މިއަދު އެއް ދަންފަޅިކުރެވުނު ސްކޫލްތަކުން ދަރިވަރުން ސްކޫލް މަސައްކަތް ގެއަކަށް ނުގެންދާނެ: މިނިސްޓަރ

ފޮޓޯ: ރައީސް އޮފީސް

މިއަދު އެއް ދަންފަޅި ކުރެވުނު ސްކޫލުތަކުން ދަރިވަރުން ގެއަށް ހޯމްވޯރކް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. ސްކޫލްތައް އެއް ދަންފަޅިކުރުމުގެ ޕްރޮގްރާމުގެ ދަށުން ކޮންމެ އަތޮޅަކުން އެއް ސްކޫލު ހިމެނޭގޮތަށް 22 ސްކޫލެއް މިއަދު އެއް ދަންފަޅިއަށް ބަދަލުކުރެވުނެވެ. 

އާފަތިހަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ މިއަދު މި ފެށި ޕްރޮގްރާމަކީ ޕައިލެޓު ޕްރޮގްރާމެއް ކަމަށާއި، ޕްރޮގްރަމް ޕައިލެޓު ކުރެވޭ ސްކޫލްތަކުގެ ދަރިވަރުން ގެއަށް ހޯމްވޯރކް ނުގެންދާނެއެވެ. އަދި ހަފްތާ ބަންދުގައި ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ދާން ނުޖެހޭނެކަމަށެވެ.

ޕްރޮގްރާމް ރޭވިފައިވާ ގޮތް ހިއްސާކުރައްވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ދުވަސް ފަށާނީ ފަތިން ނަމާދުން ކަމަށެވެ. އެއަށްފަހު ހެނދުނު 6އިން 7އަށް ކަސްރަތާއި ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ. މި ޙަރަކާތްތައް ހިނގަމުންދާނީ މުދައްރިސުންގެ ބެލުމުގެ ދަށުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުޅިވަރު ޙަރަކާތްތައް ކުރިއަށް ދާނީ ސްކޫލުން އިންތިޒާމު ކުރާ ތަންތަނުގައެެވެ. އެއްގަޑިއިރުގެ ކަސްރަތަށްފަހު ދަރިވަރުން އެނބުރި ސްކޫލަށް ދާނީ 8 ޖަހާއިރަށެވެ. ސްކޫލުން ނާސްތާ ނެގުމަށްފަހު ކިޔެވުން ފެށުމުގެ ކުރީން ފޮތް ކިޔުން ފަދަ ޙަރަކާތެއްގައި ކުދީން ފަނަަރަ މިނެޓު ހޭދަކުރާނެއެވެ. ދުވަސް ފެށުމުގެ ކުރިން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް މިގޮތަށް ދަރިވަރުންނަށް ފަނަރަ މިނެޓުގެ ރީޑިން ޓައިމް ދެވެއެވެ. މި ފަނަރަ މިނެޓަކީ އެކުދީންގެ ލިޓްރެސީ އާއި ނިއުމެރަސީގެ ހުނަރު އިތުރަށް ވަރުގަދަކުރުމަށް ދެވޭ އެހީއެކެވެ. ދަރިވަރުންގެ ކިޔެވުން ނުވަތަ ކަރިކިއުލަމް ޓައިމް ފަށާނީ އެ ފަނަރަ މިނެޓަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔެވުން ނިންމައިލުމަށްފަހު ކޮންމެ ދުވަހަކުވެސް އެކި ހަރަކާތްތަކުގައި ދަރިވަރުން ދޮޅުގަޑިއިރު ހޭދަކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ދޮޅުގަޑިއިރުގެ ތެރޭގައި އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވާނީ ދިރިއުޅުމުގެ އެކި ހުނަރު ދަރިވަރުންނަށް ދަސްކޮށްދެއްވުމަށް ކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކެއްކުމާއި ފެހުން ފަދަ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"ކަރިކިއުލަމް ޓައިމް އަށް ފަހު ދަރިވަރުންނަށް ކްލަބް ހަރަކާތްތަކާއި، ރެމީޑިއަލް ޓައިމް ދޮޅުގަޑިއިރަށް އޮންނާނެ. ލައިފް ސްކިލްސް ދަސްކޮށްދިނުމަކީ އެންމެ މުހިއްމު އެއް އަމާޒު. އެގޮތުން ދަރިވަރުން ނިސްބަތްވާ ރަށް ނުވަތަ އަތޮޅަށް ޚާއްޞަ މަސައްކަތްތައް ދަރިވަރުންނަށް ދަސްކޮށްދެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ. މި ހުނަރުތަކުގެ ތެރެއިން ދަރިވަރުންނަށް އެދަރިވަރަކު ބޭނުންވާ ހުަނަރެއް އިޚްތިޔާރު ކުރެވޭނެއެވެ. 

ގްރޭޑް ނުވައެއް އަދި ދިހައެއްގެ ދަރިވަރުން މި ދޮޅުގަޑިއިރު ހޭދަކުރާނީ ފިލާވަޅު މުޠާލިއާ ކުރުމުގައެވެ.

އެއް ދަންފަޅި ކުރެވުނު ސްކޫލުތައް ނިމޭނީ 3 ޖަހާއިރު އެވެ. ސްކޫލް ގަޑި ނިމުމަށްފަހު އިތުރު ހަރަކާތްތަކަށް އެ ދަރިވަރުން ސްކޫލަށް ދާކަށް ނުޖެހޭނެއެވެ. އަދި ހަފްތާ ބަންދުގައި އެއްވެސް ހަރަކާތެއް ސްކޫލުގައި ނޯންނާނެއެވެ. މި ގެނެވުނު ބަދަލާއެކު ދަރިވަރުންނަށް ސްކޫލުގައި މެންދުރު ނަމާދު ޖަމާއަތުގައި ކުރެވޭނެއެވެ. މިއަދުވެސް ގިނަ ދަރިވަރުންތަކެއް ޖަމާއަތުގައި މެންދުރު ނަމާދުކުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ވަގުުތު 22 ސްކޫލެއް އެއް ދަންފަޅި ކުރެވުނު ކަމުގައި ވީނަމަވެސް ބަޖެޓު ލިބޭ މިންވަރަކުން އިތުރު ސްކޫލްތައް އެއް ދަންފަޅިކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްކޫލްތައް އެއް ދަންފަޅިކުރުމުގެ މަގްސަދަކީ ސަރުކާރުގެ މެނިފެސްޓޯގެ ވައުދުގައި ބަޔާންކޮށްފައިވާ،  "އިސްލާމް ދީނަށް ދިރިއުޅޭ، ދުޅަހެޔޮ، ހަށިހެޔޮ ސިއްހަތެއްގަ ހުންނަ، ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ހުރި" ވަށާ ޖެހޭ ކުއްޖަކު ތައްޔާރުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތައުލީމަކީ ހަމައެކަނި ފޮތުން ދެވޭ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ޢިލްމާ އެއްވަރަށް ދަރިވަރުންގެ ކިބައިގައި ދިރިއުޅުމުގެ ހުނަރު އަށަގަންނުވަން ޖެހޭ ކަމަށެވެ. ސްކޫލްތައް އެއް ދަންފަޅި ކުރެވުމުން ދަރިވަރުންގެ އުޅުމާއި އަޚުލާގަށް އަންނަ ހެޔޮ ބަދަލު މުޖްތަމައު އިން ފެންނާނެ ކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.

"ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތައް ވެސް މޮނިޓަރ ކުރަމުންގެންދާނެ. ފަތިހު ހޭލައި، އަވަހަށް ނިދަން އާދަވާނެ. ކުށް ކުރުން މަދުވާނެ. ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ހެޔޮ ބަދަލެއް.އެހެންނަމަވެސް، ޓީޗަރުން ކުރައްވާ ބުރަ މަސައްކަތާ އަޅާ ކިޔޭވަރުގެ މުސާރައެއް މިހާރުވެސް އެބޭފުޅުންނަށް ލިބިނުލައްވާކަން ފާހަގަކުރެވޭ.އަދި ސިޔާސަތު ތިގޮތަށް ބަދަލުވެގެންދިއުމުގައި ޓީޗަރުންގެ ވޯކްލޯޑް އިތުރުވެގެންދާނެކަން ފާހަގަކުރެވޭ. ޓީޗަރުން ހޯދުމުގެ ދަތިކަން މިހާބޮޑުވެފައިވަނީވެސް ކުރާ މަސައްކަތާ އެކަށީގެންވާ މުސާރައެއްނުލިބޭތީ.އެހެންކަމުން ޓީޗަރުންގެ މުސާރައިގެ އޮނިގަނޑު އަލުން މުރާޖާކޮށް މުސާރައިގެ ހެޔޮބަދަލަކާއެކީ ، ތިގޮތަށް ސްކޫލްތައް ވަށާ ޖައްސާތަޢުލީމު ފޯރުކށްދިނުން ބުއްދިވެރި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.