މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ޕިލިޕީންސުން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ މައްސަލައިގެ އިބްތިދާއީ ހޯދުންތައް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ފެށުމާ ގުޅިގެން، ފިލިޕީންސް އެ ކޯޓުން ވަކިވާން ނިންމައިފި ކަމުގައި އެޤައުމުގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭ ވިދާޅުވެއްޖެެއެވެ.
އައިސީސީގެ އިބްތިދާއީ ހޯދުންތަކަކީ، މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ހެކި ހުރިތޯ ބެލުމަށް ހޯދާ ހޯދުންތަކެވެެ. ފިލިޕީންސާ ދެކޮޅަށް ބަލަނީ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައް ހިންގި މައްސަލައެވެ.
އައިސީސީއަށާއި، އދ. އަށް ހޫނު ބަސްތަކެއް ރައްދުކޮށް މިއަދު މީޑިއާތަކަށް ފިލިޕީންސް ސަރުކާރުން ފޮނުވި ބަޔާނެއްގައި ރައީސު ޑުޓެރްޓޭ ވިދާޅުވެފައި ވަނީ، އައިސީސީ އުފެއްދުމަށް އެކުލަވާލެވުނު މުޢާހަދާ "ރޯމް ސްޓެޗިއުޓް" އިން ފިލިޕީސްން ވަކިވާން ނިންމަވައިފިކަމުގައްޔާއި، އެއީ ވަގުތުން އަމަލުކުރެވޭނެ ނިންމުމެއް ކަމުގައެވެ.
އައިސީސީއާއި، އދ. އިން އޭނާއާއި ދެކޮޅަށް ހަނގުރާމަ ފަށާފައިވާ ކަމަށް ތުހުމަތުކުރައްވަމުން، ޑުޓެރްޓޭ ވަނީ އޭނާއާ ދެކޮޅަށް "އަސްލެއް ނެތް، މީގެ ކުރިން ފެނިފައިނުވާފަދަ، ހައްދުން ނައްޓާފައިވާ" ހަމަލާތަކެއް ކަމުގައި ސިފަކުރައްވާފައެވެ.
"އެހެންކަމުން، ރޯމް ސްޓެޗިއުޓް މުއާހަދާ (އައިސީސީ އުފެއްދި މުއާހަދާ) އިން މިވަގުތުން ފެށިގެން ފިލިޕީންސް ވަކިވެފައިވާކަން ފިލިޕީންސްގެ ޖުމްހޫރިއްޔާގެ ރައީސުގެ ހައިސިއްޔަތުން، އަހަރެން ކަޑައަޅައި އަންގަމެވެ." އޭނާ ނެރުއްވި ބަޔާނުގައި ވެއެވެ.
ބަޔާނުގައި އެހެން ބުނެފައިވީ ނަމަވެސް، ރޯމް ސްޓެޗިއުޓް ބުނާ ގޮތުގައި، މެންބަރު ޤައުމެއް އައިސީސީން ވަކިވާނީ އެކަން އދ. ގެ ސެކްރެޓަރީއަށް އަންގާތާ އެއް އަަހަރު ދުވަހުގެ ތެރޭގައެެވެ.
2016 ވަނަ އަހަރު ފިލިޕީންސްގެ ރައީސުކަމާ ރޮޑްރިގޯ ޑުޓެރްޓޭ ހަަވާލުވެޑައިގަަތް ފަހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަމަށް ބުނެ 12000 މީހުން މަރާލެވިފައި ވެއެވެ. ގިނަ ބަޔަކު މަރާލެވިފައި ވަނީ ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައެވެ. އަދި ފުލުހުން ނަން ހާމަކޮށްފައިވާ ފަރާތްތަކަށް އާއްމުން ބަޑިޖަހައިގެން މަރާލެވިފައި ވެއެވެ. ޝަރީއަތް ކުރުމަކާނުލާ ގިނަ ބަޔަކު މަރަމުންދިއުމާއި، އެފަދައިން މެރުމަށް ފިލިޕީންސްގެ އިސްވެރިން ހިތްވަރުދެމުން ގެންދާތީ، އެމައްސަލަތައް ތަހުގީގުކުރުމުގެ މަސައްކަތް ފަށަން އުޅުމުން ރައީސު ޑުޓެރްޓޭ ނިންމެވީ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ވަަކިވާށެވެ. އެހެންކަމުން، އައިސީސީއަށް އެ ތަހުގީގު ކުރެވިދާނެކަމާ މެދު ވަނި ޝައްކު އުފެދިފައެވެ.