ބީއެމްއެލް އާއި އެސްއޯއެމް އިން އެތުލީޓުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި  ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) އާއި ގުޅިގެން އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނަރޝިޕެއް ގާއިމުކޮށްފިއެވެ.

މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑަރޝިޕް ޕްރޮގްރާމްތަކަށާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެއިތުރުން މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށްވެސް މި ޕާޓްނަރޝިޕްގެ ދަށުން އެއްބާރުލުން ދިނުމަށް ވަނީ ނިންމާފައެވެ.

ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮފި ކަމަށްވާއިރު، އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ. އެގޮތުން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެއެވެ. އަދި މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި، ޕާޓްނަރޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.