ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް "އެންމެން މޫދަށް" ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެންމެން މޫދަށް ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

އެންމެން މޫދަށް މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ރަށަކުން އެންމެން އެއްގަޑިއެއްގައި މޫދަށް އެރި އެކި ކަހަލަ މޫދުކުޅިވަރުތައް ކުޅޭގޮތަށެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މިހަރަކާތުގައި ގިނަ ރަށްތަކަކުން ވަނީ ބައިވެރިވެފައެވެ.

މިރާއްޖެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން، މުޅި ރާއްޖެ އެކުގައި އެއް ރޫހެއްގައި ޝާމިލުވެ، ބާއްވާ އެންމެ މުހިންމު ހަރަކާތް "އެންމެން މޫދަށް" މި ހަރަކާތް ފަށާފައި ވަނީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި މޫދު ފެސްޓުގެ ތެރެއިންނެވެ. މި ހަރަކާތުގައި މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެޗްޑިސީ ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހައިރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރަށް މި ވުޒާރާގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ހަރަކާތަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ގިނަ ރައްޔިތުން ގުޅިގެން، ރާއްޖޭގެ ކަނޑުފަޅުތަކުގެ މުހިންމުކަން ފާހަގަ ކުރުމަށް ހިންގާ ވަރަށް ޚާއްޞަ ހަރަކާތެކެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް އޯޝަން ފެސްޓިވަލް' ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް މި ވުޒާރާއިން ވަނީ ނިންމާފައެވެ.

ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި 'އޯޝަން ފެސްޓިވަލް' ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތައް އޮންނާނީ 20 ޖޫން 2026 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އަށެވެ.

ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުއެވެ އަދި އެކި އޮފީސް/ ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތައްވެސް ބެހެއްޓިފައި ހުންނާނެއެވެ. މިދިޔަ އަހަރުގެ އޯޝަން ޑޭ ހަރަކާތްތަކަށްވެސް އާންމުންގެ ބޮޑުތަރުހީބެއް ވަނީ ލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.