އައްޑޫސިޓީ ކައުންސިލްގެ 4 މެންބަރަކު އެއްމަސް ދުވަހަށް ސަސްޕެންޑް ކުރެއްވުމަށްފަހު ކައުންސިލް ދުވަހުން ދުވަހަށް ހިންގަވާނެ ބޭފުޅަކު ދެން ތިއްބެވި 3 ކައުންސިލަރުންގެތެރޭ މަޝަވަރާ ކޮށްގެން ހޮވުމުން ލޯކަލްގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިންވަނީ އައްޑޫ ސިޓީކައުންސިލަށް އަންގަވައިފައެވެ.
އެހެންނަމަވެސް ކައުންސިލް އިދާރާގައި އެ ތިން ކައުންސިލަރުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެއީ އެކަންވާންޖެހޭނެ ގޮތެއް ނޫންނެވެ. އެގޮތަށް ކަންތައް ކުރައްވައިފި ކަމަށްވަނަމަ އެބޭފުޅުންނަށް ކުރެވޭނީ ގާނޫނާ ޚިލާފު އަމަލެއް ކަމަށެވެ.
ލާމަރުކަޒީ ގާނޫނޫގެ "ސަތޭކަ ސާދަވަނަ މާއްދާގައި އެބަބުނޭ ކައުންސިލްގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ އެ ކައުންސިލެއްގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން ހާޒީރު ވެގެންކަން. އަދި އެއްވެސް ކަމެއް ނިންމޭނީވެސް ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ މެންބަރުންގެ އަޣުލަބިއްޔަތުންކަން. މިހެން އޮންނަ ހާލަތެއްގައި ހަތަރު ކައުންސިލަރުން ސަސްޕެންޑްކޮށްފައި ތިންކައުންސިލަރުންގެ ގާތުގައި މިބުނަނީ ޖަލްސާއެއް ބާއްވާފައި ތިތަން ހިންގާނެ މީހަކު އަޔަންކުރާށޭ. އެހެން ކިހިނެއްތޯ ކުރާނީ. މެޖޯރިޓީއަކީ ހަތަރެއް. ކައުންސިލްގައި ތިއްވަނީ ހަތެއް. ދެބައުކުޅަ އެއްބަޔަށްވުރެ އެކަކު ގިނަވެގެން ޖަލްސާއެއްވެސް ބޭއްވެނި. މިއަދު މިއޮތީ މިކައުސިލް ސަސްޕެންޑްވެފައި. މި ކައުންސިލަކުން އެއްވެސް ކަމެއް މިއަދު އަޅުގަނޑުމެންނަށް ނުނިންމޭނެ" ކައުންސިލަރު އިބްރާހީމް ޝުކުރީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހަތަރު ކައުންސިލަރުން ސަސްޕެންޑް ކުރައްވައި އެލްޖީއޭ އިން އެކަން އަންގަވާފައިވެސްވަނީ ކައުންސިލްގެ ޒިންމާދާރު ވެރިއާ ސައުދީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އެއީ ސިވިލްސާވިސް ކޮމިޝަނުން ކައުންސިލްގެ އިދާރީ މަސައްކަތްތަކާބެހޭ އެންމެ އިސްވެރިއާ. އޭނާއަށް މިފޮނުވަނީ މޭޔަރާއި ޑެޕިޔުޓީމޭޔަރު ސަސްޕެންޑް ކުރައްވައިފީމޭ އެކަން އަންގަވާށޭ. އެއަށްފަހު އެސިޓީގައި ބުނަނީ ދެންތިބި ތިން ކައުންސިލަރުން ގާތުގައި ބުނާށޭ ތިޔަ ތިން ކައުންސިލަރުން ވާހަކަ ދައްކައިގެން ކައުންސިލް ހިންގާނޭ މީހަކު އައްޔަންކޮށްފައި ތިމަންނަމެންނަށް އަންގާށޭ. ވަރަށް ދެރަކަމެއް. ގާނޫނު އަސާސީ އާއި ހެދިފައިކހުރީ ގާނޫނުތަކާ މުޅިން ޚިލާފު ވާހަކައެއް އެއީ. ލާމަރުކަޒީ ގާނޫނޫގެ ބައެއް މާއްދާތަކާ ޚިލާފު ކަމެއްއެއީ. އެހެންވީމާ އެކަން އެގޮތަށް ކުރަންޖެހޭ ކަމަށް ނުދެކެން،" ޝުކުރީ ވިދާޅުވިއެވެ.
އެހެންކަމުން ކައުންސިލުން މިހާރުވަނީ އެ ކަމާބެހޭ ސިޓީއެއް އެލްޖީއޭ އަށް ފޮނުވައިފައެވެ.