އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރެއްވުމަކީ ޗެލެންޖެއް: އުމަރު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރެއްވުމަކީ ވަރަށްބޮޑު ޗެލެންޖެއް ކަމަށް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ވާދަ ކުރައްވަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެވަގުތަކު ހުންނަވާ ރައީސަކާ އިންތިޚާބުގައި ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެކަން އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.

"ރަނިން ޕްރެޒިޓެންޓަކާ ވާދަކުރެއްވުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެއީ ވަރަށްބޮޑު ޗެލެންޖެއް. އެކަމަކު ކަންކަން ކާމިޔާބު ކުރެވޭނީ ބޮޑެތި ޗެލެންޖުތަކާ ކުރިމަތިލައި ވެއްޓުނަސް ދެވަނަ ފަހަރަށްވެސް އަދި ތިންވަނަ ފަހަރަށްވެސް ތެދުވެގެން. އަޅުގަނޑު ވެއްޓެނީ ކިތައް ފަހަރުތޯ ނުބަލަން އެކަމަކު ކޮޅަށް ތެދުވެވެނީ ކިތައް ފަހަރުތޯ އަބަދުވެސް ބަލާނަން. މި އިންތިޚާބުގައި ވާދަކޮށްގެން ކޮންމެ ނަތީޖާއެއް ނުކުތަސް މައްސަލައެއްނެތް. އަޅުގަނޑު ނުކުންނާނީ އަޅުގަނޑު ގަބޫލުކުރާ ހަމަތަކާއެކު،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވަގުތަކު ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ނުވަތަ ސަރުކާރަށް ބަރޯސާވާ މީހުން ވަރަށްގިނަވާނެ ކަމަށެވެ. "އެއީ ކޮންމެހެން ނޫފޫޒު ފޯރުވައިގެން ނޫނަސް އޭރަކު ހުންނަވާ ރައީސަކަށް ހުންނާނެ އެޑުވާންޓޭޖުތަކެއް. އެހެންނަމަވެސް އެފަދަ ރައީސަކާ ވާދަކޮށްގެން ކާމިޔާބުވެސް ވުމަކީ ދުރުކަމެއްނޫން. އެކަން މެލޭޝިއާއިންވެސް ފެނިގެން އެދިޔައީ،" އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.