ރައީސް ޔާމީންގެ ސަރުކާރުން އިދިކޮޅުޕާޓީއެއްގެ އެއްވެސް ބޭފުޅަކު ބަންދުކޮށްފައި ނުވާނެ ކަމަށް ފޭދޫދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިސަރުކާރުން ބަންދުކޮށްފައިވާ އެންމެންނަކީވެސް ކުރިން ސަރުކާރަށް ތާއީދުކުރި މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމަށް އިދިކޮޅު ފަރާތްތަކުން މިހާރުވެސް ބުނަމުންދާ ކަމަށެވެ. "މިއީ ޕީޕީއެމްގެ ސަރުކާރެއް. ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށް އިދިކޮޅުން ގަބޫކުރާ ކަމަށްވާނަމަ ކޮބައިތޯ އިދި ކޮޅުޕާޓީއެއްގެ މީހަކު ހައްޔަރުކޮށްފައެއް. އިންސާފު ގާއިމްކުރުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ރައީސް ޔާމީން ކުރައްވާނެ،" އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރީގެ ނާއިބު ރައީސްގެ ކޮރަޕްޝަންގެ ވާހަކަ އެންމެ ފުރަތަމަވެސް ދައްކަންފެށީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އެވާހަކަތައް ސަރުކާރުން ދިޔައީ ބައްލަވަމުން ކަމަށާއި، އެގޮތަށް މަސައްކަތް ކުރައްވަނިކޮށް ރައީސް އަވަހާރަކޮށްލަން އޭނާ މަސައްކަތް ކުރެއްވި ހިސާބުން ފުލުހުން އޭނާ ބަންދުކުރުމަކީ އިދިކޮޅު މީހަކު ހައްޔަރު ކުރިކުރުމަކަށް ނުވާނެ ކަމަށް އައިބީ ވިދާޅުވިއެވެ.
ކާނަލް ނާޒިމަކީ ޕީޕީއެމްގެ މެންބަރެއް ކަމަށާއި، އޭނާއަކީ މިސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް ވިޔަސް ނާޒިމްވެސް ބަންދުކުރީ ކުށެއް ކޮށްގެން ކަމަށް އައިބީ ވިދާޅުވިއެވެ. ދެން ހުންނެވި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނަކީވެސް މިސަރުކާރު އައިއިރު ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ސަރުކާރަށް ތާއިދު ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް އިމްރާންވެސް މަގުމައްޗަށް ނުކުންނަވައި ހިތަށްއެރިހާ ވާހަކަތަކެއް ދައްކަވައިގެން ޖަލަށް ދާންޖެހުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫންކަމަށް އައިބީ ވިދާޅުވިއެވެ. އެހެންނަމަވެސް އިދިކޮޅު ޕާޓީތަކުގެ މީހުން ބަންދުކުރާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ބޭރުގެ މީޑިއާއަށް ފޭކު ފޮޓޯތަކާއި ވިޑިއޯތަކާއެކު ފޮނުވައިގެން ކަންކަން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށްވެސް މެންބަރު އައިބީ ވިދާޅުވިއެވެ.