ކޯވިޑްގެ ސަބަބުން ޒުވާނުންނާ ގުޅުންހުރި 138 މަޝްރޫޢެއް ހުއްޓިފައި

ކޯވިޑް 19 ގެ ސަބަބުން ޒުވާނުންނާ ގުޅުންހުރި 138 މަޝްރޫޢެއް ހުއްޓިފައިވާކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރ  މަޙްލޫފު ވިދާޅުވީ ސަރުކާގެ ޕީއެސްއައިޕީގެ ދަށުން މިއަހަރު ކުރިއަށް ގެންދަވަން ނިންމަވައިވާ 290 މަޝްރޫޢުގެ ތެރެއިން 138 މަޝްރޫޢަކީ ޔޫތު މިނިސްޓްރީން ރަށްރަށުގައި ހިންގަމުންދާ ޕީއެސް އައިޕީގެ މަޝްރޫޢުތައްކަމަށެވެ.

ޔޫތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި 37 ރަށެއްގައި ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ ނިޔަލަށް އޭގެތެރެއިން ބޮޑު 16 ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އުއްމީދު ކުރައްވައެވެ. މީގެއިތުރުންވެސް 22 ދަނޑުގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. ބައެއް ދަނޑުތަކުގެ ސަބްބޭސް މަސައްކަތް ނިމިފައިވާ ކަމަށާއި އެތަންތަނުގައި އެޅުމަށް ބޭނުންވާ ޓާފް ހޯއްދެވުމަށް ޓެންޑަރ ބޯޑަށް މިދިޔަ އަހަރު ނޮވެމްބަރ 18 ގައި އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ޓާފް ނާޅައި ގިނަދުވަސް ވުމުން ފުޓްބޯޅަ ދަނޑުތައް އެޅުމަށް ހަދައިފައިވާ ސަބްބޭސްތައް ހަލާކުވަމުންދާކަމަށް ބައެއް މެމްބަރުންނާއި އަދި ޔޫތު މިނިސްޓަރވެސް ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ކުރަންޖެހޭ ޚަރަދު އިތުރުވެގެންދާނެކަމަށް ޔޫތު މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޔޫތު މިނިސްޓްރ ވިދާޅުވީ ޖެނުއަރީމަހުގެ ތެރޭގައި މަޝްރޫޢުތަކުގައި ސޮއި ނުކުރެވި ހުރުމުން މިހާރު ދެރަފުޅުވާ ކަމަށެވެ. ކިރިޔާ ނޭވައެއް ލެވުނަސް މަޝްރޫޢުތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާކަމަށް ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގައި ފުޓްސަލް ދަނޑުތައް އިތުރުވާ މައްސަލައިގައި ފާޑުވިދާޅުވުންތައް އަމާޒުވާކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ކުރީ ސަރުކާރުން ޓާފްދަނޑު އެޅުމަށްޓަކައި ގާތްގަޑަކަށް 60 ދަނޑު ބިންކަނޑައެޅި ބައުންޑްރީ ވޯލެއް ލެވިފައިވާކަމަށެވެ. އެހެންކަމުން އެތަންތަން ނިންމަންޖެހޭތީ އެފަދަ ދަނޑުތަކުގެ މަސައްކަތް ކުރިއަށް ދަނީކަން ފާހަގަކުރެއްވިއެވެ. ޗައިނާއެއިޑްގެ ފަރާތުން މިމަހު 16 ރަށެއްގެ ފުޓްސަލް ދަނޑު އަޅައިފައިވާ ކަމަށާއި ހަތަރު ރަށެއްގެ މަސައްކަތް ނިންމާ ނުލެވިވާ ކަމަށް ވިދާޅުވިއެވެ. އެމަސައްކަތް ނިންމާނުލެވި ވަނީ އެމިހުންގެ ވިސާގެ މުއްދަތު ހަމަވެ ފުރަން ޖެހުމުން ކަމަށް ވިދާޅުވިއެވެ. އޭގެ ފަހުން ކޮވިޑާ އެދި މަސައްކަތް ކުރުމަށް މީހުންނަށް ނާދެވި އޮތީކަން ފާހަގަ ކުރެއްވިއެވެ. މިހާރު ނިންމަވައިފައި ވަނީ ޗައިނާއިން މީހަކު ފޮނުވައިގެން ދިވެހިންނަށް މަސައްކަތް ދަސްކޮށްދީގެން އެ މަސައްކަތް ނިންމުމަށް ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން މަޑުޖެހިފައިވާ މަޝްރޫޢުތައް މިއަހަރު ކުރިއަށް ނުދާނަމަ އަންނަ އަހަރުގެ ބަޖެޓްގައި ޖަހައިގެން ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.