ގެސްޓް ހައުސް ޕްރޮޖެކްޓަށް ބޭނުންވާ ފައިސާވަނީ ހަމަޖެހިފައި:އައިބީ

އައްޑޫސިޓީ ފޭދޫ ހިއްކި ބިމުގައި ޓޫރިޒަމަށް ޚާއްސަ ކޮށްފައިވާ ސަރަހައްދުގައި ގެސްޓް ހައުސް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ އެސަރަހައްދުގައި ގެސްޓްހައުސްތައް އަޅަނީ އެމްއައިޓީޑީސީން ކަމަށެވެ. "އެބޭފުޅުންނާ އެންމެ ފަހުން ދިމާވި ފަހަރު ވިދާޅުވި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށް. އެހެންވީމާ މާދުވަހެއް ނުވެ އެމަސައްކަތް އެބޭފުޅުން ފަށްޓަވާނެ ކަމަށް އުންމީދު ކުރެވެނީ،" އައިބީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޭދޫ ހިއްކި މިބުގައި ތަރައްގީ ކުރަނީ 250 ކޮޓަރި ކަމަށެވެ. އެއީ 25 ކޮޓަރީގެ 10 ޔުނިޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އައިބީ ވިދާޅުވީ އެމަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ސާވޭވެސް މިހާރުވަނީ ކޮށްނިންމިފައެވެ. އެމްއައިޓީޑީސީން މިހާރުދަނީ އެމަސައްކަތް ފެށުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެމްއައިޓީޑީސީން މިހާރުދަނީ އެކަމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން. އެކަމަށް ބޭނުންވާ ފައިސާވެސް ލިބިފައިވާ ކަމަށް އެބޭފުޅުންނާ އަޅުގަނޑާ އެންމެފަހުން ބައްދަލުވިފަހަރުވެސް ވަނީ ވިދާޅުވެފައި،" އައިބީ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ފޭދޫގައި 250 ކޮޓަރި އިމާރާތް ކުރެވޭ. އެއީ 25 ކޮޓަރީގެ 10 ތަން. ދިގެހެރާއި ފޭދޫ ބޮޑުމަގާ އެދޭތެރޭގައި ހަދަނީ. އެސަރަހައްދުގައި ބީޗުހެދުމަށްވެސް ތަނެއް އެބައޮތް. ގުދުރަތީ ބީޗެއްގެ ގޮތުގައި އެތަން އެދަނީ ހެދެމުން. އެތަނުން ގެސްޓް ހައުސް ނަގާ މީހުންޖެހޭނީ ހަމައެކަނި ސާފުކޮށްލަން،" އައިބީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.