ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އުތީމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން، ބޮޑުތަކުރުފާނު ދޮރާށި ހުޅުއްވައިދެއްވުމާއި، "ވާހަކަ ވައު" ހުޅުއްވައިދެއްވުމުގެ އިތުރުން ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހި ދަޢުލަތުގެ ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފާއި އިނާމު ދެއްވުންވެސް މި ޖަލްސާގައި ކުރިއަށްގެބްދަވާނެއެވެ.
މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ.
