ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކިފާނު މިގޮތަށް އިލްތިމާސް ކުރެއްވީ ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްޞީލް ހިއްސާކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ މަތީ މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅުން، ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭގޮތަށާއި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާގޮތަށް، ޙަޤީޤަތާއި ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ގެއްލުމަށް އެހީތެރިކަން ދެވޭނެ ގޮތެއް ސަރުކާރުން ބަލަމުންދާކަމަށެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީން އެކަމުގައި ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާ ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މެއި 11 އަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކަވާފައިވާ ކަމަށާއި ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި އެކު ޖުމުލަ 974 މިލިއަން ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކަންޖެހޭ މުއްދަތު 2026 މެއި 11 އަށް ހަމަވާތީ، އެ ފައިސާ ދައްކަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި ކުރައްވަމުންގެންދަވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.