ގެއްލުނު ލޯބި (20)

( 6 މެއި 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ސައިމްއާ ދުރަށް ދިއުމަށްޓަކައި ހިތާދެކޮޅަށްނަމަވެސް ، ޒުބާ މިހާރު އެހުރީ ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އެތައް ދުވަހަކަށްފަހު ، އޭނާގެ މައިންބަފައިންނާއި ޢާއިލާގެ ލޯތްބާއި އަޅައިލުން މިހާރު އެއޮތީ ޒުބާއަށް ލިބިފައެވެ. އޭނާއަކީ ، މިހާރު ބޭކާރު މީހެއްނޫނެވެ. ކިޔަވައިގެންހުރި ޑޮކްޓަރެކެވެ. ޒުބާގެ ޙަޔާތަށް އުއްމީދުކުރާފަދަ ކިތަންމެ ކުދިންނެއް މިހާރުވެސް ކިޔުހަދާފައި ތިބޭނެއެވެ. މަސައްކަތްކުރާ ހޮސްޕިޓަލުގައިވެސް ، ހުސްހަށިނަޔަށްތިބި ޒުވާން ޑޮކްޓަރުން އެބަ އުޅެއެވެ.

މަންމައާއި ބައްޕަގެ ލޯބި ލިބި ، ރޮޝްނާއާއި ދާނިޔަލްގެ ލޯބިވެސް ލިބުން އެއީ ޒުބާގެ ފުރާނަޔަށް ދިރުން ލިބުނު އެއްކަމެވެ. ސައިމް  ކިތަންމެ އުނދަގުލެއް ކުރިނަމަވެސް ، ސައިމްއާ ދުރުގައި ހުރުމަށް ޒުބާ ނިންމިއެވެ. އޭނާގެ ހިތުގައި ސައިމްގެ މައްޗަށް އޮތް ލޯބި އެއްފަރާތުގައި ބާއްވައިގެން ، ބައްޕަ ދައްކާ މީހަކާ އިނދެގެން ކުރިޔަށްދާން ޒުބާ ނިންމިއެވެ. ޒުބާއަށް ދެރަވާނެ އެއްވެސް ކަމެއް ބައްޕައެއް ނުކުރާނެއެވެ. އަދި އަމްދުން މިހާރު އެވެ. ޑޮކްޓަރުކަން ކިޔަވައި ޒުބާ އެވަނީ ސަމީރުގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދީފައެވެ. އެ ޒުވާން ޑޮކްޓަރު ދަރިފުޅުގެ ހިތަށް ތަކްލީފެއް ލިބޭނެ އެއްވެސްކަމެއް ، ދެނެއް ސަމީރެއް ނުކުރާނެއެވެ.

ސަމީނާއާއި ސަމީރާގެ ދެމަފިރިން ، ޒުބާގެނެސް އޭނާގެ ކައިވެނީގެ ވާހަކަ ފެއްޓިއެވެ. އެކަމާބެހޭގޮތުން މާގިނަ ވާހަކަ ދައްކާކަށް ޒުބާ ބޭނުމެއް ނުވިއެވެ.

" އަހަރެންގެ އުފަލަކީވެސް އުއްމީދަކީވެސް ބައްޕަޔާއި މަންމަގެ ހިތްހަމަ ޖެހުމެވެ. އެނޫން އެއްވެސްކަމެއް އަހަރެން ބޭނުމެއްނޫނެވެ. ބައްޕަޔާއި މަންމަގެ ހިތަށް އަހަރެންނަށްވަނީ ، އެތައް ތަކްލީފެއް ޖެއްސިފައެވެ. އެކަމުގައި އަހަރެންވެސް އުޅެން ޖެހުނީ ތަކްލީފުގައެވެ. އަހަރެންގެ ޙަޔާތުގެ ކުރިމަގު ކުރަހާނީ ބައްޕަޔާއި މަންމައެވެ. ބައްޕަޔާއި މަންމަ ދައްކާ ކޮންމެ މީހަކާ އަހަރެން އިންނާނަމެވެ. އަދި ބައްޕަމެން ދެރަވެ ލަދުގަންނަންޖެހޭނެ އެއްވެސްކަމެއް އަހަރެންނެއް ނުކުރާނަމެވެ. އަހަރެން މިހާރު މިހުރީ ، އެފަދަ ކަމެއްކޮށްފިއްޔާ ޖަމާޢަތުގައި ލަދުގަންނަންޖެހޭފަދަ މަޤާމެއްގައެވެ. އަހަރެންނަކީ ޒިންމާދާރު ޑޮކްޓަރެކެވެ. ހަމައެއާއެކީ ޒިންމާދާރު އަންހެންދަރިޔެކެވެ. ބައްޕަމެން ހިތްއެދޭ މީހަކު އަހަރެންނަށް ދައްކާށެވެ ! " ހިތުގައި އޮބިއަޅައިގެން ހުރެ ، ޒުބާ އޭނާ އެދޭގޮތް ހާމަ ކުރިއެވެ.

އޭނާގެ ދަރިފުޅުގެ ފަރާތުން އެއްވެސް ޝަކުވާއެއް އޮންނާނެ ގޮތަކަށް އެދަރިފުޅުގެ ކައިވެނީގެ އެއްވެސްކަމެއް ނިންމާކަށް ސަމީރު ބޭނުމެއްނޫނެވެ. އެހެންކަމުން ، ޒުބާ އެދެއްކި ވާހަކަތަކަކީ ، ޒުބާގެ ހިތުގެ އަޑިން ޤަބޫލުކޮށް ، ޒުބާއެދޭގޮތްކަން ކަށަވަރު ކުރިއެވެ.

ސަމީރު ބޭނުންވާ ކުއްޖަކު ހޯދައިފިއެވެ. އެއީ ، މުއްސަނދި ޢާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެމެރިކާއިން ކިޔަވައިގެންހުރި ކުއްޖެކެވެ. ވިޔަފާރި ކުންފުންޏެއްގެ އެމްޑީ އެކެވެ. ކާމިޔާބު ، ޒުވާން ވިޔަފާރި ވެރިޔެކެވެ. އެއީ ކާކުކަމެއް ޒުބާއަކަށް ނޭނގެއެވެ. ރޮޝްނާއަކަށްވެސް އެކުއްޖަކާބެހޭ ފުރިހަމަ މަޢުލޫމާތެއް ނޭނގެއެވެ. އެއީ ކާކުކަން ދާނިޔަލް އަކަށް ވެސް ނޭނގެއެވެ. އެހެންކަމުން ، އެ ކުއްޖަކާބެހޭ އެއްވެސް މަޢުލޫމާތެއް ރޮޝްނާއަށްވެސް އަދި ޒުބާއަށްވެސް ދާނިޔަލްގެ ފަރާތަކުން ނޭނގެއެވެ. ސައިމްދެކެ ޒުބާ ލޯބިވާކަން ރޮޝްނާއަށް އެނގެއެވެ. އެހެނަސް ، ޒުބާ އެހުރީ އެލޯބި ޤުރްބާން ކޮށްފައި ބައްޕަމެން ދައްކާމީހަކާ އޭނާގެ ނަފްސު ޙަވާލުކުރަން ތައްޔާރަށެވެ. އެކަންވެސް ރޮޝްނާއަށް އެނގެއެވެ.

ޒުބާ ނަލަހައްދައިގެން ތިރީބުރިޔަށް ގެނެވުނެވެ. ޒުބާއާއެކީ ރޮޝްނާ ހުއްޓެވެ. އެކުއްޖަކާމެދު ޒުބާ ހިތްހަމަ ނުޖެހޭނަމަ ، އިންކާރުކޮށް ، ބައްޕަމެންގާތު އެވާހަކަ ބުނުމަށް ރޮޝްނާއޮތީ ޒުބާއަށް ވިސްނައިދީފައެވެ. އެކަމަކާ ބައްޕަމެން އެއްވެސް ވަރަކަށް ދެކޮޅެއް ނުހަދާނެއެވެ. ބައްޕަމެން މިފަހަރު ނިންމާނީ ޒުބާ ހިތްއެދޭ ގޮތަކަށެވެ. ސަމީނާވެސް އޮތީ ޒުބާއާ އެވާހަކަ ދައްކާފައެވެ. އެކުއްޖަކާމެދު ޒުބާ ހިތްހަމަ ނުޖެހޭނަމަ ، އެކަމަށް އިންކާރު ކުރުމުގެ ޙައްޤު ، ޒުބާއަށް އޮތްކަން ހަނދާން ކޮށްދީފައެވެ.

ޒުބާ ތިރިޔަށް ފޭބިއިރު ، ކަމަކުދާކަށް ނެތެވެ. އޭނާގެ ކައިވެންޏަށް އެދި އައިސް އެހުރީ އެއްކަލަ ޝަހީރެވެ. ޒުބާގެ ފޮޓޯތައް އެޑިޓްކޮށް ، ޒުބާއާއި ސައިމްގެ ގުޅުން ބޭޒާރުކޮށް ، ޒުބާ ފަޟީޙަތްކޮށްލި ޝަހީރެވެ. ރޮޝްނާއަށްވެސް ޝަހީރު އެނގެއެވެ. ޝަހީރު ފެނުމާއެކީ ، ޒުބާގެ ހިތްބިރުގަނެ ، ތުރުތުރު އަޅައިގަތެވެ. ނޭވާއަށް އުނދަގޫވާން ފެއްޓިއެވެ. ރޮޝްނާއަށް އެކަން އެނގިގެން ، އަވަސްއަވަހަށް މައްޗަށްގޮސް ، ޒުބާ ނޭފަތުން ދަމާފުޅި ގެނެސްދިނެވެ.

ޝަހީރުގެ ޙަޤީޤަތް ކިޔައިދޭން ރޮޝްނާ ފެއްޓުމާއެކީ ، ޝަހީރަށްވެސް ޒުބާއަކީ  ކާކުކަން އެނގޭކަމުގައި ، އޭނާގެ މަންމައާއި ބައްޕަގާތު ބުންޏެވެ. ޒުބާ އާއި ސައިމްއާ ދެމެދު އަދިވެސް ލޯބީގެ ގުޅުން އެބަ އޮތްކަމަށާއި ، ޑޮކްޓަރަކަށް ވުމުން ޒުބާގެ އަސްލާއި ޙަޤީޤަތް ބަދަލު ނުވާނެކަމަށް ޝަހީރު ބުންޏެވެ.

ޒުބާއާ ބެހޭގޮތުން ޝަހީރު ދައްކަމުން ގެންދިޔަ ވާހަކަތައް ސަމީރު ހުއްޓުވިއެވެ. ދާނިޔާލްވެސް ކުއްލިޔަކަށް ޝަހީރުގެ ކުރިމައްޗަށް އަރައި ޝަހީރަށް ޖަވާބުދާރީ ވިއެވެ.

" އަހަރެންގެ ކޮއްކޮއާ ބެހޭގޮތުން އެންމެ ބަހެއްވެސް އިތުރަށް ނުބުނާށެވެ ! ތިޔައީ ކިހާވަރެއްގެ ކާކުކަން އަހަރެންނަށްވެސް މިހާރު އެނގިއްޖެއެވެ. އަހަރެންގެ ކޮއްކޮގެ އަބުރު ދުއްވައިލި މީހާކަން ކުރިން އެނގުނުނަމަ ، މިގޭގެ އޮޅިން އެތެރެޔަށް އެންމެ ފިޔަވަޅެއްވެސް އެޅިޔަކަ ނުދޭނަމެވެ. ވަތްދޮރު އެހުރީ ފެންނާށެވެ ! ހަމަ މިހާރު މިގެއިން ނުކުމެގެން ދާށެވެ ! " ދާނިޔަލް އެންގިއެވެ.

ޒުބާއަށް ރޮވުނެވެ. ދާނިޔަލްބޭބެޔަކީ މިހާރު ކުރީގެ ބޭބެކަން ޒުބާއަށް އިޙްސާސް ވިއެވެ. ކުޑައިރުވެސް ، މެއްސެއްގެ ފައިވެސް ޒުބާގެ ގައިގައި ބީހިލާކަށް ދާނިޔަލް ބޭނުމެއް ނުވާނެއެވެ. ޒުބާއަށް ރައްކާތެރިކަމާއި ސަލާމަތްކަން ދާނިޔަލް ކަށަވަރުކުރަމުން ގެންދިޔައީ އެ ދަރަޖައިގައެވެ. ޒުބާގޮސް ، ދާނިޔަލް ބޭބެގެ ގައިގައި ބައްދައިލިއެވެ.

ޝަހީރާ ކައިވެނިކުރަން ބައްޕަމެން އެދޭނަމަ ، އެކަން އެގޮތަށްކުރަންވެސް ޒުބާހުރީ ތައްޔާރުގައެވެ. އެކަން ސަމީރަށް އެނގެއެވެ. އެއީ ، މިހާރު އޭނާ ފަޚްރުވެރިވާ އޭނާގެ ހަގު އަންހެންދަރިފުޅުކަން ސަމީރަށް އެނގެއެވެ.

ސީމާބުގެ ހިތުގައި ސައިމްގެ މައްޗަށް ޚާއްޞަކަމެއް ދީފައި އޮތްކަން ޒުބާއަށް އެނގެއެވެ. ސައިމްއާ ދުރުވާން ޒުބާ މަސައްކަތްކުރަމުން ގެންދާ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ސައިމް އެވަނީ ޒުބާގެ ހިތްހަލާކުކޮށްލާފައެވެ. ސީމާބުގެ ހިތަށް ސައިމްގެ ފަރާތުން އެއްވެސް ތަކްލީފެއް ލިބޭކަށް ޒުބާ ބޭނުމެއްނޫނެވެ. އެހެންކަމުން ބޮޑުދައިތަ ސިތާރާއާ އެވާހަކަ ދައްކައި ސައިމްއާމެދު ސީމާބުގެ ހިތުގައި  އުފެދެމުން އެދާ ލޯބީގެ ގުޅުން ހުއްޓުވުމަށް ބޮޑުދައިތަގާތު ބުނުމަށް ޒުބާ ނިންމިއެވެ. އޭނާގެ ހިތްހަލާކު ކޮށްލާފައިހުރި މީހަކު ، އޭނާގެ ކޮއްކޮގެ ހިތް އިތުރަށް ހަލާކު ކޮށްލާކަށް ޒުބާ ބޭނުމެއްނޫނެވެ. ޒުބާއާއި ސީމާބާ ދެމެދު އުފެދިފައި އޮތް ގާތް ގުޅުމަށް އެކަމުން ނޭދެވޭ އަސަރު ކުރާނެއެވެ. އެއީ ޔަޤީން ކަމެކެވެ. އެކަމަށްޓަކައި ދެދުވަހުގެ ޗުއްޓީއެއްނަގައި ، ކަރާޗީއަށް ދިއުމަށް ޒުބާ ނިންމިއެވެ.

ސައިމްގެ މައްޗަށް އޭނާގެ ހިތުގައިވާ ޚާއްޞަކަން އެއީ ލޯބިކަން ސީމާބަށްވެސް މިހާރު އިޙްސާސް ކުރެވެން ފަށައިފިއެވެ. އެވާހަކަ ސައިމްގާތު ބުނުމަށްޓަކައި އެތައްފަހަރަކު ސީމާބު މަސައްކަތް ކުރިއެވެ. ކޮންމެ ފަހަރަކުވެސް ، އެވާހަކަތައް އަޑުއެހުމަށް ސައިމް އިންކާރު ކުރެއެވެ. ސައިމްއާއެކީ އެކަހަލަ ދަތުރެއް ނުފައްޓާ ، ވަޒީފާއަށް ސަމާލުކަން ދިނުމަށް ސީމާބަށް ނަޞޭޙަތްދެމުން ގެންދިޔައެވެ. ސައިމްގެ ހިތަކީ ހުސް ހިތެއްނޫންކަމަށާއި ، އެވާހަކަ ސީމާބުގާތު ބުނެވެން ނެތްކަން ސައިމް ހާމަކޮށްދެމުން ގެންދިޔައެވެ. ބައެއްފަހަރަށް ދެމީހުން ހިތްހަމަ ނުޖެހިގެން އެކަމާ ޒުވާބުކުރަންޖެހޭ ފަހަރުވެސް އާދެއެވެ.

އެއީ ، އެއްދުވަހެކެވެ. ސައިމްއާއި ސީމާބު ، ކާފަމެންގޭގައި ތިބެގެން ދައްކަމުން އެގެންދަނީ އެވާހަކައެވެ. އެންމެފަހުން ، އެކަމާ ސައިމް ހިތްހަމަ ނުޖެހިގެން ނުކުމެގެން ހިނގައިގަތެވެ. ސީމާބުވެސް ސައިމްގެ އަތުގައި ހިފައި ، އޭނާގެ ވާހަކަ އަޑުއެހުމަށް އާދޭސްކުރަމުން ގެންދިޔައެވެ. އެދެމީހުންނަށް ނުކުމެވުނީ ޒުބާގެ ކުރިމައްޗަށެވެ. ޒުބާއާ ދިމާލަށް ބަލަހައްޓައިގެންހުރެ ، ސައިމް ގެއިން ނުކުމެގެން ދިޔައެވެ. ސީމާބާ ދިމާލަށް ބަލަހައްޓައިގެންހުރެ ، ޒުބާ ގޭތެރެޔަށް ވަދެގެން ދިޔައެވެ. ޒުބާގެ މޫނުމަތީގައިވާ ކަންބޮޑުވުން ސީމާބަށް މައްސަލަޔަކަށް ވިއެވެ. ޒުބާއާއި ސައިމްއާ ދެމީހުންކުރެ އެކަކުވެސް އެންމެ ދެރަވަގެން ސަލާމްވެސް ގޮވައި ނުލައެވެ. އެއީ މައްސަލައެއް ނޫން ހެއްޔެވެ ؟

ގޭތެރެޔަށް ވަދެ ، ސައިމްގެ ޢަމަލުތައް ހުރިގޮތުން ، ސީމާބު ، ޒުބާގާތު ޝަކުވާ ކޮށްގަތެވެ. ސައިމްގެ ފަހަތުން އަޅައިގަނެގެން ނުއުޅުމަށް ސީމާބަށް ޒުބާ ނަޞޭޙަތް ދިނެވެ. ސައިމްއަކީ ، ސީމާބަށްވުރެ މާބޮޑަށް ދޮށީ މީހެކެވެ. ސައިމްގެ ހިތުގައި އެހެން އަންހެންކުއްޖަކު އެބަ އޮތްކަން ސައިމް އޮތީ ސީމާބުގާތު ބުނެފައެވެ. އެކަމަކު ، އެ ކުއްޖަކީ ކާކުކަމެއް ސައިމްއެއް ނުބުނެއެވެ. އަދި އެކުއްޖަކާ އެއްވެސް ވަރަކަށް ބައްދަލުކުރާތަނެއްވެސް ސީމާބަކަށް ނުފެނެއެވެ. އެހެންކަމުން ސީމާބަށް ޔަޤީންކުރެވިފައި އޮތީ ، އެއީ ، ސީމާބާ ރައްޓެހި ނުވާންވެގެން ސައިމް ދައްކާ ބަހަނާއެއް ކަމުގައެވެ. ސައިމްގެ ހިތުގައި ކުއްޖަކު ކުރިން އޮވެދާނެއެވެ. އެކަމަކު މިހާރަކު ނެތެވެ.

އިންސާނެއްގެ ހިތުގައި ލޯތްބެއްގެ ބިންވަޅު ނެގިފައި އޮތުމަށްފަހު ، އެ ލޯތްބެއް އޭނާގެ ހިތުން ފިލުވައިލުމަކީ އެކަށީގެންވާ ކަމެއްނޫންކަމުގައި ޒުބާ ، ސީމާބަށް އޮޅުން ފިލުވައި ދިނެވެ. ސައިމްގެ ހިތުން އެ ލޯބި ނުފިލާ އޮތްނަމަ ، އޭނާ އެކަންވެސް ކުރާނެކަމަށް ސީމާބް ބުންޏެވެ. އިސްލާމްއާބާދުގައި ހުރެފައި ޒުބާ އެއައީ ، އެކަމާބެހޭގޮތުން ސީމާބުގާތު ވާހަކައެއް ބުނުމަށެވެ. ކަމެއް ވިސްނައި ދިނުމަށެވެ. އެކަމަކު ، އެވާހަކަ މިހާރަކު ސީމާބަށް އަޑުއެހޭކަށް ނެތެވެ. ސީމާބަށްވަނީ ، އެކަން ހުއްޓުވޭ ވަރަށްވުރެ ބޮޑަށް ސައިމްދެކެ ލޯބި ވެވިފައެވެ. ޒުބާ ދައްކަން އެއައި ވާހަކަ ދައްކާނީ ފަހުންކަމަށް ސީމާބް ބުންޏެވެ. މިހާރަކު އެކަހަލަ ވާހަކައެއް ސީމާބަކަށް އަޑެއް ނޭހޭނެއެވެ. އަޑުއެހިޔަސް ޤަބޫލެއް ނުކުރެވޭނެއެވެ.

" އަހަރެންނަށް ކަމެއް ކޮށްދޭން ޒުބާ ބޭނުންނަމަ ، ސައިމްއަކީ އަހަރެންގެ މީހަކަށް ހައްދަވައި ދެއްވުން އެދި ﷲ އަށް ދުޢާ ކޮށްދޭށެވެ ! އަދި ސައިމްގެ ހިތުގައި އޮތް ކުއްޖެއްގެ ނަން އޭނާގެ ހިތުން ފުހެލެއްވުންވެސް އެދި ދުޢާ ކޮށްދޭށެވެ ! " ސީމާބް ބުންޏެވެ.

ސީމާބާ އިތުރަށް އެވާހަކަ ދައްކާކަށް ފުރުޞަތެއް ނެތެވެ. ޒުބާއާ އަބަދުއަބަދު އެކަހަލަ އިމްތިޙާނާ ކުރިމަތިލާން އެޖެހެނީ ކީއްވެގެން ހެއްޔެވެ ؟ ހިތުގެ ލޯބި އެއީ އޭނާއަށް ޙައްޤު އެއްޗަކަށް ނުވަނީ ހެއްޔެވެ ؟ ސައިމްގެ ލޯތްބާއި ޢާއިލާގެ އަޅައިލުމާއި ލޯބި އެއްފަހަރާ ޒުބާއަށް އިރާދަ ނުކުރައްވަނީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ އިތުރަށް އަނެއްކާ އެހެން މައްސަލަ އެކެވެ. ސީމާބްގެ ލޯތްބެވެ. އެހާބޮޑަށް އޭނާގެ ޙަޔާތް މަސްހުނިގަނޑަކަށް ވެގެން ހިނގައިދާނެކަމަކަށް ޒުބާއަށް ވިސްނައި ލެވިފައެއް ނެތެވެ. މިހާރު އެދަނީ އެކަމުން ސަލާމަތްވާން އޮތްމަގުވެސް ބެދެމުންނެވެ. އެވާހަކަތައް އޭނާ ބުނާނީ ކާކުގާތުގައި ހެއްޔެވެ ؟

ޒުބާއަކީ ލޯބި ލިބޭ ކުއްޖެކެވެ. އެތައް ބަޔެއްގެ ލޯތްބެވެ. އެކަމަކު ހުރިހާ ލޯތްބެއް އެއްފަހަރަކާ ލިބޭގޮތެއް ނުވެއެވެ. ސައިމްގެ ލޯބި ލިބުމުން މައިންބަފައިންގެ ލޯބިން މަޙުރޫމް ވިއެވެ. ބޮޑުދައިތަގެ ލޯބި ލިބުމުން ، ސީމާބަށްޓަކައި ސައިމްގެ ލޯބިން މަޙްރޫމުވާން މިހާރު އެއޮތީ މަޖްބޫރު ވެފައެވެ.

ގޮތްދޫނުކޮށް ޒުބާއާ ވާހަކަ ދެއްކުމަށް އެކިގޮތްގޮތަށް ސައިމް މަސައްކަތް ކުރަމުންގޮސް ، ސައިމްއާއެކީ ރެސްޓޯރެންޓަކަށްދާން ޒުބާއަށް މަޖްބޫރު ވިއެވެ. އެދެމީހުން ރެސްޓޯރެންޓަށްގޮސް ވާހަކަ ދައްކަން ތިއްބާ ސީމާބަށް ފެނުމާއެކީ ރުޅި އައިސް ރަތްވެގެން ގޮސް ޒުބާއާ ދިމާލަށް އެތިވަރު ގޮވައިގަތެވެ. އެ ކަން އެއީ ހާރޫނަށާއި ސިތާރާއަށްވެސް ވަރަށްބޮޑު މައްސަލަޔަކަށް ވެގެން ދިޔައެވެ. ހާރޫނު ބޭނުންވަނީ ، ސައިމްއާއެކީ ދިރިއުޅުމެއް ފަށަން ޒުބާ ބޭނުން ނޫންނަމަ . ސައިމް ޒުބާއާ ވަކި ވުމަށެވެ. އަދި ، ސިތާރާ ބޭނުންވަނީ ، ޒުބާ ބުންނަ ބޭނުންވާ ގޮތަކަށް ސީމާބް ޢަމަލު ކުރުމަށެވެ. އެއްވެސް ސަބަބެއްނެތި ، ސައިމްއާ ޒުބާ ބައްދަލެއް ނުކުރާނެއެވެ. އަދި ، ތާކުންތާކު ނުޖެހޭ އެއްވެސް ވާހަކައެއް ސީމާބްގާތު ޒުބާއެއް ނުދައްކާނެއެވެ. ޒުބާ ދައްކަން އެއުޅެނީ ވަރަށްބޮޑު ވާހަކަ އެކެވެ.

ސައިމްގެ ހިތުގައި ކުއްޖަކު އެބަ އޮތްކަން ސީމާބަށް ، ސައިމްވަނީ އަންގައިދީފައެވެ. ސައިމް ބޭނުންވަނީ ޒުބާގެ ފަރާތުންވެސް އެކަން ސީމާބަށް އަންގައިދީ ، އެދެމީހުންގެ މެދުގައި އޮތް ގުޅުމުގެ ވާހަކަ ، ސީމާބްގާތު ޒުބާވެސް ބުނެދީ އެކަން ނިމުމަކަށް ގެނައުމަށެވެ.

ސިތާރާއަކީ އޭނާގެ އަމިއްލަ ދަރިފުޅު ސީމާބަށްވުރެ ބޮޑަށް ޒުބާއަށް އިތުބާރުކުރާ މީހެކެވެ. ދެކުދިންގެ ގޮތްވެސް ސިތާރާއަށް އެނގެއެވެ. ޒުބާގެނެސް ، އެވާހަކަ ދެއްކުމަށް ސިތާރާ އެދުނެވެ. ސީމާބްގާތު ޒުބާ ބުނީ ކީކޭތޯ ބަލާކަށް ސިތާރާ ބޭނުމެއްނޫނެވެ. ސައިމްއާ ސީމާބު ދުރުވާން ، ޒުބާ ބޭނުންވާ ސަބަބެއް އޮންނާނެއެވެ. އެވާނީ ރަނގަޅު ސަބަބަކަށްކަން ސިތާރާއަށް ޔަޤީނެވެ. ސިތާރާ ބޭނުންވީ އެސަބަބު ، އޭނާގާތު ޒުބާ ބުނެދިނުމަށެވެ.

ސައިމްއާ އޭނާއާ ދެމދުގައި ހިނގާފައިވާ ހުރިހާ ވާހަކަތަކެއް ބޮޑުދައިތަޔަށް ޒުބާ ކިޔައިދިނެވެ. އަދި ، އޭނާގެ ބޭނުމަކީ ، ސީމާބަށް ލިބިދާނެ ގެއްލުމަކުން ސީމާބް ސަލާމަތްކޮށްދިނުންކަން ހާމަކުރިއެވެ. ސީމާބް ބޭނުންކަމަށް ވަންޏާ އޭނާ އެހުރީ ސީމާބާ އެކުގައެވެ. ސީމާބްދެކެ ޒުބާ އިންތިހާއަށް ލޯބި ވެއެވެ. ސީމާބަށް އެއްވެސް ތަކުލީފެއް ލިބޭކަށް ޒުބާއެއް ނޭދެއެވެ.

ފާއިޤާއާއި އިބްރާހީމާ ދެމެދުގައިވެސް އެތައް ވާހަކައެއް ދެކެވި ، ސައިމްއަށް އެހީތެރިވެ ، ސައިމްގެ ހިތުގައި އޮތް ޒުބާގެ ލޯތްބަށް އިޙްތިރާމް ކުރުމަށް އެދެމަފިރިންވެސް ނިންމިއެވެ. ޒުބާއާއި ސައިމްގެ ކައިވެނި ކުރެވިފައިވާ ވާހަކަ ، އެންމެފަހުން ސީމާބުގާތު ސައިމް ބުންޏެވެ. އެހާ ވަރަށް ގޮސް އޮތްކަމެއް ސާފުވެ އޮޅުންފިލުމާއެކީ ، އެކަމުގައި ޒުބާގެ އެއްވެސް ކުށެއްނެތްކަން ސިތާރާއަށްވެސް އެނގުނެވެ. އަދި އެކަމާބެހޭގޮތުން ، ސީމާބަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.