އުދައެރުމާއި ވިއްސާރައިގެ ސަބަބުން އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތައް ބައްލަވަމުން ގެންދަވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު މިއަދު ވިދާޅުވީ އައްޑޫ ސިޓީގެ އެކި އަވަށްތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހުމާއި އުދައެރުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެހެންނަމަވެސް ލިބިފައިވާ ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި ބެލިފައިނެތް ކަމަށާއި އެކަން ކުރެއްވުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. "އައްޑޫސިޓީގެ އެކި އަވަށްތަކަށްވަނީ އުދައެރުމާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައި. އެ ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ބެލިފައެއްނެތް. އެހެންނަމަވެސް މިހާރު މިގެންދަނީ އެކަން ބެލުމުގެ މަސައްކަތް ކުރަމުން. މައުލޫމާތު އެއްކޮށް ނިމުމުން އަޅުގަނޑުމެން ރިޕޯޓެއް ތައްޔާރުކުރާނަން،" ޒުހައިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އުދައެރުމުގެ ސަބަބުން ކަމަށެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބޮޑު ގެއްލުމެއް އަވަށްތަކަށް ނުވިޔަސް އުދައިގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އުދައެރުމުގެ ސަބަބުން އެންމެބޮޑަށް އައްޑޫސިޓީން ގެއްލުވި އެއް އަވަށް ހިތަދުއަކީ. ގޮނޑުދޮށާ ކައިރި ހިސާބުގައިހުރި ބައެއްގެތަކަށްވަނީ ވަރަށް ބޮޑަށް އުދައިގެ އަސަރުކޮށް ގެއްލުންވެފައި. ބައެއްގެތަކުގެ އިންފާރުވެސްވަނީ ވެއްޓިފައި. އެހުރިހާ ކަމެއްވެސް ބަލަމުން މިހާރު މިދަނީ. އުދައަރާ ސަރަހައްދުގައި މިހާރުވަނީ ވެލި ބަސްތާތައްވެސް ޖަހައި ވަގުތީ ހައްލެއްވެސް ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިތުރަށް އުދައަރައިފާނެތީ މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ މުވައްޒަފުން މިހާރުވެސް ތިބީ ތައްޔާރަށް ކަމަށެވެ. ޒުހައިރު ވިދާޅުވީ މިނޫނަސް މިފަދަ ހާދިސާތައް ހިނގައިފައިވާ ކަމަށެވެ. އެހެންނަމަވެސް މިފަހަރު އުދައެރިއިރު އައިސްފައިވާ ރާޅުތައް ނުވަތަ ރާޅުބާނިތައް މާބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.