ކުރަމަތި ރިސޯޓު މުވައްޒަފުންނަށް މެރިން އެވެއާނެސް ސެޝަނެއް

ކުރަމަތި އައިލެންޑް ރިސޯޓު މުވައްޒަފުންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 12 އިން 14 އަށް ކުރިއަށްގެންދިޔަ މި ސެޝަނަކީ އއ. އަތޮޅު ޕޮލިހާއި މެރިން ޕޮލިހާއި ކުރަމަތި އައިލެންޑް ރިސޯޓު ގުޅިގެން ކުރިއަށްގެންދިޔަ ސެޝަނެކެވެ. މި ސެޝަނުގައި އެ ރިސޯޓުގެ 25 މުވައްޒަފުން ބައިވެރިވިއެވެ.

މި ސެޝަނުގައި، ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ކަނޑުމަތީގައި އުޅަނދަށް ދިމާވާ ކުއްލި ހާލަތްތަކާއި މީހަކަށް ދިމާވާ ކުއްލި ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަތުރުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ކަނޑުމަތީގެ ހާދިސާއަކަށް މަގުފަހިވެދާނެ ކަންކަން ދެނެގަތުމުގެ މުހިންމުކަމާއި ދަތުރަަކަށް ތައްޔާރުވާއިރު ކަނޑުދަތުރު ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިހުން ގެންދަނީ ކަނޑު އުޅަނދުތައް ބަލައި ފާސްކޮށް އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބަލައި ހޭލުންތެރިކުރުވުމުގެ ތަފާތު ސެޝަންތައް ހިންގަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.