ލޯބިވާ މީހާ ފޭރިގެންފަ." އެހާހިސާބަށް ބުނެފައި ރޭޗަލް ހުއްޓާލިއެވެ. ލޮލުން އަނެއްކާ ކަރުނަ އަންނަން ފެށުމުންނެވެ.

އިވެމުން ދިޔަ ވާހަކަތައް ހިތާމައާ ސިހުމާ އެކު އަޑުއަހަމުން ދިޔަ ރީޙާންގެ ހިތުގައި އެ ކުޑަކުޑަ ނަތާޝާއާ ދޭތެރޭ އިންތިހާއަށް ހަމްދަރުދީ އުފެދުނެވެ. ޚުދު ރީޙާންގެ ބައްޕަ ދުނިޔޭގައި ހުރި އިރު ރީޙާނަށާ އޭނަގެ ކޮއްކޮމެންނަށް ފެނިފަ ހުރީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ކުލުނާއި ލޯތްބެވެ. ރީޙާންގެ ބައްޕަ އަސަދް ދުނިޔޭގައި ހުރި ކުރު މުއްދަތުގެ ތެރޭގައި ދައްކާފައިވަނީ ދެމަފިރިއަކު ގުޅިގެން ލޯތްބާއި އޯގާވެރިކަމުގެ މާޙައުލެއްގައި ކުޑަކުޑަ މުޖުތަމަޢުއެއް ބިނާ ކުރުމުގެ ލާމަސީލު ނަމޫނާއެކެވެ. ދަރިންނަށް ދެއްކީ މަންމައާއި ބައްޕަ އެކަކު އަނެކަކާއި ދަރިންނަށް ވެސް އެއްބާރުލުންދީ، އަޅާލާ، އެކަކު އަނެކެއްގެ އުފަލާއި ހިތާމައިގަ ބައިވެރިވީ ތަނެވެ. ރީޙާންގެ ބައްޕަ ދުނިޔެ ދޫކޮށްފައި ދިޔައީ އެހާވެސް ގިނަ އުފާވެރި، ލޮބުވެތި ހަނދާންތަކެއް އޭނަގެ ޢާއިލާއަށް ދީފައެވެ. ޚާއްޞަކޮށް އޭނަގެ އެންމެ ދޮށީ ދަރިފުޅު ރީޙާންއަށެވެ. ރީޙާން ކިތަންމެ ބޮޑު ވިޔަސް މިހާރުވެސް ރީޙާން އޭނަގެ ބައްޕަގެ އޯގާތެރި އަޅާލުމަށް ހިތް އެދެއެވެ. ކުޑަ އިރު ފަދައިން މިހާރުވެސް ބައްޕަ ކައިރީ އިށީނދެ އިނދެ ދިރިއުޅުމުގެ އެކިއެކި ކަންކަމުގެ ވާހަކަ ކިޔައިދީ ބައްޕައާ ޚިޔާލުބަދަލުކޮށް ވާހަކަދައްކާލާ ހިތް ވެއެވެ. ވީއިރު އަސަދު ފަދައިން ބައްޕައެއްގެ މަޤާމުގައި ހުރި މީހަކު އޭނަގެ ބެލުމުގެ ދަށުގައިވާ ކުޑަކުޑަ ދަރިފުޅާއި އެ ދަރިފުޅުގެ މަންމައަށް އަނިޔާ ކުރި ގޮތުގެ ވާހަކަތައް އަޑުއެހުން ރީޙާން އަށް ވަރަށް އުނދަގޫ ކަމަކަށް ވިއެވެ. ބުނެދޭން ނޭނގޭ ފަދަ ވޭނެއް ނަތާޝާއަށް ޓަކައި ރީޙާންގެ ހިތުގައި އުފެދުނެވެ.

"ނަތާޝާގެ މަންމަ މަރުވީ ކިހިނެތް؟" ހަމަހިމޭން ސިކުންތުކޮޅަކަށް ފަހު ޑރ. އަރޫނާ ސުވާލު ކުރިއެވެ.

ރޭޗަލް ނޭފަތް ދަމާލިއެވެ. "ނޭތަން އަނިޔާކުރަމުން ގޮސް ޖެހިލެއް ބާރުކަމުން ވިއްސައިގެންގޮސް މޭޒެއްގައި ޖެހިފަ ބޯފަޅައިގެން ދިޔައީ."

"އަސްތަޣްފިރުﷲ!" ޑޜ. ޝާމްއާ ރީޙާންއާ ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ.

ޑރ.އަރޫނާ ރީޙާންއަށް ބަލާލިއެވެ. ދެން ރޭޗަލް އަށް ބަލާލުމަށްފަހު ސުވާލު ކުރިއެވެ. "ރީޙާން އާ ނޭތަން އާ ވައްތަރު ތަ؟"

ރީޙާން ގެ ހިތް ބާރަށް ތެޅިގަތެވެ.

ރޭޗަލް ބޯޖަހާލިއެވެ. "އަހަންނަށް އެހާ ގިނައިން ނޭތަން ފެނިފައި ނުހުންނާނެ. އަހަރެންގެ މަންމަ އޮންނަނީ އޭނަ ފެންނަ ހިސާބަށް ދިއުންވެސް މަނާކޮށްފަ. އެކަމަކު ފެނިފަ ހުރި މަދު ފަހަރުތަކުގަ ފެނުނު އިރު ހުރި ގޮތާ ރީޙާން އާ ވައްތަރު ކަންނޭނގެ."

ޑރ. އަރޫނާ އާ ޝާމް އެކަކު އަނެކަކަށް ބަލާލިއެވެ. "މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާފައި އަހަރެންނަށް ލަފާކުރެވެނީ ނަތާޝާގެ ބޮލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ކުރީގެ ހަނދާންތައް މިހާރު ފެންނަ އަޞްލު ޙަޤީޤަތް ކަމުގައި ހީވަނީހެން. އެހެންވެ ރީޙާން ފެނުމުން ނަތާޝާއަށް ހީވެދާނެ އޭނަގެ ކުރިމަތީގައި ހުރީ އޭނަގެ ބައްޕަ ކަމަށް. އެހެންވެ ލިބޭ ކުއްލި ސިހުމާ، ސިކުނޑިއަށް ލިބިފައިވާ އަނިޔާއާ އެއްވުމުން އެ އަންނަ ޝޮކުގައި ހޭނެތެނީ."

ރީޙާން ވަރަށް ބޮޑަށް ދެރަވިއެވެ. އޭނައާ ހެދި ނަތާޝާގެ އެންމެ ބިރުވެރި، އެންމެ ހިތާމަވެރި، އެންމެ ވޭންބޮޑު ހަނދާންތައް ނަތާޝާއަށް އަލުން އިޙުސާސް ކުރަން ޖެހުނީތީއެވެ. އެހީވުމުގެ ނިޔަތުގައި އުޅުމުގެ ތެރޭގައި ގަސްތުގަ ނޫން ނަމަވެސް ރީޙާންގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާ ވެފައިވާތީއެވެ.

އެވަގުތު ޑރ. ޝާމް އަށް ފޯނެއް އައެވެ. "ކީކޭ ޢައްމާރު؟ ނޫން. އެބަތިބި. އާނ، މިހާރު މި އަންނަނީ."

ޑރ. ޝާމް ފޯނު ކަނޑާނުލަނީސް ޑރ. އަރޫނާއަށް ފޯނެއް އައެވެ. "އޯކޭ. ޑިސްކަސް ކުރެވިފައިވާ ގޮތަށް ސަރޖަރީ އަށް ޕްރެޕް ކުރޭ. ޑރ. ލީ އާ ޑރ. ހައިދަރް އަށް ގުޅާ. އަދި ސިސްޓަރ ޖުމާނީ އަށް ތިއޭޓަރ އަށް ދިއުމަށް އަންގާ." އަދި ވާހަކަދައްކަމުން ތެދުވެ މޭޒުމަތީ ގައި ހުރި ދަބަސް ކޮނޑުގައި އެޅުވިއެވެ.

"ކިހިނެތް ވީ؟" ކެފެޓީރިއާ އިން ނިކުންނަން ބާރަށް ހިނގަމުން ދިޔަ ދެ ޑޮކްޓަރުން ފަހަތުން ހިނގަމުން ދިޔަ ރޭޗަލް އާ ރީޙާންއާ ދެމީހުންގެ ވެސް ހިތުގައި ވާ ސުވާލު ކުރީ ރޭޗަލްއެވެ. ޑރ. ޝާމް ބަލާލީ ޑރ. އަރޫނާއަށެވެ.

ޑރ. އަރޫނާ ހިނގުމަށް ކުޑަވެސް ބަދަލެއް ނުގެނެސް ރޭޗަލް އަށް ބަލާލިއެވެ. "ނަތާޝާގެ ކޭސްގަ ކުޑަ ކޮމްޕްލިކޭޝަނެއް އައިސްގެން އުޅޭނީ. ބޮލުގެ އޮޕަރޭޝަނަކަށް ދާން ޖެހޭނެހެން ހީވަނީ. އިންޝާﷲ ދެރަގޮތެއް ނުވާނެ. ހިތްވަރުކޮށް ދުޢާކުރާތި. ޑރ. ޝާމް ވާނުވާ އަންގަދޭނެ."

އެއާއެކު ޑޮކްޓަރުންނަށް ޚާއްޞަކުރެވިފައިވާ ދޮރަކުން ވަދެގެން ދިޔައެވެ. ޝާމް ވެސް ރީޙާންގެ ކޮނޑުގައި ހިފާލާފައި ގުޅާނަމޭ ބުނެލާފައި ޑރ. އަރޫނާގެ ފަހަތުން ދިޔައެެވެ. އެވަގުތު ރޭޗަލްގެ ފޯނު ރިންގް ވިއެވެ. "އޯކޭ. މިދަނީ."

"ޢައްމާރުު ބުނީ ތިމަންނަ ހުރީ އޮޕަރޭޝަން ތިއޭޓަރ ކައިރީގައޭ. ހިނގާ އެތަނަށް." ދާންވީ ކޮޅެއް ހޯދާ ފަދަ ގޮތަކަށް ދެފަރާތް ބަލަމުން ރޭޗަލް އެހެން ބުނުމާއެކު ރީޙާން އާނއެކޭ ބުނެ ޢާންމުންނަށް ހުރި ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރީޙާންގެ ހިތް ހާސްކަމާއެކު ބާރަށް ތެޅެމުން ދިޔައިރު ރޭޗަލްއާ ހަތަރުކަޅި ހަމަކުރަން އުނދަގޫ ވިއެވެ. ލިފްޓުން ފޭބި ވަގުތު ކުޑަކޮށް ރޭޗަލް އަށް ބަލާލެވުނު އިރު ހާސްކަން ނޫން ކަމެއް އޭނަގެ މޫނުމައްޗަކުން ވެސް ނުފެނެއެވެ. ރީޙާން ނަތާޝާގެ ސަލާމަތަށް އެދި ހިތުގެ އެންމެ ފުން މިނުން ދުޢާކުރިއެވެ. ބާރަށް ހިނގަމުން ގޮސް ހޯލުގެ ކޮޅުން ގޯޅި އަޅާލެވުމާއެކު ތިއޭޓަރ ކުރިމަތީ ހިނގާލަ ހިނގާލަ ހުރި ޢައްމާރު ދެމީހުންނަށް ވެސް ފެނުނެވެ.

"ކިހިނެތްވީ؟ ނަތާޝާ ރަނގަޅުތަ؟" ރޭޗަލް ތިއޭޓަރ ދޮރުކައިރީ ހުއްޓި ހުރެ އެތެރެ ފެނޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.

"ނޭނގެ ވީގޮތެއް. ހަމަ ރީއްޗަށް ނަތާޝާ އޮވެފަ ކުއްލިއަކަށް މެޝިންތަކުން އަޑު ގޮވާފަ ނަތާޝާ އަށް ފިޓު ޖެހޭ ކަހަލަ ގޮތެއް ވީ. ވަގުތުން ބައިވަރު ޑޮކްޓަރުން އެތަނަށް ވަދެފަ އަހަރެން ބޭރުކޮށްލާފަ ހަމަ އިރުކޮޅެއް ނުވެ ނަތާޝާ ގޮވައިގެން އައިސް ތިއޭޓަރަށް ވެއްދީ. އޭގެ ފަހުން އަދި މީހަކު މިތަނުން ނުވެސް ނިކުމޭ އަދި މިތަނަކަށް ނުވެސް ވަދޭ."

ތިން މީހުންގެ ސަމާލުކަން ކުއްލިއަކަށް ދަމައިގަތީ ކުޑަ އަޑަކާއެކު ތިއޭޓަރ ދޮރުމަތިން ދިއްލުނު ރަތް ބޮތްކެވެ. އެންމެންގެ ހިތަށް އެރީ އެކައްޗެކެވެ. އޮޕަރޭޝަން ކުރަން ޖެހުނީއެވެ. ހަމައެވަަގުތު ޢައްމާރު އަށް ފޯނެއް އައުމާއެކު ދުރަށް ހިނގައިގަތެވެ.

ރީޙާން ގޮތް ހުސްވެފައިވާ މީހެއް ފަދައިން ގޮނޑީގައި އިށީނެވެ. ތިއޭޓަރ ދޮރުގައި ބޯޖައްސާލައިގެން ހުރި ރޭޗަލް އަށް ބަލާލެވުނެވެ. މޫނުގައި ބާރަށް އަތް އަޅައިގެން ހުރި ރޭޗަލް ރޮމުން ދިޔައެވެ. ރީޙާނަށް އިސް ޖަހާލެވުނެވެ.

އަދި ފަލަމަސްގަނޑުގައި އުޅަނބޮށި ޖައްސާލަމުން އިސްޖަހާލެވިފައިވާ ބޮލުގައި ދެއަތުން ހިފަހައްޓާލި އެވެ.

"ޔާ ﷲ. ނަތާޝާ ސަލާމަތްކުރައްވާނދޭވެ. މިއަޅާ އަކީ އޭނަ މަރުވި ސަބަބު ކަމުގައި ނުލައްވާނދޭވެ. ނަތާޝާ ސަލާމަތްކުރައްވާނދޭވެ. މިއަޅާގެ ސަބަބުން އޭނައަށް ލިބުނު އަނިޔާގެ ބަދަލުގައި ހެޔޮކަމެއް ކޮށްދިނުމުގެ ފުރުޞަތު ދެއްވާނދޭވެ. ނަތާޝާ ސަލާމަތްކުރައްވާނދޭވެ."

"ދަރިފުޅާ!" ދުޢާގެ ތެރެއަށް ގެނބިފައި ހުރި ރީޙާން ސިއްސައިގެން ގޮސް ބަލާލިއިރު ޖެހިގެން ހުރި ގޮނޑީގައި ހުރީ އޭނަގެ މަންމަ އެވެ. މަންމަ ފެނުމާއެކު އޭނަގެ ކަކުލުގައި ބާއްވާފައި އޮތް އޭނަގެ މަންމަގެ އަތުގައި އިޚްތިޔާރަކާ ނުލާ މޫނުގައި ޖައްސާލެވުނެވެ. މާފަށް އެދޭ ފަދައިންނެވެ.

=ނުނިމޭ=

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.