ހުޅުމީދޫ އަވަށު އޮފީސްތައް މީދޫގައި ހުންނަ އެސްޓީއޯ ޢިމާރާތަށް ބަދަލުކުރަނީ

އައްޑޫ ސިޓީ ހުޅުދޫ އަވަށު އޮފީހާއި މީދޫ އަވަށު އޮފީސް މީދޫގައި ހުންނަ އެސްޓީއޯ އިމާރާތަށް ބަދަލު ކުރަން އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ހުޅުދޫ އަވަށުގެ ކައުސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވީ އެސްޓޯއިން ދެ ފުލޯ މިހާރުވަނީ ކުއްޔަށް ނަގައިފައި ކަމަށެވެ. އޮފީސް ބަދަލުކުރާނީ އެތަނުގެ އެތެރޭގެ ކުރަންޖެހޭ ބައެއްކަންކަން ނިންމުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ އޮފީސް ބަދަލުކުރަން ނިންމެވީ ބައެއް ޚިދުމަތް ދެ އަވަށަށް ދިނުމަށް ފަސޭހައަކަށެވެ. އެހެންނަމަވެސް މީދޫގެ ބައެއް ފަރާތްތަކުން ވަނީ އެކަމަށް ދެކޮޅުހަދައިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް ހުޅުދޫ އޮފީސް ބަދަލުވާނެ ކަމަށް އެ އަވަށުގެ ކައުންސިލަރ އިބްރާހީމް ޝުކުރީ ވިދާޅުވިއެވެ.

"އޮފީސް ބަދަލުކުރާނީ އިމާރާތުގެ އިންޓީރިއާ ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސްގެން. މި ދަލުގެންނަނީ ދެ އަވަހަށް ކޮމަންކޮށްދޭންޖެހޭ ޚިދުމަތް ފަސޭހައިން ދިނުމަށް. މިސާލަކަށް ޓްރާންސްޕޯޓުގެ ޚިދުމަތާއި، މިރާގެ ޚިދުމަތާއި ވިޔަފާރިގެ ޚިދުމަތް ފަދަ ކަންކަން. އެހެންނޫނީ ދެ ސެޓަޕް ހަދަންޖެހެނީ. ދެ ސެޓަޕްހަދައިގެން ދެ އަވަށަށް ޚިދުމަތް ދިނުމުގެ ބަދަލުގައި އެއް ސެޓަޕް ހަދައިގެން ޚިދުމަތް ދިނީމައި ފަސޭހަވޭ. އެހެންވެ ދެ އަވަށުގެ  މެދުގައި ހުންނަ ޢިމާރާތަކަށް ޚިދުމަތް ބަދަލުކުރުމުން ދެ އަވަށުގެ މީހުންނަށް ވެސް ފަސޭހަވާނެ. ރައްޔިތުންނަށް ލުއިފަސޭހައެއް ކޮށްދިނުމުގެ ގޮތުން މިކަންކުރަނީ،" ޝކުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ޓްރާސްޕޯޓު މިނިސްޓްރީން ދޭންޖެހޭ ޚިދުމަތް ފަދަ ގިނަކަންކަން ލިބެން ހުންނަނީ ހުޅުދޫ އަވަށު އޮފީހުން ކަމަށެވެ. އެ އޮފީސް މިހުންނަނީ ބަނދަރު ސަރަޙައްދުގައި ކަމަށާއި މީދޫގެ އެންމެ ކޮޅުގައި ތިބޭ ބައެއްމީހުން ހިނގާލާފައި އެޚިދުމަތް ހޯދަން ހުޅުދޫ އޮފީހަށް އަންނަން ޖެހުމުން އެފަދަ މީހުންގެ ޝަކުވާ ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. "ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނީ މިކަހަލަ ގޮތަކަށް ކަންކަން އިންތިޒާމުކޮށްގެން،" އޭނާ ވިދާޅުވިއެވެ.

އޮފީސް ބަދަލު ކުރަން ނިންމުމުން ހުޅުދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު މުސްތަފާ ވިދާޅުވީ އެއީ އެންމެ ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ވެސް ގިނަ މީހުން އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރަނީ ރައްޔިތުންނާ ވެސް އަދި އަވަށު އޮފީސް މުވައްޒަފުންނާ ވެސް މަޝްވަރާ ނުކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަވަށު އޮފީހަކީ މަގުމަތީ ބައްތި މަރާމާތުކުރަން ބޭނުންކުރާ ސާމާނުތަކާއި، މިސްކިތްތަކުގެ ސްޓޮކާއި، އޮފީހުގެ ސްޓޮކާއި މުނިސިޕަލް ސާވިސް ދިނުމަށް ބޭނުންވާ ސާމާނާއި، މިކަހަލަ ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްހުރި ތަނަކަށް ވެސް ވާންޖެހޭނެ. މިފަދަ އެއްވެސް ތަނެއް ހުރިތަނެއްނޫން އެއީ،" މުސްތަފާ ވިދާޅުވިއެވެ. އަދި މީހުންގެ ވެހިކަލްތައް ޕާކުރެވޭނެ ގޮތެއްވެސް އެތާކު ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަކަން މިހެން ހުއްޓަސް ކައުންސިލްގެ ނިންމުމަށް އިޙުތިރާމް ކުރައްވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.