ވަރލްޑް ޓްރެވަލް އެވޯޑްސްގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް

27 ސެޕްޓެންބަރު 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަރލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.

ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ޝަރަފުވެރި ހަފްލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަފުލާގައި ބައިވެރިވުމަކީ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ. މި ހަފްލާ އެންމެފަހުން ރާއްޖޭގައި ބާއްވާފައިވަނީ މީގެ 10 އަހަރު ކުރިންނެވެ.

މި ހަފްލާގައި ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ބައިވެރިވާނެއެވެ.

ބީއެމްއެލް އާއި ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލްއަށް ފަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.