ރައްޔިތުން ބޭނުންވާ ކަންކަމަށް ހުރަސްއަޅާ އެއްވެސް ފަރާތަކަށް ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިފަދައިން ވިދާޅުވީ ކ. އަތޮޅުގެ 3 ރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުރައިދޫ އަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީ މެންބަރުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގުރައިދޫ އަށް ބޭނުންވާ ކަންކަމުގެ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށަށް އެންމެ ބޭނުންވެފައި އޮތް ކަމަކީ ބިން ހިއްކުން ކަމަށެވެ. އަދި ބޮޑު ބިމެއް ހިއްކާފައި ވަނީ އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެހެންނަމަވެސް ގުރައިދޫގެ އާންމުންނަށް އެ ރަށުގެ ބިމުން ގޯތި ދިނުމުގެ ޒިންމާ އޮތީ ކައުންސިލްގައި ކަމަށާއި އެ ރަށު ކައުންސިލުން ގޯތި ދިނުމަށް ހުރަސް އަޅަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ހިތާމަކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ނުކުންނަނީ އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަންގެ ގޮތުގައި ކަމަށާއި މިއީ ރާއްޖޭގެ ތާރީހުގައި ރިޔާސީ އިންތިހާބުގައި ވާދަކުރި އެހެން ކޯލިޝަންތަކާ ބަލާއިރު އެންމެ ގިނަ މެންބަރުން ތިބި ކޯލިޝަން ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
"އަމާޒަކީ އިންތިހާބު އޮންނަ ދުވަހު އެއް ލައްކަ ވޯޓުން ފެށުން. މާލެ އަތޮޅުން އެ އަދަދު ހަމަކޮށް، އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް." ރައީސް ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ކެންޕެއިން މި ދަތުރުފުޅުގައި އެމަނިކުފާނު މިވަގުތު ހުންނެވީ މާފުށީގައެވެ. މިއީ މި ދަތުރުފުޅުގެ ފަހުމަންޒިލު ވެސް މެއެވެ.