އިސްލާމްދީނުގައި އަސާސީ ބޭނުންތައް ފުއްދުމުގެ ޙައްޤު (2)

(13 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގެދޮރު ހޯދުމުގެ ޙައްޤު  

ގެދޮރަކީވެސް އިންސާނާގެ އަސާސީ ބޭނުމެކެވެ. އޭނާއަށް ލިބެންޖެހޭ އަސާސީ ޙައްޤެކެވެ. ގެދޮރުގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެއިން ކޮންމެ ބާވަތަކީވެސް އޭގެ މަޤާމުގައި މުހިންމު އެއްޗެކެވެ. ކީރިތި ޤުރްއާނުގައި ގެދޮރުގެ ވާހަކަ ބަޔާންކުރައްވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.

وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَنًا وَجَعَلَ لَكُمْ مِنْ جُلُودِ الْأَنْعَامِ بُيُوتًا تَسْتَخِفُّونَهَا يَوْمَ ظَعْنِكُمْ وَيَوْمَ إِقَامَتِكُمْ وَمِنْ أَصْوَافِهَا وَأَوْبَارِهَا وَأَشْعَارِهَا أَثَاثًا وَمَتَاعًا إِلَى حِينٍ * وَاللَّهُ جَعَلَ لَكُمْ مِمَّا خَلَقَ ظِلَالًا وَجَعَلَ لَكُمْ مِنَ الْجِبَالِ أَكْنَانًا وَجَعَلَ لَكُمْ سَرَابِيلَ تَقِيكُمُ الْحَرَّ وَسَرَابِيلَ تَقِيكُمْ بَأْسَكُمْ كَذَلِكَ يُتِمُّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تُسْلِمُونَ ( النّحل: ٨٠ – ٨١)

މާނައީ: "އަދި اللّه، ތިޔަބައިމީހުން ހިމޭންވެ ތިބޭ ތަންތަން ކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائم ވެ ތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعم ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި އެ ތަކެތީގެ ލޯލިންނާއި އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ. އަދި اللّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ."

މަތީގައި ބަޔާންކުރެވުނު ދެ އާޔަތުގައި ތިން ބާވަތެއްގެ ގޭގޭގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ.

  1. އިންސާނުން ފަރުބަދަތަކާއި ޖަންގަލިތަކުގައި ހަދާ ގެތައް ނުވަތަ ޓިކާނާތައް: ތާރީޚުގެ ކުރީގެ ދައުރުތަކުގައި އިންސާނުން ޢާންމުކޮށް ބޭނުންކޮށް އުޅުނީ އެބާވަތުގެ ތަންތަން ކަމުގައި ވެދާނެއެވެ. ނަމަވެސް މިޒަމާނުގައި އެބާވަތުގެ ތަންތަން ގިނައިން ބޭނުންކުރަނީ ޢަސްކަރީ ބޭނުންތަކުގައެވެ. ހަނގުރާމައިގެ ބޭނުން ފިޔަވައިވެސް ވަގުތީ ނުވަތަ ކުއްލި ބޭނުންތަކުގައި އެބާވަތުގެ ތަންތަން ބޭނުން ވެދާނެއެވެ.
  1. ފޭލިގެ ނުވަތަ ޓެންޓްތަކުގެ ސިފައިގައި އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ބަދަލުކުރާ ގޮތަށް ހަދާ ގޭގެ: މިފަދަ ގޭގެ ޢާންމުކޮށް ބޭނުންކުރާނީ އެތަނެއްގައި ދާއިމީ ގޮތެއްގައި ވަޒަންވެރިނުވެ އަވަސްއަވަހަށް އެއްތަނުން އަނެއްތަނަށް ހިޖުރަކުރާ ގޮތުގައި ދިރިއުޅޭ މީހުންނެވެ. ނުވަތަ ޢަސްކަރީ ބޭނުންތަކަށާއި، ހިތްއުފާކޮށްލަން ކޮށްއުޅޭ މުނިފޫހިފިލުވުމުގެ ދަތުރުތަކުގައެވެ.
  1. ގޭގޭގެ ތިންވަނަ ވައްތަރަކީ ކީރިތި ޤުރްއާނުގައި "سَكَنًا" މި ލަފުޒު ބޭނުންކުރައްވައިފައިވާ ފަދަ ގޭގެއެވެ. އިންސާނުން މުސްތަޤިއްލު ގޮތުގައި ދިރިއުޅެނީ އެފަދަ ގެތަކުގައެވެ. އެ ގެތަކުން އިންސާނުންގެ ދިރިއުޅުމުގެ ބޭނުންތައް ފުރިހަމަކުރެވެއެވެ. އެ ގެތަކުން އެބައިމީހުންނަށް ހަނުހިމޭންކަމާއި އަރާމު ލިބެއެވެ. މިފަދަ ގެތަކަކީ ރަށްވެހި ދިރިއުޅުމެއްގެ ލާޒިމު ބައެކެވެ.

މަތީގައި ބަޔާންކޮށްފައިވާ ތަފާތު ބާވަތްތަކުގެ ގޭގެއާއި ޢާންމު އުނުފޭރާމާއި ހަނގުރާމައިގައި ބޭނުންކުރާ ޢަސްކަރީ ހެދުންތަކާމެދު އިސްވެދިޔަ ދެއާޔަތުގައި ދެކަމެއް ފާހަގަކުރައްވައިފައިވެއެވެ. އެއްކަމަކީ އެތަންތަނާއި ތަކެތީން އިންސާނާގެ ބޭނުންތަކެއް ފުދޭކަމެވެ. އަނެއްކަމަކީ އެއީ މާތް اللّه ގެ ނިޢުމަތެއްކަމެވެ. ދީލަތިވަންތަ ކަމެއްކަމެވެ. އިޙްސާންވަންތަ ކަމެއްކަމެވެ.

އޭގެ މާނައަކީ މީހަކަށް ގެއެއްގެ ނަޞީބު ލިބިފައިވާނަމަ، އެމީހަކަށް މާތް اللّه ގެ ނިޢުމަތެއް ލިބިފައިވާކަމެވެ. އެކަމަށްޓަކައި اللّه އަށް ޝުކުރުވެރިވާން ޖެހޭނެކަމެވެ. ގެއެއް ނެތް މީހަކުނަމަ އެމީހަކު ގެއެއް ހޯދަން މަސައްކަތްކުރުމަކީ ކުށަކަށް ނުވާނެކަމެވެ. އަދި ކީއްތޯއެވެ؟ އެކަމަކީ އިސްލާމްދީން ރުހުމުގެ ނަޒަރަކުން ބަލާ ކަމެއްކަމެވެ. އެހެނީ އެމީހަކު އެ މަސައްކަތްކުރަނީ މާތް اللّه ގެ ނިޢުމަތެއް ހޯދުމަށެވެ. އޭނާ އެ ނިޢުމަތް ހޯދަންއުޅެނީ އެކަމުގައި އެހެން ފަރާތެއްގެ އެހީއަށް މުހުތާދުނުވެ އަމިއްލަޔަށް ފުދިގެން އުޅުމަށްޓަކައެވެ.

ގެދޮރަކީ އިންސާނީ ބޭނުމެކެވެ. އިސްލާމީ ސަރުކާރަކުން އެ ސަރުކާރުގެ މުވައްޒަފުންގެ މި ބޭނުން ފުއްދައިދޭނެއެވެ. އަދިކީއްތޯއެވެ؟ އެ ސަރުކާރުން މަސައްކަތްކުރާނީ ޤައުމުގެ ހުރިހައި ރައްޔިތުންނަށް ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުމަށެވެ. އެކަމުގައި ސަރުކާރަށް ވެދެވޭން އޮތް އެހީއެއް ރައްޔިތުންނަށް ވެދޭނެއެވެ. ރައްޔިތުންގެ ތެރެއިން ގެދޮރު ހުރި މީހުންގެ ގެދޮރުގެ މިލްކުވެރިކަމުގެ ޙައްޤު ސަރުކާރުން ޤަބޫލުކުރާނެއެވެ. އަދި އެ ޙައްޤު ރައްކާތެރިކޮށްދޭނެއެވެ.

ޚާދިމުންނާއި ސަވާރީ ހޯދުމުގެ ޙައްޤު

އިސްލާމްދީން ޤަބޫލުކުރާ ޙަޤީޤަތެކެވެ. ޚާދިމުންނާއި ސަވާރީއަކީވެސް އިންސާނީ ބޭނުމެކެވެ. އޭނާއަށް ލިބެންޖެހޭ އަސާސީ ކަމެކެވެ. مُستورد بن شدّاد رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ.

"مَنْ كَانَ لَنَا عَامِلًا فَلْيَكْتَسِبْ زَوْجَةً، فَإِنْ لَمْ يَكُنْ لَهُ خَادِمٌ فَلْيَكْتَسِبْ خَادِمًا، فَإِنْ لَمْ يَكُنْ لَهُ مَسْكَنٌ فَلْيَكْتَسِبْ مَسْكَنًا، قَالَ: قَالَ أَبُو بَكْرٍ: أُخْبِرْتُ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَنِ اتَّخَذَ غَيْرَ ذَلِكَ فَهُوَ غَالٌّ أَوْ سَارِقٌ" (أبوداود، كتاب الخراج والفى والإمارة، باب فى أرزاق العمال)

މާނައީ: "އަހުރެމެންގެ ޢާމިލުންކުރެ ކައިވެނިނުކޮށް ހުރި މީހަކު (ބައިތުލްމާލުން އެހީ ހޯދައިގެން) ކާވެނިކުރާހުށިކަމެވެ. ޚާދިމަކު ނެތް މީހަކުނަމަ ޚާދިމަކު ހޯދާހުށިކަމެވެ. ގެއެއް ނެތް މީހަކުނަމަ ގެއެއް އަޅާހުށިކަމެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. މިނޫން ބޭނުމެއް ބައިތުލްމާލުން ފުއްދައިފި މީހާ ޚިޔާނަތްތެރިވެއްޖެއެވެ. ނުވަތަ ވައްކަންކޮށްފިއެވެ."

މި ޙަދީޘުގައި ވަނީ ސަރުކާރުގެ މުވައްޒަފުންނަށް އެބައިމީހުންގެ ޙަޤީޤީ ބޭނުންތައް ބައިތުލްމާލުގެ އެހީގައި ފުއްދުމުގެ ހުއްދަ ދެއްވައިފިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މި ހުއްދަޔަކީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް ހަމަޖެއްސުމުގެ ކުރީން އިންތަކަކާއި ގަވާއިދުތަކަކާއެކު ދެއްވައިފައިވާ ހުއްދައެކެވެ. ދައުލަތުގެ މާލިއްޔަތާވެސް ގުޅޭ ހުއްދައެކެވެ. މީހަކަށް އެމީހެއްގެ މިދެންނެވިފަދަ ބޭނުންތައް ފުއްދޭވަރުގެ މުސާރައެއް ލިބޭނަމަ ދައުލަތުގެ ޚަޒާނާއިން އިތުރު ފައިދާ އަމިއްލައަށް ހޯދައިގަތުން ހުއްދައެއް ނުވާނެއެވެ.

އިޤްތިޞާދީ ތަނަވަސްކަން ލިބިގަތުމުގެ ޙައްޤު

އިސްލާމްދީން އިޤްތިޞާދީ ތަނަވަސްކަން ހޯދުމަކީ ކުށެއްކަމަކަށް ނުބަލައެވެ. އަދި ކީއްތޯއެވެ؟ އިންސާނާ މާތް اللّه ގެ ޙުކުމްފުޅުތަކަށް ބޯލަނބާނަމަ، އަދި އޭނާގެ އަތްމަތީގައި اللّه ގެ ދީން ޤާއިމުވެއްޖެނަމަ އޭނާއަށް އިޤްތިޞާދީ ތަނަވަސްކަން ލިބުމަކީ އިސްލާމްދީނުގެ ވަޢުދެކެވެ. މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

وَلَوْ أَنَّهُمْ أَقَامُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْهِمْ مِنْ رَبِّهِمْ لَأَكَلُوا مِنْ فَوْقِهِمْ وَمِنْ تَحْتِ أَرْجُلِهِمْ مِنْهُمْ أُمَّةٌ مُقْتَصِدَةٌ وَكَثِيرٌ مِنْهُمْ سَاءَ مَا يَعْمَلُونَ (المائدة: ٦٦)

މާނައީ: "އަދި އެއުރެން توراة އާއި إنجيل އާއި އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނަށް ބާވައިލެއްވި ފޮތުގެ (އެބަހީ: قرآن ގެ) حكم قائم ކުރިނަމަ، އެއުރެންގެ މަތިންނާއި އެއުރެންގެ ފައިދަށުން އެއުރެންނަށް رزق ލިބުނީހެވެ. އެއުރެންގެ ތެރެއިން މެދުމިން ބަޔަކުވެސް ވެއެވެ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ކުޅަ عمل ތަ­އް ހާދަހާ ނުބައިވެގެންވެއެވެ."

އިސްލާމްދީން މުދަލުގެ އަހަންމިއްޔަތާމެދު ފަރުވާކުޑަކޮށެއް ނުލައެވެ. އަދި ކީއްތޯއެވެ؟ އެކަން ތަސްލީމްކުރިއެވެ. މުދަލަކީ އިންސާނީ ޙަޔާތެއް ބިނާކުރުމާއި ދެމެހެއްޓުމުގެ ވަސީލަތެއް ކަމުގައި ބަޔާންކުރިއެވެ. ކީރިތި ޤުރްއާނުގައި އިރުޝާދު ދެއްވައިފައިވެއެވެ.

وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَعْرُوفًا (النّساء: ٥)

މާނައީ: "އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭ މީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއް ކަމުގައި اللّه ތިޔަބައިމީހުންނަށް ލައްވައިފައިވާ އެއްޗެކެވެ."

މީހަކަށް މުދަލުގެ ތަނަވަސްކަން ލިބިހުރުމާއި، އެ މުދާ ހެޔޮކަންތައްތަކަށް ހޭދަކުރަމުން ގެންދިޔުމަކީ އެފަދަ ނަސީބަކާމެދު ހަހުރަކުރުން ހުއްދަ ނިޢުމަތެކެވެ. رسول اللّه صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.

"لاَ حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٍ آتَاهُ اللَّهُ مَالًا، فَسَلَّطَهُ عَلَى هَلَكَتِهِ فِي الحَقِّ، وَرَجُلٍ آتَاهُ اللَّهُ حِكْمَةً، فَهُوَ يَقْضِي بِهَا وَيُعَلِّمُهَا" (بخارى، كتاب العلم، مسلم، كتاب صلاة المسافرين)

"ހަހުރަކުރުން ވަނީ ހަމައެކަނި ދެމީހަކަށް ލިބިފައިވާ ނިޢުމަތާމެދުގައެވެ. އޭގެތެރެއިން އެކަކީ މާތް اللّه އޭނާއަށް މުދާ ދެއްވުމުން މާތް اللّه ގެ މަގުގައި އެ މުދާ ހޭދަކޮށްލުމުގައި ކުރިޔަށް ނިކުމެ ހުންނަ މީހާއެވެ. ދެވަނަ މީހަކީ މާތް اللّه އޭނާއަށް ޙިކުމަތް (ދީނުގެ ފަހުމު) ދެއްވުމުން އެއާ އެއްގޮތަށް ނިޔާކަނޑައަޅައި އަދި އަނެކުންނަށް އެކަން އުނގަންނައިދޭ މީހާއެވެ."

سعد رضى اللّه عنه ގެ އަރިހުން ރިވާވެފައިވެއެވެ. މާތް اللّه ގެ ރަސޫލާ صلّى اللّه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

"إِنَّ اللهَ يُحِبُّ الْعَبْدَ التَّقِيَّ، الْغَنِيَّ، الْخَفِيَّ" (مسلم، كتاب الزهد والرقائق)

"ހަމަކަށަވަރުން މާތް اللّه އަށް ތަޤްވާވެރި، އަދި ވަންހަނާވެގެން ހުންނަ މުއްސަނދި މީހާ ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ." މަޠުލަބަކީ ދެއްކުންތެރިކަމެއް މަޝްހޫރުވުމުގެ އެދުމެއްނެތި މާތް اللّه އަށްޓަކައި ހަނުހިމޭންކަމާއެކު ތިމާގެ މުދާ ހޭދަކުރާ މުއްސަނދި މީހާ ދެކެ މާތް اللّه ވަރަށް ބޮޑަށް ލޯބިވެވޮޑިގެންވެއެވެ.

عمرو بن العاص رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. މާތް اللّه ގެ ނަބިއްޔާ صلّى اللّه عليه وسلّم ޙަދީޘްކުރައްވައިފައިވެއެވެ.

"نِعْمَ المالُ الصّالِحُ للرَّجُلِ الصَّالح" (مسند أحمد 2/193)

މާނައީ: "ހެޔޮގޮތުގައި ހޯދިފައިވާ މުދަލަކީ ޞާލިޙު އަޅަކަށްޓަކައި ރަނގަޅު އެއްޗެކެވެ."

އާދެ، ހުއްދަ ގޮތުގައި ހޯދައިފައިވާ މުދަލަކީ ހެޔޮލަފާ މީހުންގެ އަތުގައި ހުންނައިރު ނުރުހެވޭ އެއްޗެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ރަނގަޅު އެއްޗެކެވެ. ހެޔޮކަމުގެ ވަސީލަތެކެވެ. އެއީ މާތް اللّه ގެ ދީނަށާއި، އެކަލާނގެ އަޅުތަކުންނަށް ޚިދުމަތް ކުރެވިދާނެ ރަނގަޅު ވަސީލަތެކެވެ.

އިސްވެދިޔަ އިރުޝާދުތަކުން އެނގޭގޮތުގައި މުދަލާއި ފައިސާ ހޯދުމަށް، ހުއްދައިމުގެ ތެރޭގައި މަސައްކަތް ކުރުމަކީ އިސްލާމްދީން ނުރުހޭކަމެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އިސްލާމްދީން އެކަމުގެ މަގުފަހިކޮށްދޭ ކަމެކެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު

އިސްލާމީ ދައުލަތަކީ، ޢާންމު ފައިދާއަށް މަސައްކަތް ކުރާ ދައުލަތެކެވެ. މިޒަމާނުގެ ތަޢުބީރަކުން ދަންނަވާނަމަ، ވެލްފެއަރ ސްޓޭޓެކެވެ. އެ ދައުލަތުގެ ރައްޔިތުންކުރެ އަސާސީ ބޭނުންތައް ފުއްދޭވަރުނުވާ ކޮންމެ މީހެއްގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ އެ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ! ކައުސާހިބާ صلّى اللّه عليه وسلّم އިޢުލާންކުރައްވައިފައިވާ މަޢީޝީ ބޭނުންތައް ފުއްދަވައިދެއްވުމުގެ އިޢުލާން ރިވާކުރައްވާ އެއްބޭކަލަކީ أبو هريرة رضى اللّه عنه އެވެ. އެކަލޭގެފާނު ރިވާކުރައްވައިފައިވާ ޢިބާރަތް ތިރީގައި މިދަންނަވަނީއެވެ.

"فَلَمَّا فَتَحَ اللَّهُ عَلَيْهِ الفُتُوحَ، قَالَ: "أَنَا أَوْلَى بِالْمُؤْمِنِينَ مِنْ أَنْفُسِهِمْ، فَمَنْ تُوُفِّيَ مِنَ المُؤْمِنِينَ فَتَرَكَ دَيْنًا فَعَلَيَّ قَضَاؤُهُ، وَمَنْ تَرَكَ مَالًا فَلِوَرَثَتِهِ" (مشكوة المصابيح، كتاب البيوع، بحواله بخاري ومسلم)

މާނައީ: "އަރަހުށި މާތް اللّه އިތުރު ސާހިބާގެ މައްޗަށް ފުތޫޙާތުގެ ދޮރުތައް ހުޅުއްވައިދެއްވުމުން އެކަލޭގެފާނު އިޢުލާންކުރެއްވިއެވެ. ތިމަންކަލޭގެފާނު ވަނީ މުއުމިނުންގެ ނަފުސުތަކަށްވުރެ ބޮޑަށް އެބައިމިހުންނާ ގާތުގައެވެ. މުއުމިނަކު މަރުވިއިރު އެމީހެއްގެ މައްޗަށް ދަރަންޏެއް އޮވެފައި އެ ދަރަނި އަދާކުރާނެ ވަސީލަތެއް ދޫކޮށްފައި ނުވާނަމަ އެ ދަރަންޏެއް އަދާކުރުންވާހުށީ ތިމަންކަލޭފާނުގެ ޒިންމާއެއް ކަމުގައެވެ. އެމީހަކު މުދާ ދޫކޮށްފައިވާނަމަ އޭނާގެ ވާރިޘުންނަށެވެ."

މަދަނީ ދައުރުގެ ކުރީކޮޅު رسول اللّه صلّى اللّه عليه وسلّم ޢަމަލުކުރައްވާ ގޮތްކޮޅަކީ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ދަރަންޏެއް އޮތްތޯ ބައްލަވައެވެ. ދަރަންޏެއް އަދާކުރެވޭހާ މުދާ ދޫކޮށްފައިވޭތޯ ސުވާލުކުރައްވައެވެ. ދަރަންޏެއް ނެތްކަމުގައިވާނަމަ، ނުވަތަ ދަރަނި އަދާކުރެވޭހާ މުދާ ހުރިކަމުގައިވަނީނަމަ، އެމީހެއްގެ މައްޗަށް އެކަލޭގެފާނު ކަށުނަމާދު ކޮށްދެއްވައެވެ. އެހެން ނޫންނަމަ ޞަޙާބީންނަށް ކަށުނަމާދު ކުރެއްވުމަށް އަމުރުކުރައްވައެވެ. (މިއީ ދަރަނީގެ މައްސަލައިގައި ރައްކާތެރިވުމަށާއި، ދަރަނި އަދާކުރުމަށް ހޭލުންތެރިކުރެއްވުމަށްޓަކައި އަޅުއްވައިފައިވާ ފިޔަވަޅެކެވެ.) މައްޔިތާގެ ފަރާތުން މީހަކު ދަރަނި އަދާކުރުމާ ޙަވާލުވިޔަސް، އިތުރު ސާހިބާ އެމީހެއްގެ ކަށުނަމާދު ކޮށްދެއްވައެވެ. (بخاري، كتاب الكفالة،باب الدّين)

ނަމަވެސް ކުރިން ދެންނެވި ފަދައިން މަދަނީ ދައުރުގެ ފަހުކޮޅުގައި ފުތޫޙާތު އިތުރުވެ އިސްލާމީ ދައުލަތް ފުދުންތެރިވުމުން އެ ޒިންމާއާ އެކަލޭގެފާނު ހަވާލުވެވަޑައިގެންނެވިއެވެ.

"فَلَمَّا فَتَحَ اللَّهُ عَلَيْهِ الفُتُوحَ" (އަރަހުށި މާތް اللّه އިތުރު ސާހިބާގެ މައްޗަށް ފުތޫޙާތުގެ ދޮރުތައް ހުޅުއްވައިދެއްވި ހިނދު) މި ޢިބާރާތުން ދޭހަވާ ގޮތުގައި ފަޤީރުން ބެލެހެއްޓުމާއި، ދަރަނިވެރީންގެ ދަރަނި އަދާކޮށްދިނުމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނީ ސަރުކާރުގެ މާލީ ޙައިޘިއްޔަތުގެ ނިސްބަތުންނެވެ.

ސަރުކާރުގެ ވަސީލަތްތައް ހުރި މިންވަރަކުން ސަރުކާރުގެ މި މަސްއޫލިއްޔަތު އަދާނުކޮށްފިނަމަ ނުވަތަ އެކަމުގައި ފަރުވާކުޑަކޮށްފިނަމަ، އެކަން ވާނީ ސަރުކާރުގެ ފުރަދާނަވެރީން ފާފަވެރިވާ ކަމަކަށެވެ. (ابن حجر، فتح الباري:5/235)

މަޤްޞަދަކީ ދުނިޔެކަމުގައި ނެހެދުން

ކުރިންވެސް ދެންނެވި ފަދައިން ހުއްދަ ވަސީލަތްތަކުން މުދާ ހޯދުމާއި، ތަނަވަސްކަން އިތުރުކޮށް އިޤްތިޞާދީ ގޮތުން ތިމާގެ ދިރިއުޅުން ތަރައްޤީކުރުމަށް އިސްލާމްދީން އެއްވެސް ހުރަހެއް ނާޅައެވެ. މިކަމުގައި އިސްލާމްދީން އިސްލާމީ ދައުލަތަށް ލާޒިމުކުރަނީ އަފުރާދުންނަށް އެހީތެރިވުމަށެވެ. އެއްބާރުލުން ދިނުމަށެވެ. ހުއްދަ ވަސީލަތްތަކުން މުދާވެރިކަން ހޯދައިނުގަނެވޭ، މާލީތަނަވަސްކަން ނުހުންނަ މީސްމީހުންނަށާއި ފަޤީރުންނަށް އެހީތެރިވުމަށްޓަކައެވެ. އިސްލާމްދީން މި މައްސަލައިގައި ތަކުރާރުކޮށް މީހުންގެ ސަމާލުކަމަށް ގެންނަނީ ޙަޔާތުގެ މަޤްޞަދަކީ ދުނިޔެ ހޯދުން ކަމުގައި ނުހެދުމެވެ. މުދާވެރިކަމާއި ދުނިޔޭގެ ޒީނަތްތެރިކަން ހޯދުމުގެ މަސްތުގައި ޣާފިލުވެ މާތް اللّه ހަނދުމަކުރުމާމެދު ފަރުވާކުޑަ ނުކުރުމަށެވެ.

އަރަހުށި މާތް اللّه ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

يَا أَيُّهَا الَّذِينَ آَمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَنْ ذِكْرِ اللَّهِ وَمَنْ يَفْعَلْ ذَلِكَ فَأُولَئِكَ هُمُ الْخَاسِرُونَ (المنافقون: ٩)

މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރީންތައް اللّه ހަނދުމަކުރުމުން ތިޔަބައިމީހުން مشغول ކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ! އަދި އެކަންތައް ކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމަ އެއުރެންނެވެ."

އިންސާނާ މިދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި މުދަލާއި ފައިސާ އެއްކޮށް ފުނިޖެހުމުގައި މަޝްޣޫލުވެއްޖެނަމަ އޭނާގެ ލޯމަތިން އާޚިރަތުގެ ދުނިޔެ ކެހިގެން ހިނގައިދާނެއެވެ. އާޚިރަތް ދުވަހުގެ ޖަޒާއާއި ސަޒާގެ މަތީން ހަނދާން ނެތިދާނެއެވެ. އެއީ އިންސާނާއަށް ލިބޭ ކޮޅެއްނެތްހައި ބޮޑު ގެއްލުމެކެވެ. އެހެންކަމުން އިސްލާމްދީން އިރުޝާދު ދެނީ ފުއްދުންތެރިވުމަށެވެ. އިންސާނާ ޝައުޤުވެރިކުރުވަނީ އޭނާގެ ބޭނުންތަކުގެ ދާއިރާ ވީހާވެސް ހަނިކުރުމަށެވެ. އިމެއްނެތި ފުޅާކުރަމުން ނުގެންދިޔުމަށެވެ. عثمان بن عفّان رضى اللّه عنه ކައުސާހިބާ صلّى اللّه عليه وسلّم ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ.

"لَيْسَ لابْنِ آدَمَ حَقٌّ فِيمَا سِوَى هَذِهِ الْخِصَالِ : بَيْتٌ يَسْكٌنٌهُ ، وَثَوْبٌ يُوَارِي بِهِ عَوْرَتَهُ، وَجِلْفٌ مِنَ الْخُبْزِ وَالْمَاءِ" (ترمذي، كتاب الزهد، باب ماجاء فى الزهاد فى الدنيا)

މާނައީ: "އާދަމުގެ ދަރިޔާއަށް (މިދުނިޔެއިން) އަންނަނިވި ކަންތައްތައް ފިޔަވައި އެހެން ޙައްޤެއް ލިބިގެނެއް ނުވެއެވެ. އޭނާ ދިރިއުޅޭނެ ގެޔަކާއި އޭނާގެ ހަށިގަނޑު ނިވާކުރަންޖެހޭ ހިސާބު ފޮރުވޭފަދަ ފޭރާމަކާއި ކާއެއްޗެއްސާއި ބޯފެނެވެ."

بريدة أسلمى رضى اللّه عنه ގެ އަރިހުން ރިވާވެފައިވާ ރިވާޔަތުގައި އިސްވެދެންނެވި ކަންކަމުގެ ތެރެއަށް ބައެއް އިތުރުކުރައްވައިފައިވެއެވެ. އެއާއެކުވެސް ފުއްދުންތެރިވުމަށް އިރުޝާދު ދެއްވައިފައިވެއެވެ.

ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘް ކުރައްވައިފައިވެއެވެ.

"يَكْفِي أَحَدَكُمْ مِنَ الدُّنْيَا خَادِمٌ وَمَرْكَبٌ" (مسند أحمد 5/360-ترمذى أبواب الزهد)

މާނައީ: "ތިޔައިގެ ތެރެއިން މީހަކަށް މިދުނިޔެއިން ޚާދިމަކާއި ސަވާރީއަކުން ފުދެއެވެ."

أبو هاشم بن عتبة رضى اللّه عنه އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެފަހު ވަގުތު ނުހަނު އަސަރާއެކު ވިދާޅުވިއެވެ. رسول اللّه صلّى اللّه عليه وسلّم އަހަންނަށް ޙަދީޘްކުރެއްވިއެވެ. ކަލޭގެ ކުރިމަތީގައި މުދާތައް ބެހެމުންދާނެ ދުވަހެއް އަންނާނެއެވެ. އޭގެތެރެއިން މާތް اللّه ގެ މަގުގައި ޖިހާދުކުރުމުގައި ބޭނުން ހިފޭނެ ސަވާރީއާއި ޚާދިމަކުން ކަލެއަށް ފުދޭނެއެވެ. އަހަރެން ވަނީ އެ ޙަދީޘްކުރެއްވި ދުވަސް ދެކެފައެވެ. ވަރަށްގިނަ މުދާވެސް ޖަމަޢަކޮށްފައެވެ. މާތް اللّه ގެ ރަސޫލާގެ އަރިހުގައި އަހަރެން ކުރި ޢަހުދުގައި އަހަންނަށް ދެމިހުރެވުނުނަމައެވެ. (ترمذي، أبواب الزهد، ابن ماجه، كتاب الرقاق)

ޝައްކެއްނެތެވެ. އިންސާނާއަށް އޭނާގެ މާއްދީ ބޭނުންތަކާ އެކަހެރިއެއް ނުވެވޭނެއެވެ. އެ ބޭނުންތަކަށް ފުރަގަހެއް ނުދެވޭނެއެވެ. އެހެންވެ އެ ބޭނުންތައް ފުއްދުމަށްޓަކައި ހުއްދަ ގޮތުގައި މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ ނަޒަރުގައި އެންމެ ރަނގަޅު ކަމެކެވެ. އެކަމުގައި އެހީތެރިވުމަށް އިސްލާމްދީން ސަރުކާރަށް އިރުޝާދު ދެއެވެ. ނަމަވެސް އިންސާނާ އާޚިރަތުގެ މަތިން ހަނދާންނައްތައިލައި ދުނިޔެއަށް އަޅުވެތިވުމަކީ އިންސާނާއަށް ދުނިޔެއާއި އާޚިރަތުގެ މަޞްލަޙަތު ހުރި ކަމެއް ނޫނެވެ. އެއީ އިސްލާމްދީން އެދޭ ކަމެއް ނޫނެވެ. ރުހޭ ކަމެއްވެސް ނޫނެވެ.

(މިބަޔާއެކު މި މަޒުމޫނު ނިމުނީއެވެ. އަންނަ ހުކުރު ދުވަހު އިރާދަކުރެއްވިއްޔާ އިސްލާމްދީނުގައި އިންސާނީ ޙައްޤުތަކުގެ އެހެން މަވްޟޫޢަކަށް ލިޔާ މަޒުމޫނެއް ފަށާނަމެވެ.)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.