ގެއްލުނު ލޯބި (21)

( 13 މެއި 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޒުބާއާއި ސައިމްގެ ކާފަޔާ ދިމާވީމަވެސް ، ޒުބާގެ ވާހަކަ ކާފަޔަށް ކިޔައިދިނެވެ. އޭނާއަށް އެކަމުގައި ކޮށްދެވޭނީ ކޮންކަމެއްތޯ ހާރޫނު ސުއާލު ކުރިއެވެ. ޒުބާ ބޭނުންވީ ، ސައިމްއަށް ވިސްނައިދިނުމަށެވެ. ފަހަރެއްގައި ކާފަ ވާހަކަ ދެއްކީމަ ސައިމްޤަބޫލު ކޮށްފާނެއެވެ. އޭނާގެ މައިންބަފައިންގެ ލޯބި ޒުބާއަށް އެ ލިބުނީ ވަރަށް ގިނަދުވަހުގެ ވޭންދެނިވި ތަކްލީފުތަކަކަށް ފަހުގައެވެ. ސައިމް މިހާރު އެއުޅޭގޮތުން ، ޒުބާއަށް އެ ލިބެނީ އިތުރު ވޭނާއި ތަކްލީފެވެ.

ހާރޫނުވެސް މިހާރު ސައިމްއަށް އެތައް ނަޞޭޙަތެއް ދީފިއެވެ. ޒުބާއަށް އުނދަގޫ ނުކުރުމަށް އެތައްވަރަކަށް އާދޭސް ކޮށްފިއެވެ. ޒުބާ ބޭނުންނުވާ ކަމެއް ޒުބާލައްވާ ނުކުރުވުމަށް ނަޞޭޙަތް ދީފިއެވެ. އެކަމަކު ، އެއިން އެއްވެސް ވާހަކައެއް ސައިމް ޤަބޫލެއް ނުކުރިއެވެ. ސައިމް އަދިވެސް އިންތިޒާރު ކުރަމުން އެގެންދަނީ ޒުބާއަށެވެ. އޭނާއާ ދިމާލަށް އުކެމުންދާ ޅަ ރީތި ޒުވާން ކަޅިތައް ދުއްވައިލަނީ ހުހަށެވެ. އެއިން އެއްވެސް ކުއްޖަކާ ދިމާލަށް ބަލައިވެސް ނުލައެވެ.

ޒުބާއަށްޓަކައި އިންތިޒާރު ކުރުމުގެ ޙައްޤު ، ސައިމްއަށް ވަނީ ގެއްލިފައެވެ. އެއީ ، އެދެމީހުންގެ ކައިވެނި ކުރެވުނުރޭ ، ސައިމް އޭނާ ހޫރައިލާ އޭނާގެ ޙަޔާތުން ބޭރުކޮށްލި ވަގުތެވެ. އެ ކައިވެނީގެ ސެޓްފިކެޓް ، ޒުބާގެ ދެއަތުން އިރައި ވީދައިލާ އުކައިލި ވަގުތެވެ. އެ ވާހަކަ އެއްވެސް މީހެއްގާތު ޒުބާއެއް ނުބުނެއެވެ. އެދެމީހުންގެ ކައިވެނި ކުރެވުނުކަން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެވާހަކަ އިވިފައި ހާރޫނުވެސް އިނީ ޙައިރާންވެ އަންތަރީސް ވެފައެވެ. އެދެމީހުންގެ ކައިވެނި ކުރެވުނުކަން ސިއްރުކޮށްފައި އޮތުން އެއީ ކުރި ގޯސްކަމެއްކަމުގައި ހާރޫނަށް ފެނުނެވެ. އެހެނަސް ، އެވަގުތު ގެޔާއި ގޭމީހުންގެ ޙާލަތާއި ބައްޕަގެ ބައްޔާ އަދި ސައިމްއަށް ލިބުނު އަނިޔާއާ އެހުރިހާ ކަމެއް އެކުވެގެން ، ކުރިމަތިވާނީ ކޮންފަދަ ތޫފާނަކާ ކަމެއްވެސް ނޭނގެއެވެ. އެހެންވެ ، އެ ދެމީހުންކުރެ އެކަކުވެސް އެވާހަކަ އެއްވެސް މީހެއްގާތު ނުބުނެ މަޑުކުރީއެވެ. ކާފަގެ ކުރިމަތީގައި ޒުބާގެ ނިންމުން އިޢުލާން ކުރިއެވެ. ޒުބާއާއި ސައިމްއާ ދެމެދުގައި އޮތްގުޅުން ކަނޑާލައި ، ދެމީހުން ދެމަގުން ދާން އޭނާ ނިންމައިފިކަމުގައި ޒުބާ ބުންޏެވެ.

" ދެމީހެއްގެ ދެމެދުގައި އޮތް މައްސަލައެއް ވަކިގޮތަކަށް ނިންމުމުގައި ޒުބާއަށް އެކަނި ޙައްޤެއް ނުއޮންނާނެއެވެ. " ގޭތެރެޔަށް ވަންނަމުން ސައިމް ބުންޏެވެ.

ޒުބާއާއި ސައިމްއާ ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކައިލަން ފުރުޞަތުދީފައި އެކަން އެގޮތަށް ކުރުމަށް ނަޞޭޙަތްދެމުން ހާރޫނު އެތަނުން ނުކުތެވެ.

ޒުބާއާއި ސައިމް އާ ދެމީހުންނަށް މަޑުމައިތިރިކަމާއެކީ ވާހަކައެއް ނުދެއްކުނެވެ. ޒުބާގެ އަޑު ސައިމްގެ އަޑަށްވުރެ ގަދައެވެ. އެކަމުގައި އެދެމީހުން އެއްގަލަކަށް އެރޭނެގޮތެއް އެއީ ނެތްގޮތެކެވެ. އެދެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ސައިމްއަތުގައި އޮތްކަން ސައިމް ހަނދާން ކޮށްދިނެވެ. ކަމަކަށް ޒުބާއަށް މަޖްބޫރު ކުރާކަމަށް ވަންޏާ އެ ސެޓްފިކެޓް އެންމެންނަށް ދައްކައިފީސްކަމުގައި ސައިމް ބުންޏެވެ. އެކަން އެގޮތަށް ނުކޮށް އެހުރީ ، ޒުބާއަށް އިޙްތިރާމް ކުރާތީއެވެ. ޒުބާދެކެ ސައިމް ލޯބިވާތީއެވެ.

ސައިމްއާއި ޒުބާއާ ދެމީހުން ވާހަކަދައްކަން ތިއްބާ ސީމާބް އައިސް ގޭތެރެއަށް ވަދެގެން ދިޔައެވެ. ހާރޫނަކަށް ސީމާބެއް ނުހުއްޓުވުނެވެ.

" އަހަރެމެން ދެމީހުންގެ ދެމެދުގައި އެ ވީކަމެއްވީ އަހަރެމެން ދެމީހުންގެ އިޚްތިޔާރުގައެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ޒިންމާވެސް އެކަމުގައި އޮތީ އެއްވަރަކަށެވެ. ޒުބާވެސް އެކަމުގައި އެއްވަރަކަށް ޒިންމާ ވެއެވެ. އަހަރެމެން ކުރިކަމެއްކުރީ ، ޅަކަމުން ، އެކަންކަމާމެދު ވިސްނައި ނުލައެވެ. އެހެންނޫން ހެއްޔެވެ ؟ " ސައިމް ބުންޏެވެ.

އެންމެ ރަނގަޅުކަމަށް ޒުބާ ބުންޏެވެ. އެކުރެވުނުކަމެއް ކުރެވުނީ ވިސްނައި ނުލައެވެ. އެހެންވީމަ ، އެކުރެވުނު ހުރިހާކަމެއް އެހިސާބުން ނިންމައިލާން ޒުބާ ބޭނުންވިއެވެ.

" އަހަރެންގެ ޙަޔާތަށް ސައިމް އަންނަ ކޮންމެ ފަހަރަކު އަހަރެން ލޯބިވާ އެންމެން އަހަރެންދެކެ ރުޅިއާދެއެވެ. އެ އެންމެން އަހަރެންނާ ދުރުވެއެވެ. އެއެންމެން އަހަރެންނާ ދުރަށް ސައިމް ގެންދެއެވެ. އެންމެ ފުރަތަމަ ، އަހަރެންގެ މަންމައާއި ބައްޕައާ އަދި ތިމާގެ އެންމެންނެވެ. ސައިމްދެކެ ލޯބިވީމަ އެމީހުންނާ އަހަރެން ދުރަށްދާން ޖެހުނެވެ. ދެން ބޮޑުދައިތަ ސިތާރާއާއި ސީމާބެވެ. އެއީ އަހަރެންނަށް ކުރިމަތިވި ތޫފާނުގައި އަހަރެންގެ އަތުގައި ހިފި ، އަހަރެން އެންމެ ލޯބިވާ ދެމައިންނެވެ. އަހަރެންގެ ޙަޔާތުގެ މިއަދު އަހަރެން ގެނައީ ވަރަށް ގިނަ ތަކްލީފާއި ކެކުޅުން އުފުއްލައިގެންނެވެ. އަހަރެންގެ އަމިއްލަ ޙާލަށް އަހަރެން ދޫކޮށްލާށެވެ ! ސައިމްވެސް އަހަރެމެންގެ ޙަޔާތުގެ މިބާބު ނިންމާލައި އައު ފެށުމަކުން ފަށާށެވެ ! " ޒުބާ ބުންޏެވެ.

އެއީ ޚުދު ޒުބާއަށް ކުރެވިދާނެ ކަމެއްތޯ ސައިމް ސުއާލު ކުރިއެވެ. އެ ސުއާލަށް ޖަވާބެއްނުދީ ، ރޮމުންރޮމުން ޒުބާ އެތަނުން ނުކުމެގެން ދިޔައެވެ. ސީމާބްހުރީ އެވާހަކަތައް އަޑުއަހަން ، ބޭރުގައި މަޑުކޮށްލައިގެންނެވެ. ޒުބާގެ ޙާލަތަށް ސީމާބްގެ ހިތުގައި ރުޅިވެސް އުފެދެއެވެ. އަދި ހަމްދަރުދީވެސް އުފެދެއެވެ. ޒުބާއާއި ސައިމްއާ ދެމެދު އެއްވެސް މިންވަރެއްގެ ގުޅުމެއް އޮތްނަމަ ، އެކަން ސިތާރާއަށާއި ސީމާބަށް އެނގެން ޖެހޭނެއެވެ. ސީމާބުގެ ހިތުގައި ސައިމްގެ މައްޗަށް ލޯބި އުފެދެމުންދާކަން ޒުބާއަށްވެސް އެނގޭނެއެވެ. އެ ދެމައިންނަށް ކުރިން އެކަން އެނގުނުނަމަ ، މިހާރު ކުރިމަތިވެފައި މިއޮތް ހިތްހަމަ ނުޖެހުމުގެ ޙާލަތެއް ކުރިމައްޗެއް ނުވީހެވެ. ސީމާބުވެސް އެއައީ އޭނާގެ ހުރިހާ ސިއްރުތަކެއް ޒުބާއަށް ކިޔައިދީ ، ޒުބާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާކަމުގައި ބަލަމުންނެވެ.

ސީމާބާއި ބޮޑުދައިތަޔަށް ސައިމްގެ ޙަޤީޤަތް ނޭންގުން އެއީ ޒުބާހެދި ގޯހެކެވެ. އެކަމަކު ، ޒުބާގެ ބިރަކީ ، އެވާހަކަ ކިޔައިދިނީމަ ، ސީމާބާއި ބޮޑުދައިތަގެ ހިތުގައި އޭނާއާމެދު ނަފްރަތު އުފެދިދާނެތީ އެކަމެވެ. އެހެނަސް ، އަނެއްކާވެސް އޭނާއަށް އެހެދުނީ ގޯހެކެވެ. ރިހޭފައިމައްޗަށް ފޮއެވެއްޓުނީއެވެ.

ޒުބާ ކުރަން އައިކަންތައް ނުވުމާއެކީ ލަސްނުކޮށް އިސްލާމްއާބާދަށް ދާން ނިންމިއެވެ. ދިއުމުގެ ކުރިން ބޮޑުދައިތައާއި ސީމާބްގެ ކިބައިން މަޢާފަށް އެދުނެވެ. ޙަޤީޤަތް ފޮރުވުމުގައި އޭނާގެ ނުބައި ނިޔަތެއް ނެތްކަމުގައި ބުނެދިނެވެ.

ބޮޑުދައިތަޔާއެކީ ، ކަރާޗީއަށްގޮސް ، ޒުބާގެ ޙަޔާތަށް އެ ލިބުނު ކުރިއެރުމުގައި ހާރޫނުގެ ޙިއްޞާ ވަރަށް ބޮޑެވެ. ހާރޫނު ދިން ހިތްވަރަކީ ވަރަށްބޮޑު އެއްޗެކެވެ. އެހެންކަމުން އިސްލާމްއާބާދަށް ދާން ނައްޓައިލުމުގެ ކުރިން ކާފަޔާ ބައްދަލުކުރިއެވެ.

ލޯތްބަކީ ކޮން އެއްޗެއްކަން ޒުބާއަށް ، ހާރޫނު ސާފުކޮށްދިނެވެ. އަދި ސައިމްއަށް ދެރަގޮތެއް ހެދުމަކީ ކާފަޔަށް ދެވޭނެ ނިކަމެތިކަމެއްކަންވެސް އަންގައިލިއެވެ. ހަމައެއާއެކީ ، ސީމާބާއި ސިތާރާއަށް ހެޔޮގޮތް ވިސްނައިދީ ، ޒުބާއާމެދު އެދެމައިންގެ ހިތުގައި އުފެދިފައިވާ ހިތްހަމަނުޖެހުން ފިލުވައިލުމަށް މަސައްކަތްކޮށްދޭނެ ކަމަށްވެސް ހާރޫނު ވަޢުދު ވިއެވެ.

އިބްރާހީމާއި ފާއިޤާއާ ދެމަފިރިން ، ޚިޔާލުތަފާތު އެތައް ވާހަކައެއް ދެއްކުމަށްފަހު ، ސައިމް ބޭނުންވާގޮތަށް ޒުބާއާ ކައިވެނި ކުރެވޭނެ މަގަކަށް ، ވިސްނުން ގެންގުޅުމަށް އޮތީ ނިންމާފައެވެ. އެކަން ސައިމްއަށް އަންގައިލުމަށްޓަކައި ، ފާއިޤާ ގުޅުމުން ، ސައިމްދިން ޖަވާބުން ފާއިޤާއަށް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. ސައިމް ބުނީ ، އެކަން މިހާރު ނިމިއްޖެ ކަމުގައެވެ. ޒުބާއާއި އޭނާގެ ގުޅުމަކީ މިހާރު ކެނޑިފައި އޮތް ގުޅުމެއް ކަމުގައެވެ. އެވާހަކަ އިތުރަށް ދައްކާނެ ހިތްވަރެއް ސައިމްގެ ގަޔަކު ނެތެވެ. އެވާހަކަ ދައްކާނީ ފަހުންކަމަށްބުނެ ފާއިޤާ ވާހަކަ ދައްކަދައްކާ އޮއްވައި ސައިމް ، ފޯނު ކަނޑައިލިއެވެ.

ޒުބާ އިސްލާމްއާބާދަށް އަންނަން އޮތްދުވަހު ، އޭނާއަށް ގެއިން ނުނުކުމެވެނިސް ، ޒުބާގެ މަންމައާއި ބައްޕައާ އަދި ރޮޝްނާގެ ދެމަފިރިންނާއި ރޮޝްނާގެ ދެކުދިން ކަރާޗީއަށް ދިޔައެވެ. އެމީހުންގެ އެދަތުރަކީ ، ރޮޝްނާގެ އަންހެންދަރި ، ނޫރު ކުރުނުކޮށްގެން ، ދާނިޔަލް ރޭވި ދަތުރެކެވެ. ނޫރު ބޭނުންވީ ޒުބާ ދައްތަޔާ ބައްދަލުކޮށްލުމަށް ކަރާޗީއަށް ގޮސްލުމަށެވެ.  އެމީހުންނަށް އެ ދަތުރުން ލިބުނު ޙައިރާންކަން ކުޑައެއްނޫނެވެ. އެންމެން ގެޔަށްވަދެ ، ސިޓިންގރޫމުގައި އިށީނދެ ހަމަޖެހިލިތަނާ އެތަނަށް ސީމާބް އައެވެ. އެންމެންނަށް މަރުޙަބާ ކިޔުމަށްފަހު ، ޒުބާއަށް މަރުޙަބާ ކޔައި ކައިވެނީގެ ޙަފުލާ އެގޭގައި ބޭއްވުމަށް އެދުނެވެ. ސީމާބް އެދައްކަނީ ކޮން ވާހަކައެއްކަމެއް އެކަކަށްވެސް ނޭނގުނެވެ. ސީމާބުހުރީ ރުޅިއައިސް ރަތްވެފައެވެ.

" މިހިރަ ފެންނަ ޒުބާ ............ ޑރ. ޒުބާގެ ޙަޤީޤަތް ތިޔައިން އެކަކަށްވެސް ނޭނގޭނޫން ހެއްޔެވެ ؟ އޭނާ ކައިވެންޏެއް ކުރިކަންވެސް ތިޔައިން އެކަކަށްވެސް ނޭނގޭ ނޫންހެއްޔެވެ ؟ ތިޔަބައިމީހުންގެ ޒިޔާރަތަށް ، އަހަރެންވެސް މަރުޙަބާ ކިޔަމެވެ. މިރަށުން ފުރައިގެން ދާންވާނީ ، ކައިވެނީގެ ވަލީމާ ބާއްވާފައެވެ. " ސީމާބްގެ ހިތަށް އައިހާ އެއްޗެއް ކިޔާފައި އެތަނުން ހިނގައްޖެއެވެ.

އެ ވަގުތު އެތަނުގައި ޒުބާވެސް ހުއްޓެވެ. އޭނާ ބުނާނީ ކީކޭ ހެއްޔެވެ ؟ އެކަން ހިނގިގޮތް އެކިމީހުންނަށް ކިޔައިދީދީ އޭނާ ވަރުބަލި ވެއްޖެއެވެ. އެހެނަސް ، އެވާހަކަ ކިޔައިދިނުން އެންމެ އައުލާކަންބޮޑު ބަޔަކު ، މިވަގުތު އެތިބީ އޭނާގެ ކުރިމަތީގައެވެ. އެމީހުންނަށް އެކަން އެނގެން ޖެހޭނެއެވެ. އެހެންކަމުން ، ހުރިހާ ވާހަކައެއް ތެދަށް ، ޒުބާ އޭނާގެ މަންމައާއި ބައްޕަޔަށް އަދި ރޮޝްނާ ދައްތައާއި ދާނިޔަލް ބޭބެޔަށް ކިޔައިދިނެވެ. ޒުބާއަށްހުރީ ރޮވިފައެވެ.

" މިވާހަކަތައް ދައްކައިގެން އަހަރެންގެ ހިތް އިތުރަށް ފޮތިފޮތިވެގެންދާކަށް ބޭނުމެއް ނޫނެވެ. އަހަރެން އެދޭހާވެސް ކަމަކީ ، އަހަރެންނަށް އެކުރެވުނު ކުށަށް މަޢާފު ކުރުމެވެ. ދެން އިތުރަށް ، އަހަރެންގެ ފަރާތުން އެފަދަ އެއްވެސްކަމެއް ނުހިނގާނެއެވެ. އަހަރެން މިހުންނަނީ އެ ކައިވެންޏަކީވެސް ،  އަހަރެން ނުކުރާ ކަމަކަށް ހަދައިގެންނެވެ. ސައިމްއަކީ ، އަހަރެން ނުދަންނަ މީހަކަށްވެސް ހަދައިގެންނެވެ. ހިތަށް ތަދުވެއެވެ. އެކަމަކު ، އަހަރެން މި އިސްކުރަނީ އަހަރެންނަށްވުރެ ، އަހަރެންގެ މަންމައާއި ބައްޕައާއި އަހަރެންގެ ޢާއިލާއެވެ. " ގިސްލައި ރޮމުންރޮމުން ޒުބާ ކިޔައިދެމުން ގެންދިޔައެވެ.

އެކަކުވެސް މިފަހަރު ޒުބާދެކެ ރުޅިއެއް ނާދެއެވެ. އޭގެ ބަދަލުގައި އެންމެންވެސް ޒުބާއަށް ދިނީ ހިތްވަރެވެ. ސައިމްއާމެދު އެންމެ ދެކޮޅު ޚިޔާލެއް ގެންގުޅެނީ ދާނިޔަލް އެވެ. ދާމިޔަލްއަށް ރަނގަޅުގޮތް ވިސްނައިދިނީ ރޮޝްނާއެވެ. ރޮޝްނާއަށް ނޫރު ލިބުމަށްފަހު ، މައިވަންތަކަމުގެ ނަޒަރުން ޒުބާއާމެދުވެސް ބެލެމުންދާކަމުގައި ރޮޝްނާ ބުންޏެވެ. ދާނިޔަލްވެސް ، ޒުބާއަކީ ތިމާގެ ކުއްޖެއްކަމުގައި ބެލުމުގެ ބަދަލުގައި ދަރިއެއްގެ ގޮތުގައި ބަލައިފިނަމަ ، ޒުބާއަށް ރަނގަޅުގޮތް ދާނިޔަލްއަށްވެސް ވިސްނޭނެކަން ދާނިޔަލްއަށް ސާފުކޮށްދިނެވެ. ގޭގެ ތިންފިރިހެނުން ، ސައްލާކޮށް ޒުބާމީހަކާ ދެވުމުގައި ޢަމަލުކުރާނެ ގޮތެއް ނިންމިއެވެ. މިފަހަރު އިސްވެ އެކަމަށް ގޮތްކީ ދާނިޔަލްއެވެ. ދާނިޔަލްއަށް ފެނުނުގޮތުގައި ، ޒުބާގެ ކައިވެންޏާމެދު ޒުބާއަށް ފެންނަ ގޮތް ބަލާފައިނޫނީ ޢާއިލާއިން ވަކިގޮތެއް ނިންމައިގެން ނުވާނެއެވެ. ކުރީފަހަރުވެސް ، ޒުބާއާމެދު އެމީހުންނަށް ޢަމަލު ކުރެވިފައި އޮތީ ބޭއިންސާފުންނެވެ. މިފަހަރު ، އެކަހަލަގޮތެއް ވާކަށް ދާނިޔަލްއެއް ނޭދެއެވެ.

ސައިމްވެސް ސީމާބަށް ޙާލަތު ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އަދި ސިތާރާވެސް ސީމާބަށް ވަރަށް ނަޞޭޙަތް ދިނެވެ. އެހެންނަމަވެސް ، ސީމާބުގެ ސިކުނޑިޔަށް އެކަކު ދައްކާ ވާހަކަޔެއްވެސް ނުވަދެއެވެ. އެކަމަށް ވަގުތު ނަގާނެއެވެ. އެވާހަކަ ސައިމްގާތުވެސް ސީމާބު އޮތީ ބުނެފައެވެ.

ޒުބާއާމެދު ސީމާބުގެ ހިތުގައި އުފެދުނު ނަފްރަތުގެ ހުޅުކޮޅު މަޑުމަޑުން ފިނިވަމުން ދިޔައެވެ. ޒުބާގެ އެއްވެސް ކުށެއްނެތްކަން ސީމާބަށްވެސް ވިސްނެން ފަށައިފިއެވެ. އެހެނަސް ، އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނާކަށް ސީމާބް ބޭނުމެއް ނޫނެވެ. އޭނާގެ ހިތަށް ވީތަދު އެއީ އެހާ ވޭން އަޅާނެ އެއްޗެއްކަމެއް ސީމާބަކަށް ނޭނގެއެވެ. ޅަ ހިތުގައި ފުރަތަމަ އަޅާ ތަދުތަކުގެ ވޭން ގަދަވާނެއެވެ. އެކަމަކު ، އެ ތަދުވެސް އޭނާގެ ހިތުން މަޑުމަޑުން އައީ މަޑުވަމުންނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.