ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށާއި، މުޖުތަމަޢުގެ ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި، ރައްކާތެރި ކާބޯތަކެތީގެ ސަބަބުން ޢާންމު ޞިއްޙަތަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިންސާނާގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާކަމަށާއި، މިއީ ޞިއްޙީ ނިޒާމަށާއި، ދިރިއުޅުމުގެ ވަސީލަތްތަކަށާއި، ޤައުމުގެ އިޤްތިޞާދަށް އޮތް ބޮޑު ބުރައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު، ނިޒާމުތައް ހަރުދަނާކޮށް، ތަފާސްހިސާބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅުތައް އަޅައި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިފަދަ ގިނަ ބަލިތަކުން ރައްކާތެރިވެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކެއްގެ ތެރެއިން ފޯރުކޮށްދޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. އެގޮތުން، މި ޢަޒުމުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ސަރުކާރުން ހަދަންޖެހޭ ޤަވާޢިދުތައް އެކުލަވާލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ޓެސްޓުކުރުމަށް ބޭނުންވާ ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެކަން ފާހަގަކުރައްވަމުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ބަލިތައް ދެނެގަތުމާއި، އެކަންކަމަށް ފިޔަވަޅުއެޅުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ޞިއްޙީ ދާއިރާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކުންވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މަޢުލޫމާތު ހޯދައި، ގޭގޭގައި ކާބޯތަކެތި ގެންގުޅުމުގައި ރައްކާތެރި ގޮތްތައް އިސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ނުރައްކާތެރި ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަކްލީފުތައް އިތުރަށް ބޮޑުވަމުންދާ ޣައްޒާ ހިމެނޭހެން، ކާރިސާތަކާއި އިންސާނީ ކުއްލި ނުރައްކަލުގެ ޙާލަތްތައް ކުރިމަތިވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ސައިންސާއި ހެކިތަކުގެ އަލީގައި، އަދި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ގޮވާލައްވަމުން، ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ބުރަ ކުޑަކުރުމަށާއި، އެންމެންނަށް ރައްކާތެރި މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި، ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ މިންގަނޑުތަކަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް، ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި މެސެޖެއް ޙިއްސާ ކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތައް ހިމެނޭހެން އެންމެންގެ ހިއްސާ އޮންނަ ޖަމަޢީ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރި އާދަތައް ކުރިއެރުވުމަށާއި، ޢާންމު ޞިއްޙަތު ހިމާޔަތްކުރުމަށާއި، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.