ނަޝީދު އުޅުއްވަނީ އިބޫއަށް ލޮޓީއެއް ދޭން، އިބޫ ވިސްނަވާތި: ނިހާން

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ރިޔާސީ ކެންޑިޑޭޓަކަށް ނެރުއްވައިގެން އެމަނިކުފާނަށް ލޮޓިއެއް ދެއްވަން ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރުމާލޭ 2 ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިހާން ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ އަށާރަ މަސްދުވަހު ވެރިކަން ކުރެއްވުމުގެ ފުރުސަތު އިބޫއަށް ދެއްވުމަށްފަހު ބާކީ މުއްދަތު ފޭރިގަންނަން ކަމަށެވެ. މިހެން ވުމުން އިބޫއަށް ފަސް އަހަރުގެ ދައުރެއް ލިބޭނެކަން އަދިވެސް ކަށަވަރުވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ރައީސް ނަޝީދަށްވުރެ ގިނަ ދޮގުހެއްދެވި ބޭފުޅަކު ރާއްޖެއަށް އުފަންވެފައިނެތް ކަމަށެވެ. "ދިވެހިރާއްޖޭގެ ހިކިފަސްވީ އެއްވެސް ތަންކޮޅެއްގައި އުފަން ނުވާނެ ކެނެރީގެ މުހައްމަދު ނަޝީދަށްވުރެ ބޮޑު ދޮގުވެރިއަކު. އޭނައަށްވުރެ ބޮޑު ދޮގުތައް ހެދިމީހަކު. ރާއްޖޭގެ ވަލިއްޔުލް އަމުރުކަމާ ހަވާލުވެގެން އެންމެ ކުރުމުއްދަތުގައި އެންމެ ގިނަދޮގުތައް ހެދި މީހަކީވެސް ހަމަ ކެނެރީގެ މުހައްމަދު ނަޝީދު،" ނިހާން ވިދާޅުވިއެވެ. އެގޮތަށް ވިދާޅުވެގެން ރައީސް ނަޝީދާއި އެމަނިކުފާނުގެ އާއިލާއިން ވަޑައިގަންނަވާނެ ކޮންމެ ކޯޓަކަށް ވަޑައިގެންނެވިޔަސް މައްސަލައެއްނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މުހައްމަދު ނަޝީދާއި ކެނެރީގޭ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބްރާހީމް މުހައްމަދު ސާލީހަށް ލޮޓިއެއް ދޭން ވެގެން. ނިކަން ބަނިޔާދަން ރަނގަޅު މަޑުމަޑުންހުރި ޅ.އަތޮޅު ހިންނަވަރު ބޭފުޅުޅެއް އިބްރާހީމް މުހައްމަދު ސާލިހަކީ. އޭނާ ލައްވައި މިއުޅެނީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރައްވާފައި ބާކީބައި ފޭރިގަންނަން،" ނިހާން ވިދާޅުވިއެވެ. ނީހާން ވިދާޅުވީ އެއީ ދޮގެއް ކަމަށް އިބޫއަށްވެސް ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

"މި ފަސް އަހަރުގެ ވާހަކަ ވަރަށް ރީއްޗަށް އެބޭފުޅުން ވިދާޅުވެ ދެއްވަންޖެހޭނެ. އެމްޑީޕީން މިއަށް ޖަވާބު ދެއްވަން ޖެހޭނެ. ވިދާޅުވެދެއްވާ ވަރަށް ސާފުކޮށް ތިމަންނަމެން ކުރިމަތި މިލަނީ ހިތްހަލާލު ކަމާއެކުގައި އެއްވެސް ކަހަކަ ބައިއަތު ހިފުމެއްނެތި އެއްވެސް ކަހަލަ ބިރު ދެއްކުމެއްނެތި ބަޑިން ބިރުދެއްކުމެއްނެތި ވަޅިން ވެސް ބިރު ދެއްކުމެއްނެތި ސައްހަކަންމަތީގައި ފަސް އަހަރަށްކަން،" ނިހާން ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ކުރައްވަން އެއުޅުއްވާ ކަމާމެދު ސީދާ އިބޫ ވަރަށް ބޮޑަށް ވިސްނެވުމަށް ވެސް ނިހާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.