ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމުގެ ސަބަބުން ޖޮއިންޓް އޮޕަރޭޝަންތައް ހިންގުމަށް ކުރިއަށްވުރެ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަަށް ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ދާޚީލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާ ގުޅިގެން ކުރިއަށް ގެންދިޔަ "ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމް 2" ނިންމުމުގެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯމް ޓީމުގެ ލީޑަރޝިޕްގަ މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް ތަނުގަ ހިންގާ ތަފާތު އެކިއެކި ޖޮއިންޓް އޮޕަރޭޝަންތަކަށް ފަސޭހަތަކެއް މަގުފަހިވުން ކަމަށެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުގައި ހިމެނޭ މުއައްސަސާތަކުގެ އިސް ވެރިންގެ ސްޓްރެޓީޖިކްއާއި، އޮޕަރޭޝަނަލް އަދި އެތިކަލް ލީޑަރޝިޕްގެ ގާބިލުކަން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީގެ މުވައްޒަފުންނެވެ.
ވަޒީރު ވަނީ ގުޅިގެން ހުރިހާ މުއައްސަސާތަކުންވެސް މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. ހޯމް ޓީމް އެޑްވާންސްޑް ލީޑަރޝިޕް ޕްރޮގްރާމުގައި އަވަށްޓެރި ޤައުމުތަކުން ބައިވެރިވެ މިފަދަ ޕްރޮގްރާމެއް ފުރިހަމަ ކުރުމަކީ ދެކެން ބޭނުންވާ ދުވަހެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޕްރޮގްރާމްގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯމް ޓީމުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލީޑަރޝިޕްގެ މުޅިން އައު ބާބެއް ދަސްވެގެން ހިނގައްޖެ ކަމަށެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ސްޓްރެޓީޖިކް މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލީޑަރޝިޕް ސްކިލްސް ތަރައްގީކުރުމާއި، އަހުލާގީ ނިންމުންތައް ނިންމުމާއި، ކާރިސާތަކަށް އިޖާބަދިނުމާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ގެނައުމުގައި ނިންމަންޖެހޭ ނިންމުންތަކާއި، ބަދަލުތަކަށް ހޭނުމާއި، ޓެލެންޓް ޑިވެލޮޕްމަންޓާއި، ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމަށް ސަމާލުކަންދީގެން މަތީ ފެންވަރުގެ ޓީމުތައް އުފެއްދުމެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އެޕްރީލް 26 އިން މި މަހުގެ 15އަށް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ.
