ބިޒްނަސް ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފާނަ ބޮޑުކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އދ. ދިގުރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ޓްރެއިނިންގގައި ބައިވެރިވުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައްވައިފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރިޗު 5 އިން 7 އަށެވެ. މި ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ އދ. ދަނގެތި އަދި ދިގުރަށުން ފާނަކޮށި ލިބިފައިވާ ފަރާތްތަކުގެ އިތުރުން އދ. ދިގުރަށް، ދަނގެތި، މާމިގިލި، ފެންފުށި އަދި ދިއްދޫ އިން މިމަސައްކަތަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށެވެ.

 މިތަމްރީންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް އދ. އަތޮޅު ކައުންސިލުގައި ނަން ނޯޓު ކުރެއްވުމަށް ވެސް ފިޝަރީޒް މިނިސްޓްރީން އެދިވަޑައިގެންފައިވެއެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ވަރލްޑް ބޭންކު ގުޅިގެން ހިންގާ "ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓު"ގެ ދަށުން ކޮށީގައި ފާނަ ބޮޑުކުރުން ތަޖުރިބާ ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި މަޝްރޫޢު އިފްތިތާހު ކޮށްފައިވަނީ މިއަހަރު ޖެނުއަރީ 12 ވަނަ ދުވަހު އދ. މަހިބަދޫގައި ގައެވެ. އެ މަޝްރޫޢު މިވަގުތު ކުރިޔަށް ގެންދެވެނީ އެއަތޮޅު މަހިބަދޫ، އޮމަދޫ، ދަނގެތި އަދި ދިގުރަށުގައެވެ. މިގޮތުން، މިރަށްތަކުގެ ގޭބިސީތަކަށް ފާނަކޮށީގެ މިލްކުވެރިކަން ހޯދުމަށް އިޢުލާންކުރެއްވިއެވެ. އިޢުލާން ކުރުމަށްފަހު ޖެނުއަރީމަހުވަނީ ޖުމްލަ 19 ފަރާތަކަށް ފާނަކޮށި ދޫކުރެވިފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ބިޒްނަސް ޓްރެއިނިންގ ޕްރޮގްރާމަކީ މިޕްރޮޖެކްޓުގެ ދަށުން އދ. އަތޮޅުގައި މެރިކަލްޗަރ މަސައްކަތްތައް ވިޔަފާރީގެ އުޞޫލުން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ނަފާ ލިބިގަނެވޭނެ ގޮތް ކިޔަވާދިނުމަށްޓަކައި ކުރިއަށް ގެންދަވާ ޕްރޮގްރާމެއް ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިގޮތުން، އދ. މަހިބަދޫ އަދި އޮމަދޫއިން ފާނަ ކޮށި ލިބިފައިވާ ފަރާތްތަކަށާއި އދ. މަހިބަދު، އޮމަދޫ، ހަންޏާމީދޫ، ކުނބުރުދޫ އަދި މަންދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން 21-22 ފެބުރުވަރީ 2020 ގައި އދ. މަހިބަދޫގައި ވަނީ މިބިޒްނަސް ޓްރެއިނިންގގެ ފުރަތަމަ ބުރު ބާއްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.