އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ދާޢީންނާއި ވާޢިޡުންގެ ދިވެހިބަހުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށް 'އާރުލާ މުވާސަލާތު' ޕްރޮގުރާމު ބާއްވައިފިއެވެ.
23 ޖޫން 2026 ގައި ފެށި ތިން ދުވަހުގެ މި ތަމްރީން ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހި ބަހުގެ އެކެޑަމީއާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމުގެ މަޤުސަދަކީ، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދަޢުވަތުގެ މައިދާނަށް ތައްޔާރު ކުރެވޭ މީޑިއާ އުފެއްދުންތަކާއި ޢާއްމުން ހޭލުންތެރިކުރުމަށް ދެވޭ ދަރުސުތައް މުއްސަނދިކުރުމެވެ. އަދި ދިވެހިބަހުގެ ސާދާ، ފަޞާޙަތްތެރި އަދި ބަލާޣާތްތެރި ހަމަތަކަށް ސަމާލުކަންދީ، ބަހުގެ މުހިއްމު އަސާސްތަކާއި އުޞޫލުތައް ހިފެހެއްޓުމަށް މަގުފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކަޑެމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފް ވިދާޅުވީ، ކޮންމެ ނަބީބޭކަލަކުވެސް އެބޭކަލެއްގެ އުންމަތަށް ފޮނުއްވުނީ އެ ބަޔެއްގެ މާދަރީ ބަހުން ވާހަކަފުޅު ދައްކަވާ، މުޢާމަލާތްކުރައްވާ ބޭކަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެއީ ﷲ ގެ ރިސާލަތު މީސްތަކުންނަށް ސާފުކޮށް ބަޔާންކޮށްދެއްވުމަށްޓަކައި އެކަލާނގެ މިންވަރުކުރެއްވި އެންމެ މަތިވެރި ގޮތްކަން ފާހަގަކުރައްވައި، ދީނީ ދަޢުވަތު ފޯރުކޮށްދިނުމުގައި މާދަރީ ބަހުގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ވާއިޒެއްގެ ނުވަތަ ދާޢީ އެއްގެ އެންމެ ބާރުގަދަ ހަތިޔާރަކީ އޭނާ ބޭނުންކުރައްވާ ބަސްމަގުކަން ވެސް އަލްއުސްތާޛާ ޙައްވާ ލަޠީފް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕްރޮގްރާމުގައި ކިޔަވާ ދެއްވާނީ ދިވެހި ބަހުގެ ވަރަށް ފުންނާބު އުސް ބޭފުޅެއްކަމުގައިވާ ، ދިވެހިބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީއެވެ.
