އެތުލީޓުންގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކުޅިވަރުގެ މާޙައުލަކީ ކުޑަކުދިންނާއި އެތުލީޓުންނަށް ރައްކާތެރި އަދި ބާރުވެރި ކުރުވާ ފަދަ މާޙައުލަކަށް ހެދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި "ސޭފްގާޑިންގ" ނުވަތަ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. ވަކިން ޚާއްޞަކޮށް، ކުޅިވަރުގެ ތެރޭގައި ކުޑަކުދިންނަށް ކުރިމަތިވެދާނެ ގޯނާތަކުން ސަލާމަތްކުރުމާއި (ޗައިލްޑް ސޭފްގާޑިންގ) އެތުލީޓުންގެ ރައްކާތެރިކަން (އެތުލީޓް ސޭފްގާޑިންގ) ކަށަވަރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި، ކުޅިވަރު ކުޅޭ ކުދިންނަށް ރައްކާތެރި މާޙައުލެއް ގާއިމުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.

ކުޅިވަރު ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ވުޒާރާގެ އިސްވެރިންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ)، އެޑްވޮކޭޓިންގ ފްރީ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި ޔުނިސެފް މޯލްޑިވްސްގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.