އެއްގުއްޓުން ރައީސް ޔާމީން ބަލިކުރެވޭ ވަރުގެ ރިޔާސީ ކެންޑިޑޭޓެއް ގުޅިފައިވާ ޕާޓީތަކުން ނެރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ރޭ އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަވައިގެން އިންތިޚާބެއް ނުބާއްވާނެ ކަމަށާއި، އެހެންނަމަވެސް ހުއްޓާލާނީ މިނިވަން އިންސާފުވެރި އިންތިޚާބެއް މި ގައުމަށް ހޯއްދަވައި ދެއްވުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައިވަނީ ވައްކަމާއި، ކޮރަޕްޝަނާއި އަނިޔާކަމަށެވެ. "މިވެރިކަމުގެ ތެރޭގައި އޮތީ ވައްކަން، ލޮރަޕްޝަން، އަނިޔާ މިހެން ގޮސް ރައްޔިތުންނަށް ގެއްލުންވާ ހުރިހާ ކަމެއް ޔާމީންގެ ވެރިކަމުގައި އަޅުގަނޑުމެންނަށް މިއަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުން،" މުހައްމާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ ޝައްކެއް އޮތް ކަމެއްނޫން ކަމަށާއި އެއީ ފެނި އެނގިހުރި ކަންކަންކަމަށެވެ. ދައުލަތުގެ ތިޖޫރީން ވައްކަން ކޮށްފި ކަމަށާއި، ރައްޔިތުންގެ މުދަލާއި ފައިސާއިންވެސް ވައްކަން ކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ. ތިޖޫރީގައި ހުރި ފައިސާތައް ނެގި މީހުން ހޯދައި އެމީހުން ހުއްޓުވަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއި، އަޅުގަނޑުމެން ނުކުމެ މިކުރާ މަސައްކަތަކީ އެފައިސާ ހޯދުމުގެ މަސައްކަތް. އެ އަނިޔާވެރިކަން ހުއްޓުވުމުގެ މަސައްކަތް. ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އާންމު ވެއްޖެ. ދުނިޔެ ނުދެކޭ ވަރަށް ދިވެހިރާއްޖޭގައި މިއޮތީ ވައްކަމާއި، އަނިޔާ އަށަގެންފައި،" މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި މިހާރު ތިއްބެވީ ބަރުބާދުވެފައިވާ އެމަނިކުފާނުގެ "އަޅުން" ކަމަށެވެ.