ރިޔާޒު ދޫކޮށްލާނީ ދެވަނަ ޝަރީއަތް ނިމުމުން: ކަރެކްޝަން

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އޭނާގެ ބޭބެ އަހުމަދު ރިޔާޒާއެކު: ފޮޓޯ ވީނިއުސް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް އޭނާ ދޫނުކުރުމުން އޭނާގެ ވަކީލުން ވަނީ އެ މައްސަލަ ކޯޓަށް ވައްދައިފައެވެ.

އެކަމާ ބެހޭގޮތުން އޭނާގެ ބޭބޭ އަހުމަދު ރިޔާޒު ވިދާޅުވީ އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރެއްވި ހުކުމް ތަންފީޒުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންނަމަވެސް ހުކުމަށްފަހު އޭނާ ދޫނުކޮށް ރިމާންޑު ޖަލަކަށް ބަދަލު ކުރައްވައިފައިވާތީ އެކަމާ އާއިލާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސީނިއަރ ޕްރިޒަންސް އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ އަބްދުﷲ ރިޔާޒުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ މިހިނގާ ސެޕްޓެމްބަރުމަހުގެ 15 ވަނަ ދުވަހުކަމަށެވެ. އެހެންނަމަވެސް އޭނާ ފުރަތަމަ ބަންދުކުރީ އެހެން މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބެހެއްޓުމުގެ އަމުރުގެ ދަށުން ކަމަށެވެ. އެކަމަކު އަދި އެޝަރީއަތް ނުނިމޭ ކަމަށާއި އޭނާ ދޫކުރެވޭނީ އެ ޝަރިޢަތްވެސް ނިމުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ބެހޭގޮތުން އަހުމަދު ރިޔާޒު ވިދާޅުވީ އެބޭފުޅުންނަށް ލިބިފައިވާ ލިޔެކިޔުންތަކާއި ގާނޫނީ ޓީމުގެ ވާހަކަތަކަށް ބަލާއިރު ހުކުމް ތަންފީޒު ކުރުމަށްފަހު އެގޮތަށް ބެހެއްޓުމުގެ ބަދަލުގައި ޖެހޭނީ ދޫކޮށްލަން ކަމަށެވެ. "ދޫކޮށްލުމަށްފަހު އެހެން ޝަރީޢަތެއް އޮތްކަމަށް ވާނަމަ އަލުން ބަންދުވެސް ކުރެވޭނެ. އެހެން ނުހައްދަވަނީ ކީއްވެތޯ،" ރިޔާޒު ސުވާލު ކުރެއްވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.