މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށްގެންދާ "ކެރިއަރ އެކްސްޕްލޮރޭޝަން" ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަދެއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމު ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެގެ އިތުރުން، އެ ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ
މި ޒިޔާރަތުގެ ސަބަބުން ފުލުހުންގެ މުއައްސަސާގައި ހުރި ތަފާތު ވަޒީފާގެ މައިދާންތަކާއި، މަސައްކަތުގެ މާހައުލު ހުންނަ ގޮތް ބައިވެރިންނަށް ވަރަށް ގާތުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޖުމްލަ 34 ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް ބާއްވާފައިވަނީ މާލޭގައެވެ. ދެވަނަ ދުވަހު ދޫނިދޫގައި ހަރަކާތަތްތައް ބާއްވާފައިވާއިރު ތިން ވަނަ ދުވަހުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
