އުންމީދު ނުކުރާ ވަރުގެ ހޮސްޕިޓަލެއް އައްޑޫ ރައްޔިތުންނަށް ލިބޭނެ:އައިބީ

އައްޑޫސިޓީ ހިތަދޫ ކުރީގެ ކޮންވެންޝަން ސެންޓަރު ހުރިތަނުގައި ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ހޮސްޕިޓަލް ވެގެންދާނީ އައްޑޫ ރައްޔިތުން އުންމީދުވެސް ނުކުރާ ފެންވަރުގެ ހޮސްޓަލަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް މިއަހަރު ޖުލައި 26 އަށް އެހޮސްޕިޓަލްގެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީއާއި، އެލިއާ ކޮންސްޓްރަކްޝަނުންވެސް މައުލޫމާތު ދެއްވައިފައިވާ ކަމަށެވެ.

އެތަނުގައި ތިން އޮޕަރޭޝަން ތިއޭޓަރާއި ލިފްޓާއި އާދައިގެ ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކާއި ކެފޭ، ރެސްޓޯރެންޓާއި  މިސްކިތްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ ޖުލައި ސައްބީހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ ހުރިހާ މަސައްކަތެއްކޮށް ނިމޭނެ. މިހޮސްޕިޓަލަކީ ތިން އޮޕަރޭޝަން ތިއޭޓަރާއެއްކޮށް ޒަމާނާ އެއްގޮތަށް ލިފްޓް ލެވިގެން ފުދޭވަރަކަށް ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ތަނަކަށްވާނެ،" އައިބީ ވިދާޅުވިއެވެ.

"އެތަން ވެގެންދާނީ މިރާއްޖޭގެ ރައްޔިތުން އުންމީދުވެސް ނުކުރާހާ ތަނަވަސް ރަނގަޅު ހޮސްޕިޓަލަކަށް. އިރާދަ ކުރެއްވިއްޔާ ޖުލައިމަސްތެރޭ އެތަން ނިމި އައްޑޫ ރައްޔިތުންނާ ހަމައަށް  ފޯރުކޮށްދެވޭނެ ކަމަށް އުންމީދުކުރަނީ،" އޭނާ ވިދާޅުވިއެވެ. އައިބީ ވިދާޅުވީ ޓަރޝަރީ ހޮސްޕިޓަލެއް އައްޑޫގައި އެޅުމަށް ކުރީގެ ސަރުކާރުތަކުން ދެއްކީ ވާހަކަތައް ކަމަށާއި މިސަރުކާރުން މިވަނީ އަމަލުކޮށްފައި ކަމަށެވެ.

މިސަރުކާރުގައި އައްޑޫ ރައްޔިތުންނަށް މުސްތަގުބަލުގައިވެސް އޮތީ ތަރައްގީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.