ކެނެޑާ އާއެކު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހަރ އެކްސަލަންސީ އިޒަބެލް މެރީ ކެތެރިން މަރޓިން، އެކމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރު، މި ރަސްމިއްޔާތަށް ވަޑައިގެންނެވީ، ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކެނެޑާގެ ހައިކޮމިޝަނަރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މިގޮތުން މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، ސީޕްލޭންގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން، މިންތީގެ ހަމަހަމަކަން ހިމެނެއެވެ. ބައްދަލުވުން ނިންމަވާލައްވަމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ، އަދި ބައިނަލްއަޤުވާމީ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކެނެޑާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުއެވެ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.