އަބްދުﷲ ރިޔާޒު 4 މަހަށް ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ.

އޭނާގެ މައްޗަށް ހުކުމް ކުރެއްވީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ދައުވާއެއް ސާބިތު ވުމުންނެވެ. ދައުލަތުން އޭނާއާ ދެކޮޅަށް ހައިކޯޓަށް ހުށަހަޅައިފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ދައުވާ އެވެ. އެދައުވާ އެނާގެ މައްޗަށް ކުރެއްވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާގެ ފޯނު ހުޅުވައި ދެއްވުމަށް އެދުމުން އެކަން ނުކޮށްދިނުމުންނެވެ.

އޭނާގެ މައްޗަށް ކުށްސާބިތުވުމުން ވަކީލުން ވަނީ ވީހާވެސް ކުޑަ އަދަބެއް އޭނާއަށް ދެއްވުމަށް އެދި ޝަރިއަތުގެ މަޖިލީހުގައި އެދިފައެވެ. އޭނާ ގޭބަންދަށް ހުކުމް ކޮށްދެއްވުމަށްވެސް ވަކީލުން އެދިވަޑައިގެންނެވިއެވެ.

މިހުކުމުގެ ސަބަބުން އޭނާގެ މެންބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެއެވެ.

އަބްދުﷲ ރިޔާޒުގެ ފަރާތުން އެ މައްސަލަ ރާއްޖޭގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އެ މައްސަލަ ސްޕްރީމް ކޯގައި އިސްތިއުނާފް ކުރާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އޭނާ އާއިލާއިން ބުންޏެވެ.

ހުކުމަށްފަހު މިހާރު އޭނާވީ މާފުށީ ޖަލަށް ގެންދިޔުމުގެ "މަގުމަތީ" ގައެވެ. އިރުކޮޅަކުން އަނެއްކާވެސް އޭނާ ޖަލުގައި ބަންދުކުރާނެއެވެ. ޖަލުގައި އޭނާއާ މެދުކަންކަން ވަމުންދާ ގޮތުން އާއިލާއާއި، އަބްދުﷲ ރިޔާޒު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންކަން ފާހަގަ ކުރައްވައި އޭނާގެ ފަރާތުންވަނީ ހިޔުމަންރައިޓްސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.