ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް އައިސީޔޫގައި ފަރުވާ ދޭން ފަށައިފި

އައްޑޫ ސިޓީ ފޭދޫ ބޮޑުމަގުގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފޭދޫ، ހަވީރީ ނާޒު، މުހައްމަދު އަފްރާ (އުމުރު 25 އަހަރު) ހަށާއި، ހިތަދޫ ކޮށަރ ނޫރޫ، ހުސައިން އަލީ (އުމުަރު 35) އަށެވެ. މި ދެމީހުންނަށް ވެސް މިހާރު ގެންދަނީ އައީސީޔޫގައި ފަރުވާ ދެމުންނެވެ.

އެޗުއާރުއެޗު ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއަރ ކޮމިޔުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބު ވިދާޅުވީ ދެ މީހުންގެ ހާލުވެސް ސީރިއަސް ކަމަށެވެ. އެހެން ކަމުން ދެމީހުން އައިޖީއެމްއެޗަށް ފޮނުވައިލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ދެމީހުންގެތެރެއިން ބޮޑަށް އަނިޔާވެފައިވަނީ އަފްރާހަށެވެ. ބޮޑަށް އަނިޔާވެފައިވަނީ އޭނާގެ ބޮލަށެވެ. އެހެންކަމުން ފުރަތަމަ ވެސް އޭނާއަށް ފަރުވާދިނީ އައީސީޔޫގައެވެ. ބޭރުފުށުން ފެނުނުގޮތުގައި ހުސައިން އަލީއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ. އެހެނަމަވެސް މޫނާއި ގައިގެ ތަންތަން މަށައިގެންގޮސްފައިވެއެވެ. އޭނާއަށް ފުރަތަމަ ފަރުވާދީފައިވަނީ އައީސީޔޫ އިން ބޭރުގައެވެ. އެހެންނަމަވެސް ފަހުން ހާލުދެރަވުމުން އައިސީޔޫއަށް ބަދަލުކޮށްފައިވާ ކަމަށް ނަޖީބު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ގަމާވީ ކޮޅުން އަފުރާހު ބާރަށް ދުއްވަމުން އައި ސައިކަލް ހުސައިން އަލީ ދުއްވި ސައިކަލުގައި ޖެހިގެންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓް ކުރިމަތިންނެވެ. އޭރު ގަޑިންވާނީ މެންދަމު 1:40 އެހައިކަންހާއިރު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.