ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
މި ޚިޠާބުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޚިޠާބުގައި، މީޑިއާއަކީ، ޤާނޫނު އަސާސީގައި ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވަކިވެފައިވާ ބާރުތައް ގުޅުވައިދިނުމުގެ އެންމެ މުހިންމު ދައުރު އަދާކުރާ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރައްވައި، ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަމެއްކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެވިފައިވައި، ހިފަހައްޓަންޖެހޭ އިންތަކަކާއި މިންތަކެއް ކަނޑައަޅުއްވާފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމާއި، ސިލްމާއި ސަލާމަތު ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހަނދުމަފުޅުކޮށްދެއްވިއެވެ.
ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްފައި ބޭއްވުމަކީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ހިފަހައްޓަވަމުން ގެންދަވާ އެންމެ މަތީ އެއް މަޞްލަޙަތު ކަމަށާއި ނޫސްވެރިންނަށް ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އެންމެހައި ޙައްޤުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރު ކޮށްދެއްވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު އެރުއްވިއެވެ. އަދި މިވަގުތަކީ، ނޫސްވެރިކަމާއި، ޓެކްނޮލޮޖީ އާއި، މަދަނީ ޙައްޤުތަކާއި އިންސާނީ ޙައްޤުތަކާ ދެމެދު އޮންނަ ވަކިވަކި ގުޅުންތައް ގުޅުވާނެ ނިޒާމުތަކާމެދު ދުނިޔޭގައި ފުޅާކޮށް ބަހުސްކުރަމުން އަންނަ ވަގުތެއް ކަމަށާއި، ނޫސްވެރިކަމުގެ މުސްތަޤުބަލަށް ފަހި އިންފޮމޭޝަން އިކޯސިސްޓަމްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ޢަމަލީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ތަޞައްވުރު ޙަޤީޤަތަކަށްވެގެންދާއިރު، ހުރިހާގޮތަކުންވެސް ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ފަހި މާހައުލެއް ތަނަވެސްވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

