( 04 މެއި 2026 ވަނަދުވަހު ޝާއިޢުކުރި ބަޔާގުޅޭ )
ކެންޓަކުޒީނަސްގެ ދެވަނަޔަށްހުރި އަންހެން ދަރިކަނބަލުން ތެއޮޑޯރާއާއި އޮރްހާންގެ ކައިވެނި ކުރެވި ، އަދި ތިންވަނަ އަންހެން ދަރިކަނބަލުން ހެލީނާގެ ކައިވެނި ޖޯން 5 އާ ކުރެވިގެން ދިއުމުން ، ކެންޓަކުޒީނަސް ރޭވިގޮތަށް ، ހުރިހާ ދިމާލަކުން އުފަންވަމުން އައި ބާރުތަކާއި އެވަގުތަށް އޮތް އެންމެހައި ބާރުތައް ކެންޓަކުޒީނަސްގެ އަތްޕުޅު މައްޗަށް ، ވަރަށް ފަސޭހަކަމާއެކީ ފުރޮޅިގެން އައެވެ.
ކަޅުމަރާއި މަރްމާރާގެ ބިންހެލުން
ބޮސްފޯރަސް ލިބުމަށްފަހު ، ހައެއްކަ މަސްދުވަހުގެ ތެރޭގައި ، ސިޔާސީ މަސްރަޙަށްއައި ބަދަލުތަކާ އެކުއެކުގައި ކޮންސްޓެންޓިނަޕޯލް ނުވަތަ މިހާރުގެ ނަމުންނަމަ ، އިސްތަންބޯލް އެކޮޅުކޮޅުން ޖެހިގެންދިޔައެވެ. އެއީ ދެ ޖީލެއްގެ ތެރޭގައ އިސްތަންބޯލަށް ކުރިމަތިވި ދެވަނަ ޢާލަމީވަބާގެ ރާޅެވެ. ފުރަތަމަ ރާޅު އައީ ، 1348 ގައެވެ. ދެވަނަ ރާޅުއައީ 1361 ގައެވެ. އެއްވަބާއިން އަނެއްވަބާއާ ދެމެދުގެ ޖީލު ބައިބައިވެގެން ގޮސްފައި ވެއެވެ. އިސްތަންބޯލުން ފެށުނު މި ޢާލަމީވަބާ ، މުޅި ސަރަޙައްދަށް ފެތުރި ވިޔަފާރީގެ މަގުތަކުންލާފައި ، އެއަށްވުރެ ދުރު ހިސާބުތަކަށް ދަތުރު ކުރިއެވެ. މެޑިޓަރޭނިއަނުން ލާފައި ކައުކަސަސްއަށް އަދި އެއަށްފަހު ، މޮންގޯލްގެ ތަބްރީޒާ ހިސާބަށް ފޯރިއެވެ.
1348 ގެ ޢާލަމީވަބާ ، އެތައް ހިސާބަކަށް ދަތުރުކުރަމުންގޮސް ، މޮންގޯލްގެ ތަބްރީޒަށްވެސް ފޯރިއެވެ. އަދި ފުރާތުކޯރުގެ ވަށައިގެންވާ ހުރިހާ ސަރަޙައްދަކަށްވެސް އެވަބާ ފެތުރިގެން ދިޔައެވެ. އަދި އެންމެ ފަހުން ސައިޕްރަސް އާ ހިސާބަށްވެސް އެ ވަބާ ދަތުރު ކުރިއެވެ. ބުނެވޭގޮތުގައި އިބްނު ބަތޫތާގެ މަންމަ ދިމިޝްޤުގައި އަވަހާރަވީ ، އެ ޢާލަމީ ވަބާގައެވެ. 1348 ގެ ހޫނު މޫސުމުގައި ، ރޯދަހިފުމާއި އެ ވަބާއާ ދެކޮޅަށް ހިންގުނު ޙަރަކަތްތަކުގެ މަތިން ، އިބްނު ބަތޫތާގެ ހަނދާނާއި ތާރީޚުގެ ތެރޭގައި ލިޔެވިފައި ވެއެވެ. އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި ، ދިމިޝްޤުގެ މުޅިއާބާދީ އެއްކޮށް އެ ޙަރަކާތްތަކުގައި ޢަމަލާއި ބަހުން ބައިވެރި ވިއެވެ. ޔަހޫދީންނާއި ނަޞާރާއިން އަދި މުސްލިމުން ، އެބައިމީހުންގެ ފޮތް ހިފައިގެން ތަންތަނަށް އެއްވެ އެބައިމީހުންގެ އިލާހަށް ދުޢާކުރިކަމަށް އިބްނު ބަތޫތާ ލިޔުއްވާފައި ވެއެވެ. މުސްލިމުން މިސްކިތްތަކަށް އެއްވެ ހުކުރުދުވަހުގެ ހުކުރު ނަމާދުކޮށް ، ﷲ އަށް ދުޢާ ކުރެއެވެ. ނަޞާރާއިން އެބައިމީހުންގެ ފައްޅިތަކަށް އެއްވެ އެބައިމީހުންގެ ކަލާނގެއަށް ދުޢާ ކުރެއެވެ.
ޚާއްޞަކޮށް ، އިސްތަންބޯލުގައި މުޅި ރަށުތެރެ ކެކި އުތުރިއަރައިގެން ދިޔައެވެ. ކެންޓަކުޒީނަސްގެ ދެކަނބަލުން ، އެ ދެމަފިރިކަނބަލުންގެ ތުއްތު ބޭފުޅާ އަވަހާރަވެގެން ، އަތްޕުޅުމަތިން ދޫވެގެންދިޔަ ހިތި ތަޖްރިބާގެ ހާސްކަން ލިބިވަޑައިގެންފައި އޮތެވެ. ގިނަބަޔަކު މާޔޫސްވެ ، ކަންބޮޑުވެ ނަފްސާނީގޮތުން ކުރިމަތިވި ބަލިމަޑުކަން ، އެ ޢާލަމީވަބާއާ ގުޅި ، ޤައުމުގެ ޙާލަތު އިތުރަށް ގޯސްވެފައި ވެއެވެ. އެއީ ، ހެއްދެވި ފަރާތެއްވާކަން މީސްތަކުންނަށް ހަނދާންކޮށްދީ ، ﷲ ގެ މަގަށް ރުޖޫޢަވުމަށް ބާރުއަޅައިދިން ޙާލަތެކެވެ. އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި އެހީތެރިވެ ޞޮދަޤާތްކޮށް އުޅުމުގެ މަތިވެރި އާދަ މީސްތަކުންގެ މެދުގައި އަށަގަތެވެ.
1352 ގައި ކެންޓަކުޒީނަސްގެ ހަމައެކަނި ހުރި ދަރިކަލުން ، މެތީވް ރަސްކަމަށް އިސްވެވަޑައިގަތްތަނާ ، އިސްތަންބޯލުގައި މަދަނީ ހަނގުރާމައެއް އަލަށް ފެށުނެވެ. އެހިސާބުން ، ސްޓެފާން ޑުޝާން ، ސާރބުންނާއި ރޯމަނުންގެ ރަސްގެފާނުކަމަށް އަމިއްލަޔަށް އިޢުލާން ކުރެއްވިއެވެ. އަނެއްކާވެސް ، ކެންޓަކުޒީނަސް ، ތުރުކީއަށް އަރައިގަނެ ހަނގުރާމަ ފެއްޓިއެވެ. އެއްބަސްވެފައި އޮތްގޮތުގެ މަތިން ، ހަނގުރާމައިގައި އިސްވެރިޔަކަށް ހުންނެވީ އޮރްހާންގެ ފިރިހެން ދަރިކަލުން ސުލޭމާނެވެ. ސުލޭމާނުގެ މަސައްކަތްޕުޅުން ، ގަލީޕޮލީ ޕެނިންސިއުލާގެ ޓްޒީމްޕޭގެ ބޮޑެތި މައިޒާންތައް ހިއްޕެވިއެވެ. އެކަމާގުޅިގެން އިސްތަންބޯލަށް މީސްތަކުން ހިޖުރަކޮށް ، ހިނިދަރުގަޑަކުން ހިނިއުތުރޭހެން އިސްތަންބޯލް ތޮށްޖެހުނެވެ. ޕަލަމަސްއާއި އޭނާގެ ފާދިރީންތައް އިސްތަންބޯލަށް ކުރިދަތުރުގައި އިސްތަންބޯލުގެ ބަނދަރާހަމަޔަށް ދަތުރުކުރެވުނީ ހަމަ ކިރިޔާއެވެ. އެމީހުންނަށް ކުރިމަތިވީ ، އެތަނަށް ނާދެވުނުނަމައޭ ހިތަށް އަރާވަރުގެ ބޮޑު މުޞީބާތެކެވެ. 1354 ގެ ފިނި މޫސުމުގެ ފަހުކޮޅުގައި އެއައި ބިންހިލުމެއްގައި ، މުޅި އެ ސަރަޙައްދު ބިމާހަމަވެ ފުޑުފުޑުވެގެން ދިޔައެވެ. ބިންހެލުން އައީ އިސްތަންބޯލާ އަދި އިސްތަންބޯލުން ފެށިގެން އޮތް ސަތޭކަ މޭލު ވަށައިގެންވާ ސަރަޙައްދަށެވެ. އިންސާނުންނާއި ޖަނަވާރުން ހިމެނޭގޮތަށް ، ދިރުންލެއްވި ހުރިހާ އެއްޗެއްގެ ފުރާނަޔަށް ނުރައްކާވިއެވެ. ކުރިމަތިވެފައި އޮތް ޢާލަމީ ވަބާގެ އިތުރަށް ، ބިންހެލުމާ ، ގަނޑުވާވަރަށް އޮތް ފިނީގެ ތޫފާނުގައިވެސް ބޯވާރެއާއި ސުނޯގެ ނުރައްކަލުގައި އެތައް ބަޔަކު މަރުވެގެންދިޔައެވެ. ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނެވެ.

ފާދިރީ ޕަލަމާސް
ބިންހެލުމުގެ ކަންކަން ނިމުމާއެކީ ، ގަލީޕޮލީ ހިފުމަށްޓަކައި އޮރްހާންގެ ދަރިކަލުން ސުލޭމާނު ، ދާރްދެނެލްސަށް ކަނޑުމަގުން ފަތުރު ފެއްޓެވިކަން ، ޕަލަމާސްއަށް އެނގިވަޑައިގަތެވެ. އެހިނދު ތުރުކީ ހަނގުރާމަވެރިން ، ޕަލަމާސްގެ ބޯޓަށް އަރައި އޭގައިތިބި މީހުން ހައްޔަރު ކުރިއެވެ. ޕަލަމާސްވެސް ހައްޔަރު ކުރެވުނެވެ. އޭގެ އަހަރެއްގެ ފަހުން ، ޕަލަމާސް ދޫކޮށްލެވުނުއިރު ، މުޅި މަޝްރަޙު އޮތީ ބަދަލު ވެފައެވެ. ގަލިޕޮލީ އަލުން ޢިމާރާތްކޮށް ކުރިޔަށްވުރެ ބޮޑަށް ބިނާކުރައްވަން ސުލޭމާނަށް ޖެހިވަޑައިގަތެވެ. ތުރުކީގެ ހަނގުރާމަވެރިން ، ސްޓެފާން ޑުޝާން ހައްޔަރުކޮށް ، ޑުޝާންގެ ބާރުގެ ދަށުގައިވާ ތަންތަނުގެ މައްޗަށް ވެރިވިއެވެ.
ތުރުކީންނާއި ޔޫރަޕް
1354 ގައި ، ޢުޘްމާނީވެރިކަމުގެ ފަރާތުން ، ގަލިޕޮލީ ހިފި ހިފުމަކީ ، އެހާރާއި މިހާރުގެ ތާރީޚި ހެކިތަކުން އެނގޭގޮތުގައި ، ތުރުކީން ޔޫރަޕްގެ ޗާޓަށް ވަނުމުގެ ފެށުމެވެ. އެއީ ރަމްޒީގޮތުން ، އެކަން ފެށިގެންދިޔަ ތާރީޚީ ފެށުމެވެ. މިހާރުވެސް އެއްކަނުން ޔޫރަޕްގެ ޗާޓުގައި ތުރުކީ ލައްވާލައެވެ. ތުރުކީގެ ބިމުގެ ތިން އިންސައްތަ އޮންނަނީ ޔޫރަޕްގެ ސަރަޙައްދުގެ ތެރޭގައެވެ. ސަތާނަވައި އިންސައްތަ އޮންނަނީ ހުޅަނގު އޭޝިއާގައެވެ. އެހެންކަމުން ރަމްޒީގޮތުންނަމަވެސް ، ތުރުކީއަކީ ޔޫރަޕްގެ ބައެއްގެ ގޮތުގައި ބެލެވެއެވެ. ޔޫރަޕްގެ މަޞްލަޙަތުތައް އަންނައިރު ތުރުކީވެސް އޭގެ ތެރޭގައި ހިމެނެއެވެ. ގަލީޕޮލީ ހިފުމަށްޓަކައި މަސައްކަތްކުރީ ހަމައެކަނި ޢުޘްމާނީ ވެރިކަމުން އެކަންޏެއްނޫނެވެ. 1366 ގައި ޢުޘްމާނީ ވެރިކަމުގެ ބާރުން ގަލިޕޮލީ ގެއްލުނެވެ. އެހެންނަމަވެސް ، 1373 ގައި ، އަލުން ގަލިޕޮލީގެ މައްޗަށް ، ޢުޘްމާނީ ވެރިކަމުގެ ބާރު ފޯރުވިއެވެ. އެހިސާބުން މެދުތެރޭ ޔޫރަޕްގައި ހިމެނޭ ޤައުމުތަކުގެ އަހުލުވެރިން ތުރުކީއަށް ހިޖުރަކުރަމުން ގެންދިޔައެވެ. ކަޅުކަނޑާއި އަޒޫފްކަނޑު ދެބައިކުރާ ސަރަޙައްދަކީ ޔޫރަޕާއި އޭޝިއާ ވަކިކުރާ ސަރަޙައްދުކަމަށް ބެލެވެއެވެ. އެދުވަސްވަރު ، ސެލްވިކާއި ހަންގޭރީން ތުރުކީއަށް އައި ބާރަސަތޭކަ މީހުންނަކީވެސް އަސްލު ތުރުކީ މީހުންނެއްނޫނެވެ. އެހެނަސް ، މިމީހުންނަކީ ތުރުކީއާއި ޔޫރަޕް ދެބައިވާ ހިސާބުން ތުރުކީއަށް އައި ބަޔެއްނޫނެވެ. އެއްގަމު މަގުން ތުރުކީއަށް އިސްތަންބޯލް ބެލެހެއްޓުނު ނަމަވެސް ، ކަނޑުމަގުން އިސްތަންބޯލް ބެލެހެއްޓުމަކީ ޢުޘްމާނީ ވެރިކަމަށް ފަސޭހަކަމެއްނޫނެވެ. އެހެނީ ތުރުކީންގެ ކަނޑުގެ ލަޝްކަރަކީ ، އެދުވަސްވަރު އެހާ ވަރުގަދަ ބާރެއްނޫނެވެ. ތުރުކީންގެ ކަނޑުގެ ލަޝްކަރަކީ ވަރަށް ބައިމަދު ، ވަޞީލަތްތައް މަދު ބަޔެކެވެ. އެހެނަސް ، ދުނިޔޭގެ ބާރުގަދަ ކަނޑުގެ ލަޝްކަރުތައް ޖެހިލުންވާ ވަރުވެއެވެ. ( ނުނިމޭ )
