ރާއްޖޭގެ އިޤްތިޞާދު މިއަހަރު 6.4 އިންސައްތަ ކުރިއަށް އަރާނެ: ރައީސް

މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަށް އަރާނެ ކަމަށް އަންދާޒާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވަމުން، އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިއިރު، އެއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ދިވެހިންނަށް ވެލާނާ އެއަރޕޯޓުން ފުރާއިރު ދޫކުރާ ޑޮލަރުގެ އަދަދު ދެގުނަ ކުރައްވާނެ ކަމަށެވެ. ބޭރުފައިސާގެ ޤާނޫނު ތަންފީޒުވާން ފެށުމުންރައީސް ވިދާޅުވީ، މި ގައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު، އައިސީޓީ ދާއިރާގެ ހިއްސާ 15 އިންސައްތައަށް މަތިކުރައްވާނެ ކަމަށާއި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހީންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޚާއްސަ ސަމާލުކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ.

މި އަހަރު އެސްޓޯނިއާއަށް ކުރެއްވި ދަތުރަކީ ވެސް މި މަސައްކަތަށް މަގުކޮށުމަށް ކުރެއްވި ދަތުރުފުޅެއް ކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި އީފާސް ތަރައްގީކޮށްފައި ވިޔަސް ބައިނަލްއަގުވާމީ މިންގަނޑުތަކާއި ބެސްޓް ޕްރެކްޓިސްތަކާ ހަމަކުރެވޭ މިންވަރަކަށް ޑިޖިޓަލް އައިޑީ ތަރައްގީކޮށް، އީފާސްގެ އާކިޓެކްޗާ ހަރުދަނާ ކުރެވިފައިނުވާ ކަމަށެވެ.

އެހެންވެ، މި ދާއިރާ ބައިނަލްއަގުވާމީ ދާއިރާތަަކަށް ފެތޭ ގޮތަށް ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.