ފޭދޫގެ ނަރުދަމާގެ މަސައްކަތް މި އަހަރު އޮގަސްޓްގައި ނިމޭނެ ކަމަށް އެދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ފޭދޫ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައި ކަމަށެވެ. އެގޮތުން މުހިންމު ހުރިހާ ހޮޅިތަކެއް މިހާރުވަނީ އަޅައި ނިމިފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިހާރު ގެންދަނީ ބޮޑެތި ޖަންގްޝަންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ކަމަށް އައިބީ ވިދާޅުވިއެވެ.
"ފޭދޫ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައެއް މިވަނީ ގާތްގަނޑަކަށް ނިމިފައި. ގްރެވިޓީ ހުރިހާ ހޮޅިތަކެއް އަޅައި ނިމިފައި. ދެން ބޮޑެތި ޖަންގްޝަންތައް ބެހެއްޓުމުގެ މަސައްކަތް އެދަނީ ބާރަށް ކުރިއަށް،" އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމަސައްކަތް އިތުރަށް އަވަސް ކުރުމަށްޓަކައި މިހާރުވަނީ އިތުރު މެޝިނަރީޒްތަކެއްވެސް ގެނެސްފައި ކަމަށެވެ. "ފޭދޫގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އަޅުގަނޑު އުންމީދު މިކުރަނީ އަންނަށް އޮގަސްޓްމަހުގެ ނިޔަލަށް. އެއީ އެބޭފުޅުން (އެމްޓީސީސީ) ދެއްވާ މައުލޫމާތު. މި ބާރުމިނުގައި އެމަސައްކަތް ކުރިއަށް ދަންޏާ އެހިސާބަށް ނިމޭނެ. އޭރު ހުންނާނީ އެ ނިޒާމް ބޭނުންކުރެވޭ ވަރަށް ނިމިފައި،" އައިބީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފޭދުއަކީ ކުރިން ފެށިގެން ފެނުގެ މައްސަލަ ބޮޑު ރަށެއް ކަމަށެވެ. އެރަށުގެ ފެންފަށަލަ މިހާރުވަނީ ތަޣައްޔަރު ވެފައި ކަމަށާއި އެހެންވީ "ނަރުދަމާ ނިޒާމުގެ މައްސަލައިގެ ސަބަބުން" ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފޭދުއަށް ވަޑައިހެންނެވުމުން އެ އަވަށުގެ ރައްޔިތުން އެދުނު ބޮޑެތި ކަންކަމުގެ ތެރޭގައި ހިމެނެނީ ބިން ހިއްކުމާއި، ނަރުދަމާއި، ސާފު ބޯފެން ކަމަށް ވެސް އައިބީ ވިދާޅުވިއެވެ. އެ އެދުމުގެ މަތިން އެރަށުގައިވަނީ 55 ހެކްޓަރުގެ ބިންހިއްކައިފައެވެ. ނަރުދާމާގެ މަސައްކަތް ނިމެނީއެވެ. ފޭދޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްގެ ދަށުން ބައެއް ގޭގެއަށް ވަނީ ސާފު ފެން ގުޅައިދީ ބޭނުންވެސް ކުރަން ފަށައިފައި ކަމަށް އައިބީ ވިދާޅުވިއެވެ.