އައްދީބަޖާތު: އިހުގެ ޢަރަބި ލިޔުންތަކުގައި ދިވެހިރާއްޖެ - 2

(21 މާރިޗު 2016 ގައި ޝާއިއުކުރި ބަޔާ ގުޅޭ) އެ ރަށްތަކަށް 'ޛީބަތުލް މަހަލް' (ذيبة المهل Dhibatul Mahal) މިނަން ބޭނުންކުރައްވާފައި ވަނީ ހަމައެކަނި އިބްނު ބަޠޫޠާ އެވެ، އޭނާ އެރަށްތަކަށް ވަޑައިގެން އެތަނުގައި އަހަރެއްހާ ދުވަހު ހުންނެވިއެވެ. އެއީ ރަބީޢުލް އާޚިރު 744ހ. (1344މ.) ގެ ފަހުކޮޅުން ފެށިގެން ރަބީޢުލް އާޚިރު 745ހ. (1345މ.) ގެ މެދުތެރެއާ ހަމައަށެވެ. އެރަށްތަކާ ބެހޭގޮތުން ލިއުއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ. "އެރަށްތަކުގެ ތެރޭގައި 'އަލްމަހްލު' (المهل) އޭ ކިޔޭ ސަރަހައްދު (އަތޮޅު) ވެއެވެ. އެ ހުރިހާ ރަށްތަކުގެ ނަމަކަށް ބޭނުންކުރާ ނަން ނެގިފައިވަނީ އެ ނަމުންނެވެ." އިބްނު ބަޠޫޠާ ކިއުއްވި 'އަލްމަހްލު' (المهل) ދިވެހިރާއްޖޭގެ ވެރިރަށް މާލެ (مال) އަށް މިހާރު ކިޔާ ނަމާ ވަރަށް ގާތްކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަމުން، ބޮޑަށް ޤަބޫލުކުރެވެނީ އިބްނު ބަޠޫޠާ ކިއުއްވާފައިވާ ނަމާއި، ވެރިރަށަށް މިހާރު ކިޔާނަން އެއީ އެއް ނަމެއް ކަމުގައެވެ. އެއް ގޮތަކީ އިބްނު ބަޠޫޠާގެ ފޮތް ލިއުނު މީހަކު އެ ނަން ބަދަލުކޮށްގެން ލިއުމެވެ. އަނެއްގޮތަކީ 'އަލްމަހްލު' ބަދަލު ވަމުން އައިސް 'މާލެ' އަށް ބަދަލުވުމުވެ. މި ދިރާސާއަށް ކުރެވުނު މަސައްކަތުގައި ޢަރަބި އިސްލާމީ އެއްވެސް ބަސްފޮތަކުން (المهل) މި ބަހުގެ މާނަ ފެނިފައި ނުވެއެވެ.
އައްދީބަޖާތު އޮންނަނީ އިންޑީޔާ ކަނޑުގައި ޢަރުޟު 7.9 އުތުރާއި، ޢަރުޟު 0.045 ދެކުނާއި ދެމެދުގައެވެ. އަދި ޠޫލު 72.30 އިރާއި، 73.48 އިރާއި ދެމެދުގައެވެ. އެރަށްތައް ނިސްބަތްވަނީ އޭޝިޔާ ބައްރަށެވެ. އަދި ޚައްޠު އިސްތިވާ (އީކުއޭޓަރު) ހުރަސްކުރަނީ އެރަށްތަކުގެ ތެރެއިންނެވެ. އަދި އެރަށްތައް އޮންނަނީ ދުނިޔޭގައި މީހުން އާބާދުވެފައިވާ އިޤްލީމުތަކުގެ (ސަރަޙައްދުތަކުގެ) ތެރެއިން ހަތްވަނަ އިޤްލީމުގައެވެ. އެ ރަށްތަކުގެ ތެރެއިން ބައެއް ރަށްތައް ވަނީ އަށްވަނަ އިޤްލީމުގައެވެ. (17) އެރަށްތައް ހުންނަނި ކައިރި ކައިރީގައެވެ. ދެރަށް ދެމެދުމުގައި ހުންނަނީ ދެ ފަރްސަޚެވެ. (ފަރްސަޚަކީ ގާތްގަނޑަކަށް 6 ކިލޯމީޓަރެވެ.) ނުވަތަ ތިން ހަތަރު ފަރްސަޚެވެ. ހުރިހާ ރަށެއްގައި މީހުން ދިރިއުޅެއެވެ. (ލިއުންތެރިޔާ މިހެން ވިދާޅުވި ނަމަވެސް، ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މީހުން ދިރިނުއުޅެއެވެ.- މުތަރުޖިމު) އަދިވެސް އެރަށްތަކުގެ ކައިރިކަމާ ބެހޭގޮތުން ލިޔެވިފައިވާ ގޮތުގައި، އެއްރަށުން ނުކުންނައިރު އަނެއް ރަށުގެ މަލަމަތި ފެނެއެވެ.
އިހުގެ އެއްވެސް ލިއުމެއްގައި އެރަށްތައް ހިމެނޭ ސަރަހައްދުގެ ބޮޑުމިނުގެ ވާހަކަ އައިސްފައި ނުވެއެވެ. އޭރުގެ ލިއުންތަކުގައި ވަނީ އެރަށްތަކުގެ އަދަދުގެ ވާހަކައިން ފުއްދާލާފައެވެ. އަލްމަސްޢޫދީ ދެކެވަޑައިގަންނަވަނީ އެއީ ދެހާސް ރަށް ކަމުގައެވެ. އޭނާއަށް ވުރެ ފަހުން އެ ރަށްތަކާ ބެހޭގޮން ލިއުއްވި އިބްނު ބަޠޫޠާ ވެސް ވަނީ އޭނާއަށް ތާއީދުކުރައްވާފައެވެ. އަލްމަސްޢޫދީ އެހެން ތަނެއްގައި އެއީ ނަވާރަ ސަތޭކަ ރަށް ކަމުގައިވެސް ލިއުއްވާފައި ވެއެވެ. އޭނާގެ ފަހުން ވަޑައިގެންނެވި އައްނުވައިރީ މިއަދަދުގައި އޭނާއަށް ތާއީދުކުރައްވާފައި ވެއެވެ. އެހެންނަމަވެސް، އަލްމަޤްދިސީ (މ. 380ހ./990މ.) ދެކެވަޑައިގަންނަވަނީ އެ ރަށްތަކުގެ އަދަދަކީ ސަތާރަ ސަތޭކަ ކަމުގައެވެ. އަދި ބައެއް ލިއުން ތެރިން އެއީ އެއްހާސް ރަށް ކަމުގައިވެސް ބަޔާންކުރައްވާފައި ވެއެވެ.
އަހަރުމެން ބުރަވަނީ އަލްމަސްޢޫދީ އާއި އިބްނު ބަޠޫޠާގެ ބަހަށެވެ. ދިވެހިރާއްޖޭގެއާ ބެހޭ މިހާރުގެ ތަފާސް ހިސާބުތަކުގައި ވެސް އެގޮތަށް ބުނެފައި ވާތީއެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ބިމުގެ ބޮޑުމިނަކީ 298 އަކަކިލޯމީޓަރެވެ. އަދި ރަށްތަކުގެ އަދަދަކީ ދެހާހެވެ. (ލިއުންތެރިޔާ މިހެން ވިދާޅުވިޔަސް ދިވެހިރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކަނީ ދިވެރިރާއްޖޭގައި އޮތީ 1192 ރަށް ކަމުގައެވެ.- މުތަރްޖިމު) ދިވެހިރާއްޖޭގެ ރަށްތަކުގެ މޫސުމަކީ ހޫނު ގަދަ ވައިގެ ތެތްކަން މަތި މޫސުމެކެވެ. (28) އެވްރެޖު ހޫނު މިނަކީ 27 ޑިގްރީ ސެލްސިއަސް އެވެ. އަދި އަހަރުގެ ގިނަ ދުވަސްތަކުގައި އެރަށްތަކަށް ވާރޭ ވެހެއެވެ.
އިޖްތިމާއީ ދިރުއުޅުމާއި ދީން
އައްދީބަޖާތުގައި އިހު ޒަމާނުއްސުރެ މީހުން ދިރިއުޅެމުން އައިސްފައި ވެއެވެ. އީސާގެފާނަށްވުރެ 1500 އަހަރުކުރިން އާރީންގެ މީހުން އިންޑިޔާއަށް ގޮސް ވަޒަންވެރިވުމަށް ފަހު އޭގެތެރެއިން ބަޔަކު އެ ރަށްތަކުގައި ވަޒަންވެރިވިއެވެ. ޚާއްސަކޮށް އޭގެ ތެރެއިން ބޮޑެތި ރަށްތަކުގައެވެ. އިންޑިޔާގެ ރަސްގެފާނު އަޝޯކާ (ASHOKA) (274-236 އކ.) ގެ ދުވަސްވަރު އިންޑިޔާގެ ރަސްމީ ދީނަކީ ބުދުދީން (Buddhism) ކަމުގައި ކަނޑައެޅިއެވެ. އަދި އިންޑިޔާ ނޫން އެހެން ތަންތާނގައިވެސް އެ ދީން ފަތުރަން އެރަސްގެފާނު މަސައްކަތްކުރިއެވެ. އެފަދަ ތަންތަނުގެ ތެރޭގައި ސަރަންދީބު (Serendib– މިހާރުގެ ސްރީލަންކާ) އާއި އައްދީބަޖާތުވެސް ހިމެނެއެވެ. އަދި ސިންގަޅަ (Sinhalese) ދަރިކޮޅުގެ މީހުން ބުދުދީނާއިގެން އިންޑިޔާ ސަރަހައްދުގެ ރަށްތަކަށް ފެތުރެން ފެށިއެވެ. އެބަމީހުންގެ ތެރޭން ބަޔަކު ސަރަންދީބާއި، އައްދީބަޖާތުގައި ވަޒަންވެރިވެ، އެބައިމީހުންގެ ދީން ފެތުރިއެވެ. އައްދީބަޖާތުގެ އަހުލުވެރިން ބެލެވިފައިވަނީ އާރިންނާއި ސިންގަޅައިން މަސްހުނިވެގެން އުފެދުނު ދަރިކޮޅެއް ކަމުގައެވެ. އެބައިމީހުން ވާހަކަ ދައްކާ ބަހުގައި އާރީންގެ ބަސްކަމުގައިވާ ސާންސްކްރިތު ބަހާއި، ސިންގަޅަ ބަހުގެ (Sinhala Language) އިތުރަށް ދެކުނު އިންޑިޔާގެ އެހެން ބައެއް ބަސްތައް ވެސް ހިމެނެއެވެ.
ޠޫރާނީ އަސްލަކުން އައިސްފައިވާ ޖާތު މީހުން އައްދީބަޖާތުގައި އުޅުން އެއީ އާރީ، ޠޫރާނީ ދަރިކޮޅާއި އަދި އެހެން ދަރިކޮޅުތައް މުސްހުނިވެފައިވާ ދަރިކޮޅެއް އެރަށްތަކުގައި އުފެދުމުގެ މުހިއްމު ސަބަބެކެވެ. ޖާތު މީހުން އައްދީބަޖާތަށް ހިޖުރަކުރިކަން ސާބިތުކޮށްދޭ ލިޔުންތަކެއް ފެންނާން ނެތަސް އަހަރުމެން ބުރަވަނީ އެބައިމީހުންގެ ތެރޭން ބަޔަކު އެ ރަށްތަަކަށް ހިޖުރަކޮށްފަައިި ވާނޭ ކަމަށެވެ. އެހެނީ އެބައިމީހުން އަރަަބި ކަރައިގެ އިރުމަތީ ރަށްތަކާ ހަމައަށް ގޮސްފައިވެއެވެ. ވީއިރު، އައްދީބަޖާތުގެ ރަށްތައް ހުރަސްކޮށް އެބައިމީހުން ދަތުރުކޮށްފައި ވާނޭކަމަށް ބެލެވެއެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވިިޔަފާރީގައި ހަރަކާތްތެރިވެ، ވިޔަފާރި މުދަލާއިގެން ދެކުނު އިންޑިޔާއަށާއި، ސަރަންދީބާށާއި، އައްދީބަޖާތުގެ ރަށްތަަކަށް ދަތުރުކޮށްފައެވެ.
އެ ރަށްތަކުގެ އަހުލުވެރިން ސިފަކުރެވިފައިވަނީ "ސަފުތާހިރު، ހަޑި ތަކެއްޗާ ދުރު" ބައެެއް ކަމުގައެވެ. "އެބައިމީހުންގެ ތެރެއިން ގިނަމީހުން، ސާފުތާހިރުވުމުގެ ގޮތުން، ދުވަހަކު ދެ ފަހަރު ފެންވަަރައެވެ. އެރަށްތަކުގެ ހޫނުގަދަވެެފައި ގިނައިން ދާހިއްލާތީއެވެ. އަދި އެމީހުން ގިނައިން އަތަރުލައި އުޅެއެވެ. ފަތިސް ނަމާދު ކޮށްގެން އަންހެނުން އެބައިމީހުންގެ ފިރިންގެ ގާތަށް އަނދުން ދަޅާ، ފިނިފެނާ، މާވަހަރާ މިސްކުގެ އަތަރު ހިފައިގެން ގޮސް އަތަރު ލައި މޫނު ދުވެދިނުމަކީ އެބައިމީހުންގެ އާދައެކެވެ." އެރަށްތަކުގެ އެންމެން އުޅެނީ ހުސް ފަޔާ، ފައިވާނެއް ލުނައެވެ. ރަނިކަމަނާއާއި، އެކަމަނާގެ ފިރިކަލުންނާއި، ވަޒީރުންނާއި، އެބޭފުޅުންގެ އަރިސް ފޭބުޅުން ފިޔަވައެވެ. އެރަށްރަށުގެ މަގުތައް ހުންނަނީ ކުނިކަހައި ސާފުކޮށްފައެވެ. މަގުތަކަށް އޮންނަނީ ގަސްތަކުން ހިޔާއެޅިފައެވެ. އެއިން މަގެއްގައި ހިނގާފައިދާ މީހަކަށް ހީވާނީ ބަގީޗާއެއްގެ ތެރޭގައި ހިނގާފައި ދާހެންނެވެ. އެހެންނަމަވެސް ގެއަކަށް ވަންނަ ކޮންމެ މީހަކުވެސް، ފެންޑާގައި ބަހައްޓާފައި ހުންނަ ރުނބައަކުން ދެފައި ދޮވެ، ރޯނުން ހަދާފައިވާ ފައިފުއްސެއްގައި ދެފައި ފުހެންޖެހެއެވެ. މިސްކިތްތަކަށް އަރާއިރު ވެސް އެބައިމީހުން ހަދައި އުޅެނީ އެހެންނެވެ.
އެއިން ރަށަކަށް މެހުމާނުން އަތުވެއްޖެނަމަ ރަށުގެ މީހުން ދޯނީގައި ކުރުނބާޔާ ދުފާ އެއްޗެހި ހިފައިގެން އެމީހުންގެ އިސްތިގްބާލަށް ދެއެވެ. އަދި ކޮންމެ މަހުމާނަކާ މީހަކު ހަވާލުވެގެން ގޮސް އޭނާގެ ގޭގައި ބަހައްޓައެވެ. އަދި އޭނާގެ ފޮށި ތަންމަތި އެގެއާ ހަމައަށް އުފުލައެވެ. ގާތްތިމާގެ މީހަކާ މެދު ކަންކުރާ ފަދައިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.