ކައުންސިލްތަކަށް ލިބޭ ފައިސާ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޮޑިޓަރޖެނެރަލް ޒިޔަތު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ހުރި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް އޮޑިޓް އޮފީހުން ހިންގި ދެދުވަހުގެ ޓްރެއިނިން އެއްގެ ނިންމުން ފާހަގަ ކުރުމަށް ސިޓީ ކައުސިލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒިޔަތު ވިދާޅުވީ ކައުންސިލްތަކަށް ލިބޭ އާމްދަނީ ކުރުމުއްދަތަކަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް ދިގުމުއްދަތަކަށް ފައިދާވާ ކަންކަމަށް ޚަރަދު ކުރުން ނުވަތަ އިންވެސްޓް ކުރުން މުހިންމު ކަމަށެވެ. މިސާލަކަށް ދައުލަތުން ސަބްސިޑީ ދީފައިވާ ކާޑު ރޯދަމަހާ ދިމާކޮށް ރައްޔިތުންނަށް ހަދިޔާ ކުރުމުން ރައްޔިތުން އުފާވިޔަސް އޭގެ ބަދަލުގައި އެކަމަށް ޚަރަދުވާ ފައިސާ ދިގުމުއްދަތަކަށް ފައިދާކުރާނެ މަޝްރޫޢަކަށް އިންވެސްޓް ކުރުން މާމުހިންމު ކަމަށް އޮޑިޓަރޖެނެރަލް ވިދާޅުވިއެވެ. "އެހެންވީމާ މުސްތަގުބަލުގައި ވެސް ދައުލަތުން ކައުންސިލްތަކަށް ކަނޑައަޅުއްވާ ފައިސާ ދިގުމުއްދަތުގައި ރައްޔިތުންނަށް ފައިދާވާނެ ކަންކަމަށް އިންވެސްޓް ކުރުމަކީ އެކަމުގެ ފައިދާ ރައްޔިތުންނަށް މާބޮޑަށް ވެސް ލިބިގެންދާނެ ކަމެއް،" އޮޑިޓަރޖެނެރަލް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު ޢަބްދު ޞާދިގުވެސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އައްޑޫސިޓީ ކައުސިލަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ކާޑުގެ ބާވަތްތަކުން ހަދިޔާ ކުރުމުގެ ބަދަލުގައި އައްޑޫ ކޯޕަރޭޓިވް ސޮސައިޓީއަށް އިންވެސްޓް ކުރައްވާ ކަމަށެވެ. އެއީ ދިގު މުއްދަތުގައި ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.