މިނިވަން، ރައްކާތެރި މީޑިއާއެއް ގާއިމުކުރުމަަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

މިނިވަން އަދި ރައްކާތެރި ދިވެހި މީޑިއާއެއް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސް ވަނީ ބަވަނަވަމުން އަންނަ ދުނިޔޭގައި، ދޮގު މަޢުލޫމާތު ފެތުރުމުގެ އިތުރު ހަތިޔާރެއްގެ ގޮތުގައި ޑީޕް ފޭކް އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރަމުން ގެންދާ ދިޔުމާމެދުވެސް ރައްކާތެރިވާން ޖެހޭ ކަމަށާއި މިކަން މިހެން އޮތުމާއެކުގައި، ރައްޔިތުންނަށް ތެދު މަޢުލޫމާތާއި ޚަބަރު ފޯރުކޮށްދިނުމުގައި އިތުރަށް ސަމާލުވާންޖެހޭކަން ހަނދާންކޮށްދެއްވާފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ދުނިޔޭގައި ފާހަގަކުރަމުން ގެންދާއިރު، އެއްވެސް ތަޙުޤީގެއް ހިންގުމެއް ނެތި ދުނިޔޭގެ ބައެއް ތަންތަނުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، ނޫސްވެރިންނަށް އެކިއެކި އަދަބުތައް ދެމުންދާތަން ފެންނަމުންދާކަމީ ވަަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިއީ، މިއަދު ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ނޫސްވެރިންނާ ދެކޮޅަށް ދުނިޔޭގައި ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް ވަނީ ގޮވާލައްވާފައެވެ. އަދި މިނިވަން މީޑިއާއަކީ ޙައްޤެއް އަދި، ޒިންމާއެއް ކަމަށާއި ދިވެހި މީޑިއާ ވާންވާނީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން، އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމައެހެންމެ، ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށްވެސް މީޑިއާ ވާންޖެހޭ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވުމާއި، ހާމަކަމާއި، ހެޔޮ ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުމަށް އަޅުގަނޑުގެ ސަރުކާރުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.