އެމްއެންޑީއެފާއި ފަތުރުވެރިން ނުކުމެ މަރަދޫ ސްވިމިން ޓްރެކް ސާފުކޮށްފި

އެމްއެންޑީއެފް ސަދަން އޭރިއާގެ ޑައިވަރުންނާއި ޓޫރިސްޓުންތަކެއް ނުކުމު އައްޑޫ ސިޓީ މަރަދޫ ފަތާ ފެންގަނޑު ހިމެނޭ ސަރަޙައްދު ސާފު ކުރުމުގެ ޙަރަކާތެއް މިއަދު ހިންގައިފިއެވެ.

މިއީ އައްޑޫ ސިޓީ މަރަދޫގައި ހިންގާ އަކުއަވެންޗަރ އިން އިސްނަގައިގެން ބޭއްވި ޙަރަކާތެކެވެ. އަކުއަރވެންޗަރގެ ވެރިޔާ އަދި އައްޑޫސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު ޢަބްދުﷲ ޠައްޔިބު (ޓޮމް) ވިދާޅުވީ މިޙަރަކާތުގައި އެންއެންޑީއެފްގެ 25 ވަރަކަށް ޑައިވަރުންނާއި ޗުއްޓީ ހޭދަކުރުމަށް އައްޑުއަށް އައިސްތިބި ފަތުރުވެރިންގެ ތެރެއިން 10 ވަރަކަށް މީހުން ބައިވެރިވެރިވި ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ މަސައްކަތުން ތިންޓަނެއްހާ ކުނި ނެގުނުކަމަށެވެ. "އަދިވެސް އެސަރަޙައްދުން ހައެއްކަ ޓަނުގެ ކުނިނެގޭހާ ކުނިއެބަހުރި. ކުނީގެ ތެރޭގައި ވަރަށް ގިނައަހަރުތަކެއް ވެފައިވާ ކުނިތައް ވެސް އެބަހުރި. އޭގެ ތެރޭގައި ބޮޑެތި ކެންވަސްތަކާއި، ފުރިޖާއި، އަދި ވެސް ތިމާވެއްޓަށް ގެއްލުންވާ ޒާތުގެ ބައިވަރު ކުނި ހިމެނޭ،" ޓޮމް ވިދާޅުވިއެވެ.

    އޭނާ ވިދާޅުވީ އަދިވެސް އެމްއެންޑީއެފާ ވާހަކަ ދައްކައިގެން އެސަރަޙައްދާއި އަދިވެސް އެފަދަ އެހެން ސަރަޙައްދުތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޓޮމްވިދާޅުވީ މި މަސައްކަތުގައި އެމްއެންޑީއެފް އާއި ވެމްކޯއިން ވަރަށްބޮޑު އެހީތެރި ކަމެއް ދެއްވައިފައިވާތީ އެތަންތަނުގެ ވެރިންނާއި، ބައިވެރިންނާއި، އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

"މިއީ މީހުން ހޭލުންތެރިކުރުމުގެ ނިޔަތުގައި ކުރިކަމެއް. މަރަދޫ ސްވިމިން ޓްރެކް ސަރަޙައްދަކީ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު މޫދަށްއެރޭ ސަރަޙައްދެއް. އެތަނުގެ އަޑީގައި ވަރަށް ބައިވަރު ކުނިތައްހުރި. ޓަނުންކުނިތައްހުރި އެތާގައި. އެތަނަށް ޖަމާވެފައިވާ ކުނިތަކަކީ އެކި މޫސުމް ތަކުގައި މީހުން އެކިދިމާއަށް އުކާލާ ކުނިތައް،" ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ މިފަދަ ކަންކަމަށް އިސްނަގައިގެން ކަމެއްކުރާ ބަޔަކު ވެސް ޖަމްޢިއްޔާވެސް މިހާރު އައްޑޫސިޓީއަކުން ނުފެންނަ ކަމަށެވެ. މި ޙަރަކާތް ބާއްވަން ވެސް އިސްތިހާރު ކުރެއްވިނަމަށްވެސް ދެތިން މީހަކު ފިޔަވައި އެކަމުގައި ބައިވެރިވާނެ ބަޔަކު ނުވިކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް އެމްއެންޑީއެފްގެ ވިހި ނުވަތަ ފަންސަވީސް ބޭކަލުން ދިޔަ. ގެސްޓުން މެންދުރުފަހުގެ ޑައިވިން ކެންސަލް ކޮށްލާފައި އެމީހުން ބޭނުންވި މިކަމުގައި ބައިވެރިވާން. އެމީހުން އައިސް އަޅުގަނޑުމެންނާ ބައިވެރި އެމީހުންނާއި އެމްއެންޑީއެފާއި އަކުއަވެންޗަރ ކުދިންކޮޅެއް މީގައި ބައިވެރިވީ،" ޓޮމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.