ފަންނިއްޔާތާ ބެހޭ ވުޒާރާގައި ތިބީ ޤާބިލު މަސައްކަތްތެރިން: މިނިސްޓަރ

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ފަރާތުން ބޭއްވި ހިނގާލުމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ބައިވެރިވެވަޑައިގެން، މިވުޒާރާގެ މުވައްޒަފުންނަކީ ނަމޫނާ ފަންނުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

އިއްޔެ ކުރިއަށްދިޔަ މި ހިނގާލުމުގެ ތެރެއިން މީޑިޔާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ހީނާ ވަނީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށާއި، ޚާއްޞަކޮށް މިވުޒާރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށް އަރިސްކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަޤާފީ ދާއިރާއާއި، ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާގެ އިތުރުން ދިވެހިބަހާ ގުޅުންހުރި ދާއިރާތަކަކީ ކޮންމެ ދުވަހަކުވެސް އިލްމީ އަދި ފަންނީ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތަކެއް ކަމަަށެވެ.

"މި ދާއިރާތަކަކީ ވަރަށް ފަންނުވެރި މަސައްކަތްތަކެއް ކޮންމެ ދުވަހަކު އެބޭފުޅުން އެކުރައްވަމުން ގެންދަވަނީ. ވަރަށް ފަންނުވެރި ބަޔަކު އިލްމީ މަސައްކަތެއްގެ ގޮތުގައި މިކަން ހިންގަވާތީ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުގެ ސިޔާސަތަކީ މިފަދަ ފަންނުތަކާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ފަސޭހަކަމާއެކު މަސައްކަތް ކުރެވޭނެ އަމާން މާހައުލަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީފާގެ މާހައުލުގައި ހުރި ދަތިތަކާއި ތަކުލީފުތައް ބަލައި، މުވައްޒަފުންނަށް ފަހި މާހައުލެއް ބިނާކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"Recognition and Respect" (ބަލައިގަތުމާއި އިޙްތިރާމްކުރުން) މި ޝިއާރުގެ ދަށުން ބޭއްވި މި ހިނގާލުމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ. މި ހިނގާލުމަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުން ރަމްޒުކޮށްދޭ ހަރަކާތެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.