ރީޙާން-ނަތާޝާ: 6

(2 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޭޗަލްގެ ބޯޖަހާލުމާއެކު ރީޙާން އާ ދިމާއަށް ސިކުންތުކޮޅެއް ވަންދެން ބަލަހައްޓައިގެން ހުރެފައި ޑރ. އަރޫނާ ވާޙަކަ ދައްކަން ފެށިއެވެ.

"ނަތާޝާގެ ހަށިގަނޑުގެ އެކިތަންތަނުގައި އެބަހުރި އަނިޔާތަކެއް ލިބިފައިވާކަމުގެ ނިޝާންތަކެއް. އަހަންނަށް ލަފާ ކުރެވެނީ ވަރަށް ކުޑައިރުއްސުރެ ފަށައިގެން ގިނަދުވަސްތަކެއް ވަންދެން ގެވެށި އަނިޔާ ގެ ޝިކާރައަށް އަކަށް ވެފަ ހުރި ކަމަށް. ރަނގަޅަށް ތަ މި ބުނެވުނީ؟" އަރޫނާ މިހާރު ބަލަހައްޓައިގެން ހުރީ ރޭޗަލް އާ ދިމާއަށެވެ.

ރޭޗަލް ތުންފަތުގައި ދަތްއަޅައިގެން ހުރެ ބޯޖަހާލުމުން ޑރ. އަރޫނާ ފުން ނޭވާއެއް ދޫކޮށްލާފައި ކުރިއަށް ގެންދިއައެވެ.

"ފަހުގެ އަނިޔާއެއް ނެތް. އެކަމަކު ފެންނަން ހުރި ނިޝާންތަކަށް ރިޢާޔަތްކޮށް ވަރަށް ބޮޑަށް ލަފާކުރެވޭ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ބޮލަށް އަނިޔާވެފައި ހުރި ކަމަށް. އެހެންވީމަ މިރޭ މި ދިމާވި ކުޑަ އެކްސިޑެންޓް ގެ ނަތީޖާ އެހާ ކުޑަ ކަމަކަށް ނުވެ ހިނގައިދާނެ ކަމުގެ ފުރުޞަތު އެބައޮތް. ސަބަބަކީ ނަތާޝާގެ ބޮލުގައި ކްރޯނިކް ސަބްޑިއުރަލް ހިމަޓޯމާ އޭ ކިޔޭ ޒާތުގެ އިންޖަރީއެއް އުފެދިފައި އެބަ އިން. އަދި މިހާރު ކުޑަ ތަންކޮޅެއްގަ އެކިއުޓް ސަބްޑިއުރަލް ހިމަޓޯމާއެއް އެބައިން. މިވަގުތަކަށް އޮބްޒަރވޭޝަން ގައި ބާއްވައިގެން ޕްރޮގްރެސް ބަލަން ޖެހޭނީ. ފަހަރެއްގަ އޭގެ އަމިއްލަ ޒާތުގައި ރަނގަޅުވެދާނެ. ނުވަތަ ގޯސްވެއްޖެއްޔާ ފަހަރެއްގައި ބޮލުގެ އޮޕަރޭޝަން އަކަށް ދާން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް."

ކުޑަކުޑަ މަޢުސޫމް ކުއްޖަކަށް އަނިޔާވެރިވީ މީހާއާ މެދު ރީޙާންގެ ހިތުގައި އުފެދުނު ވަރުގަދަ ރުޅިވެރިކަމާއި އެ ނުދަންނަ އަންހެންކުއްޖާގެ ޙާލާމެދު އުފެދުނު ހަމްދަރުދީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހާސްކަމަށް ބަދަލުވެގެން ދިޔައެވެ. އަދި ރޭޗަލް ކުއްލިއަކަށް ރޯން ފެށުމާއެކު އެ ހާސްކަމާ އެއްވަރަށް ކުށްވެރިއެއް ކަމުގެ އިޙްސާސް ސިކުނޑީގައި ގުގުމާލިއެވެ.

ކުށެއް ނެތް މީހެއްގެ ފުރާނަ، މީހަކު ލޯބިވާ މީހެއްގެ ފުރާނަ އޭނަގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ވެއްޓުނީއެވެ. ސުބުޙާނަﷲ އެވެ. އެ އަންހެންކުއްޖާގެ ފުރާނަ އާ ޞިއްޙަތު ސަލާމަތްކުރައްވާނދޭވެ! މިއަޅާ އަކީ އޭނަގެ ފުރާނަ ގެއްލިގެންދާ ސަބަބު ކަމުގައި ނުލައްވާނދޭވެ! ރީޙާން އަށް އިޚްތިޔާރަކާ ނުލާ ހިތުގެ އެންމެ ފުންމިނުން ދުޢާކުރެވެން ފެށިއެވެ.

މާތް ކަލާކޯއެވެ. ނަތާޝާ މަރުވެއްޖިއްޔާ އޭނަ ރޭޗަލް އާ ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟ ރީޙާން އަށް ދެ އުޅަބޮށި މޭޒުމަތީގައި ވިއްދާލާފައި ދެއަތުގެ އިނގިލިތަކުގެ ކޮޅުން ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. ޝާމް އަށް ރީޙާން ގެ ހިތށް އަރާފައިބަމުން ދިޔަ ޝުޢޫރުތައް ވިސްނޭ ފަދައިން ހަމްދަރުދީއާއެކު ރީޙާން ގެ ކޮނޑުގައި އަތްބާއްވާލިއެވެ.

މޫނުމަތީގައި އަތް އަޅައިގެން ގިސްލަގިސްލާފައި ރޮމުން ދިޔަ ރޭޗަލްގެ ކޮނޑުގައި ޑރ. އަރޫނާ ފިރުމަމުން ދިޔައެވެ. "އިންޝާﷲ ނަތާޝާގެ އިންޖަރީ އަމިއްލައަށް ރަނގަޅު ވާނެ. ނަތާޝާއަށް ބަލާފަ އޭނައަކީ ވަރަށް ހިތްވަރުގަދަ ކުއްޖެކޭ އަހަރެން ބުނާނީ. ނޫންތަ؟ މިހާރުވެސް ކޯމާއަކަށް ނުގޮސް އޮތުމަކީ ވެސް ވަރަށް ރަނގަޅު ނިޝާނެއް. އެހެންވީމަ އެންމެން ދުޢާކުރާނީ މީގެ ކުރިންވެސް އަނިޔާތަކުން އަރައިގަތް ގޮތަށް މިފަހަރުވެސް ނަތާޝާ ރަނގަޅުވާނެކަމަށް."

ރޭޗަލް އިރުކޮޅެއްވަންދެން ގަދައަށް ރުއިމަށް ފަހު ހަމައަކަށް އެޅުމުން ޑރ. އަރޫނާ އޭނައަށް މޭޒުމަތީގައި ހުރި ޓިޝޫފޮށި ދިއްކޮށްލިއެވެ. ރޭޗަލް ތިން ހަތަރު ޓިޝޫ ނަގައި އޭގެން މޫނުމަތި ފޮހެލާފައި ނޭފަތް ފޮޅާލިއެވެ. އަދި ޑރ. އަރޫނާ ދިއްކޮށްލި ފެންތަށިން ފެން ކޯވަރެއް ބޯލާފައި ޑރ. ޝާމް އާ ދިމާއަށް ބަލާލިއެވެ. "އޭރު ނުބުނީ އަހަރެން ރޯނެތީ ދޯ؟" ރޭޗަލް ސުވާލުކުރުމުން ޝާމް ބޯހޫރާލިއެވެ.

"ނޫން. އެއީ ޑރ. އަރޫނާ ގެ އެދިލެއްވުމުގެ މަތިން." އަރޫނާ އެވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

"އަހަރެން އަދި އިތުރު ވާހަކައެއްވެސް އަހާލަން ބޭނުންވާތީ އާ އެއްކޮށް ޝާމް ގާތު އެގޮތަށް އެދުނީ. މިހާރު ރީޙާން ވެސް ހުރުމާއެކީ އެ ވާހަކަ އަހާލަން އަދި މާ ރަނގަޅު ކަންނޭނގެ." އަރޫނާ އެހެން ބުނުމުން ސުވާލު އުފެދިފައިވާފަދަ ގޮތަކަށް އޭނައާ ދިމާލަށް ރޭޗަލް ބަލަހައްޓައިގެން ހުއްޓެވެ.

"ނަތާޝާގެ މާޒީއާ ރީޙާންއާ އެއްވެސް ގުޅުމެއް އެބަހުރިތަ؟ މިހެން މި އެހީ ވެއްޓިފައި ބޯޖެހުމަށް ފަހު ނަތާޝާގެ ޙާލު ގޯސްވުމަށް މެދުވެރިވީ މިންވަރަށް އޭނައަށް ރީޙާން ފެނުނު ކޮންމެ ފަހަރަކު އަސަރުކޮށްފައިވާތީ. ބޮލަށް އަނިޔާވުމުން ކުޑަކޮށް ވާނުވާ އޮޅޭގޮތް ވުމަކީ ވެދާނެ ކަމެއް. އެކަމަކު ގެވެށި އަނިޔާ ނުވަތަ ޖިންސީ އަނިޔާ ފަދަ އެކިއެކި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ހޭދަކުރެވުނު ވަގުތާއި ކުރެވިފައިވާ ތަޖުރިބާތަކަށް ބިނާކޮށް ނަތާޝާއަށް ވީގޮތްގޮތާމެދު ވިސްނާފައި އަހަރެންނަށް ބޮޑަށް ލަފާ ކުރެވެނީ ވަރަށް ހިތާމަވެރި ނުވަތަ ވަރަށް ނޭދެވޭ ހަނދާނަކާ ގުޅިފައިވާ ކޮންމެވެސް ކަމެއް ރީޙާން ގެ ކިބައިން އޭނައަށް ފެންނަނީއޭ ނުވަތަ ކޮންމެވެސް ގޮތަކުން އިޙުސާސް ކުރެވެނީއޭ."

"ރީޙާން ފެންނަން ހުރި ކޮންމެ ފަހަރަކު ހޭނެތުނުކަން މިހާރު އިނގޭ. އަޅުގަނޑުމެން މިކޮޅަށް އައި މަގުމަތީގަ ވެސް ނަތާޝާ ހޭއެރި ވަގުތު ރީޙާން ފެނުމާ އެއްކޮށް އަނެއްކާ ހޭނެތުނު. މި ގޮތަށް އާދައިގެ ކަމަކުން އާދަޔާ ޚިލާފަށް ސިކުނޑިއަށް ލޮޅުން އެރުމަކީ ބޮލަށް ލިބޭ ބޮޑު އަނިޔާއެއްގެ އަސަރުތަކާއި ސިކުނޑީގައި ވަޅުލެވި ފޮރުވިފައިވާ ހަނދާނަށް ގެންނަން ބޭނުންނޫން ފަދަ ކަމެއްގެ ހަނދާންތައް ކުއްލިއަކަށް ތާޒާވުމާއި ދެ ކަންތައް އެއްވެއްޖެނަމަ ވުން ވަރަށް ކައިރި ގޮތެއް. ނަތާޝާގެ ހަށިގަނޑުގައިވާ އަނިޔާގެ ނިޝާންތަކަށް ބުރަވެ ހުރެ ބުނަންޏާ މިކަން ވުން އަދި ވަކިން ބޮޑަށް އެކަށީގެންވޭ." ޑރ. ޝާމް އިތުރުކޮށްލިއެވެ.

"ވަރަށް ގިނަ ފަހަރަށް ގެވެށި އަނިޔާތަކުގެ ޝިކާރައަކަށް ވާ ކުދިންނާއި ބޮޑެތި މީހުންނަށް ވެސް، އެ އަނިޔާތަކާއި ގުޅިގެން ލިބެން ޖެހޭ ނަފްސާނީ ފަރުވާ އޮންނަނީ ފޯރުކޮށްނުދެވިފައި. އެހެންވެ އެފަދަ މާޙައުލުތަކުން ސަލާމަތްވެވުމަށް ފަހު އެކަންތައްތަކާއި ހަނދާންތަކާއި އެކު ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅޭނެ ގޮތެއް ގިނަ ކުދިންނަށާއި މީހުންނަށް ނޭނގޭ. ގިނަ ފަހަރަށް އެއީ ނުވާކަމަކަށް ހަދައި އެކަން ހަނދާނުގެ ތެރޭ ފޮރުވާފަ ހުއްޓާ ދިމާވާ އާދައިގެ ކަމަކުންވެސް ކުއްލިއަކަށް އެ ހަނދާންތަކާ ކުރިމަތިލާން ޖެހުނީމަ ސިކުނޑިއަށް ކުއްލި ޝޮކެއް ލިބުމަކީ ނުވަތަ ގޮތް ހުސްވެ އަތުންފައިން ގޯސް ހެދުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއް. ދެން ވެސް ގިނަ މީހުން އަޅާނުލާނެ. އަމިއްލަ މީހާއަށް ގެއްލުން ލިބޭ ފަދަ ކޮންމެވެސް ކަމެއްގެ ތެރޭ ނަފްސު މަޝްޢޫލުކޮށް ދިރިއުޅުން ހަލާކުކޮށްލާ. ނުވަތަ ދިރިއުޅުމުގެ އެއްވެސް އުފަލެއް ނުލިބި ޢުމުރުގެ ބާކީ ދުވަސްތައް އަމާޒެއް ނެތި ބޭކާރުކޮށްލާ." ޑރ. އަރޫނާގެ ވާހަކަ އެންމެން ކަނުލާ އަޑުއަހަމުން ދިޔައެވެ.

"މީގެ ކުރިން ނަތާޝާއަށް ބޭނުންވި އެހީ ލިބުނަސް ނުވަތަ ނުލިބުނަސް، މިހާރު ނަތާޝާއަށް އެހީތެރިވުމަކީ އަހަރެން ދެކޭ ގޮތުގަ އަހަރެންގެ ވާޖިބެއް. އެކަމަކު އެކަން ކުރެވޭނީ ނަތާޝާއާ ގުޅޭ މަޢުލޫމާތު ލިބިގެން. އެގޮތުން ރީޙާންގެ ސަބަބުން ނަތާޝާއަށް އެހާ ބޮޑު ޝޮކެއް ލިބެނީ ކީއްވެތޯ އެނގެން އެބަ ޖެހޭ. ރީޙާން އާ ނަތަޝާއާ މީގެ ކުރިން ދިމާވެފަ ނެތަސް ކޮންމެވެސް ސަބަބަކާ ހުރެ ރީޙާން ފެނުމުން ނަތާޝާ އަށް ވަރަށް ބޮޑަށް އަސަރުކުރޭ އެބަ. ރޭޗަލް އަށް ރީޙާން ފެނުމުން އެއްވެސް ކަމެއް ހަނދާންވޭތަ؟" ޑރ. އަރޫނާ ސުވާލުކުރިއެވެ.

އެއާއެކު ރޭޗަލް ރީޙާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އިރުކޮޅަކަށް ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް ރޭޗަލްގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި އަނގަ މަތީ އަތްއެޅުނެވެ.

ރީޙާން ސިކުނޑީގައި ހާސްކަމުގެ ރާޅެއް ދުވެލިއެވެ. ކުއްލިއަކަށް ޝާމް އާ ދިމާލަށް ބަލާލެވުނު އިރު ޝާމްއަށް ވެސް އޭނައާ ދިމާލަށް ބަލާލިއެވެ. ރީޙާން ގެ ލޮލުން ހާސްކަން ފާޅުވާ އިރު ޝާމްގެ ލޮލުގައި ވަނީ ސުވާލެވެ.

ރޭޗަލް އަދިވެސް ހުރީ އަނގަމަތީ އަތްއަޅައިގެނެވެ. ޑރ. އަރޫނާ އެއްޗެކޭ ނުބުނެ ރޭޗަލްގެ މުލައްދަނޑީގައި އަތްޖައްސާލިއެވެ. އަދި އޭނައާ ހަތަރުކަޅި ހަމަކޮށްލުމާއެކު ވާހަކަ ދައްކަން ހިތްވަރުދިނުމުގެ ގޮތުން ކުޑަކޮށް ނިތް އަރުވާލާފައި އާނއެކޭ ބުނާފަދަ ގޮތަކަށް ބޯ ޙަރަކާތްކޮށްލިއެވެ.

ރީޙާން އާ ދިމާލަށް ކަޅި ހުއްޓާލައިގެން ހުއްޓުން އަރާފައި ހުރެފައި ރޭޗަލް ލަސްލަހުން އަނގަމަތިން އަތްނެގިއެވެ.

"ނަތާޝާގެ ބައްޕަ މަރުވީ ނަތާޝާ އަތުން."

=ނުނިމޭ=

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.