ވަރުގަދަ ވެރިންނަކީ ސިޔާސީ އެހެން ލީޑަރުންނަށްވެސް ފުރުސަތު ދެއްވާ ބޭފުޅުން: އުމަރު

ވަރުގަދަ ސިޔާސީ ވެރިންނަކީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދީގެން ތިމާގެ ވެރިކަން ސަލާމަތް ކުރާ މީހުންކަމަށް މިސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ތިމާގެ ވެރިކަން ދިފާއު ކުރުމަށްޓަކައި ވާދަވެރި ސިޔާސީ ލީޑަރުން ޖަލަށް ލުމަކީ ސިޔާސީ ގޮތުން ބާރެއް އޮތްކަން ދަލީލުކޮށްދޭ ކަމެއްނޫން ކަމަށެވެ. ސިޔާސީ ގޮތުން ބާރުގަދަ ލީޑަރުންނަކީ ވާދަވެރި ސިޔާސީ ލީޑަރުންނަށް ވެސް ހަރަކާތްތެރިވެވޭނެ ގޮތަށް ފުރުސަތު ދެއްވުމަށްފަހު އަމިއްލަ ވެރިކަން ދިފާއު ކުރައްވާ ވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަލްޓި ޕާޓީ ޑިމޮކްރަސީގައި ސިޔާސީ އިދިކޮޅު ލީޑަރުން ތިބޭނެ. އެމީހުންގެ ސިޔާސީ ގަޅި އުކުންތައް ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އަމާޒުވާނެ. އެކަން ކަމަށްޖެހޭނީ ފުރުސަތު ދޭން. އިދިކޮޅުން އަންނަ "ހަމަލާ" ތަކަށްވުރެ ބޮޑަށް ދިފާއުވާނެ ވަރުގަދަކުރަން. އެކަން ކުރެވޭނީ ރައްޔިތުންގެ ރުހުމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކަށް ތަބާވެ އެއާ އެއްގޮތަށް ވެރިކޮށްގެން. އެހެންނޫނީ ވެރިކަމުގެ ކިއްލާގައި ހެސްކިޔާފައި ރެނދުލައި އެންމެފަހުން ވެއްޓޭނެ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއްގެ ވެރިއަކަށް އޭރަކު ހުންނަވާނީ އިދިކޮޅު ލީޑަރުންނާއި އެފަރާތްތަކަށް ތާއިދުކުރާ މީހުންނަށްވެސް ވެސް ވެރިކަން ކޮށްދެއްވާ ބޭފުޅާ ކަމަށެވެ. އެހެންވީމާ އެމީހުންގެ ހައްގުތަކާއި މިނިވަން ކަމަށްވެސް ފުރުސަތު ދެއްވުމަކީ ވެރިކަމުގެ ކޮއިލު ތެރެއިން ނުވަތަ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައި ގަންނަވާނެ ކަމެއް ކަމަށެވެ.
އެންމެންނަށް ހަމަހަމަކޮށް އިންސާފުން ވެރިކަން ކޮށްދެއްވާ ވެރިންނަކީ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު ވެރިކަން ކުރައްވާ ބޭފުޅުން ކަމަށާއި އެފަދަ ބޭފުޅުންނަށް ކަށަވަރުކަމާއެކު އިތުރު ދައުރެއް ޔަގީން ކުރުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވިއިރު ރާއްޖެގެ ސިޔާސީ ޕާޓީތަކުގެ ހުރިހާވެރިން މިވަގުތު ތިބީ ޖަލުގައެވެ. ރައީސް މައުމޫނާއި، ޝައިޚް އިމްރާން ވީ ޖަލުގައެވެ. ގާސިމް އިބްރާހީމަށް ޖަލު ހުކުމެއް އިއްވައި އެހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އަދި އެނބުރި ވަޑައެއް ނުގަންނަވައެވެ. ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނުވެސް ބޭސް ފަރުވާއަކަށް ވަޑައިގެންނެވި ގޮތަށް މިހާރު ހުންނެވީ އިނގިރޭސީންގެ ހިމާޔަތުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.