ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން މަޖިލީހުން ކަށަވަރުކޮށްދޭނެ ކަމަށް އުންމީދުކުރަން: ޢަބްދުﷲ ރިޔާޒު

ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ކަށަވަރު ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖުމްހޫރީޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރައްޔިތުންނަށް ލިބިދިނުމަށް ޤާނޫނުޢަސާސީން ލާޒިމް ކޮށްފައިވާ ހުރީހާ ޢަސާސީ ޙައްގެއްވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ހޯއްދަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ ޤާނޫނު ޢަސާސީގައި ރައްޔިތުންނަށް ދޭންޖެހޭ ކަމަށް ބުނާ އަސާސީ ޙައްޤުތައް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބި، ދިވެހިރާއްޖެ ތަރައްޤީވެގެން ދިއުމަށް ބޭނުންވާ އެހީތެރިކަން ނަވާރަވަނަ މަޖިލީހުން ކަށަވަރުކޮށްދޭނެ ކަމަށް،" ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ ނަވާރަވަނަ މަޖިލީހުން ރައްޔިތުންނަށް ފައިދާހުރި ބިލްތަކެއް ފާސްކޮށް ދެއްވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރުމުގެ ބާރުވެރިކަން ރައްޔިތުންވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.