ފ.ފީއަލި ބަނދަރުގައި މިއަދު ހިނގި އަލިފަނުގެ ހާދިސާގައި އެރަށު އައިސްޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.
މިއަދު ހެނދުނު 9:15 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައެވެ.
އަދި އަލިފާންގަނޑު ފެތުރި ކައިރީގައި އޮތް އިތުރު 3 މަސް ދޯންޏެއްގައިވެސް ވަނީ ރޯވެފައެވެ.މީގެ އިތުރުން އެ ރަށު އައިސްޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް އައިސްޕްލާންޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.
މި އަލިފާނުގެ ހާދިސާގައި، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ. މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ.
އަލިފާން ރޯވީ ތެޔޮ ދޯނީގެ ޕަމްޕު ސްޓާޓްކުރަން އުޅުނު ވަގުތު ހުޅު ހިފައިގެންނެވެ.

