ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން، އަދި އައު އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަމުގައިވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރއިން 2 ނޮވެމްބަރު 2026ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ ތެރޭއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާނެއެވެ.
މި އެކްސްޕޯގައި ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން، ދިރާގު އެކްސްޕީރިއެންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ހިދުމަތްތައް ނަންގަވާ ފަރާތްތަކަށް ހާއްސަ އޮފަރތަކާއި އިތުރު ފައިދާތައް ލިބިގެންދާނެއެވެ. މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީ.ޖީ.ޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ގޭމް ކުޅުމުގެ ހަރަކާތްތަކެއް މި އެކްސްޕޯގައި ކުރިއަށްގެންދާނެއެވެ. މި ހުރިހާ ހަރަކާތްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވުމުގެ އިތުރުން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
ޑީ.ޖީ.ޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިންގ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފް.ސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓަރ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ވަނީ ހިމަނައިފައެވެ. އަދި ޖީ.ޓީ 7 ރޭސިންގ ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ލިބިގެންދާނެއެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިރާގުން ދަނީ މުޖުތަމައުއަށް ފައިދާކުރަނިވި، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގުތިސާދީ ދާއިރާތަކަށް ދިރުން ގެނެސްދޭ މި ފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ޒަމާނީ އައު އީޖާދުތަކަށް މަގުފަހިވެ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދޭ އިވެންޓްތަކާއި އިނީޝިއޭޓިވްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުންނެވެ.
