މިއަދަކީ އައްޑު އަތޮޅު ގަމުން އިނގިރޭސިން ފޭބިތާ 50 އަހަރު ފުރުނު ދުވަސް

މިއަދަކީ އައްޑު އަތޮޅު ގަމުން އިނގިރޭސިން ފޭބިތާ 50 އަހަރު ފުރުނު ދުވަހެވެ. އިނގިރޭސިން ފައިބައިގެން ދިޔައީ 1976 ވަނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އޭރު ދިވެހި ދައުލަތާއެކު ހަދައިފައި އޮތް އެއްބަސްވުމާ ތަފާތު ގޮތަކަށް ހިނގައި ދިޔަ ކަމެކެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިނގިރޭސިން ގަމުން ފައިބާނީ 1986 ވަނަ އަހަރުއެވެ. އާދެ، އޭގެ ދިހަ އަހަރު ފަހުންނެވެ.

އެއްބަސްވުމުގައިވާ މުއްދަތު ހަމަނުވަނީސް ފައިބައިގެންދާތީ މާލީ ބަދަލަކަށް ދިވެހި ސަރުކާރުން އެދުނެވެ. އެއީ އޭރު ގަމުގައި މަސައްކަތްކުރި ދިވެހިންގެ ވަޒީފާ ގެއްލުމުގެ ސަބަބުން އެ މީހުންނަށް ލިބޭނޭ ގެއްލުން ފޫބެއްދުމަށްޓަކައި އެދުނު ބަދަލެކެވެ. ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން އެދުނީ ތިން މިލިއަން އިނގިރޭސި ޕައުންޑަށެވެ. އެކަމަކު އެ ބަދަލުދޭން އިނގިރޭސިން ދެކޮޅު ހެދިއެވެ. ސަބަބެއް ކަމަށް ބުނީ އިނގިރޭސި އާރްއޭއެފްގެ ސިފައިން އެއްވެސް ތަނެއްގައި ތިބެފައި، އެތަނެއް ދޫކޮށްލައިފައި ދާއިރު އެއްވެސް ކަހަލަ ބަދަލެއް ނުދޭ ކަމަށާއި އެފަދަ ކަމެއް ކުރާނޭ އުސޫލެއް ހަމަނެޖިފައި ނެތް ކަމަށެވެ. އެހެންވީމާ އެ މަޝްވަރާތައް ހުއްޓުނީއެވެ.

އޭގެ ފަހުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި ކޮލި ޢަލީ ޢުމަރު މަނިކު ގަމަށް ފޮނުއްވިއެވެ. އެ މަނިކުފާނުގެ އަރިހުގައި ޢަލީ ޙުސައިން ދީދީއާއި މުއުމިނާ ޙަލީމާއި އަޙްމަދު އާދަމްވެސް ވަޑައިގެންނެވިއެވެ. ނާޞިރު އޭރު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ. އެއް ސަބަބަކީ ބަދަލެއް ދޭން އިނގިރޭސިން އެއްބަސް ނުވުމެވެ. އަނެއް ސަބަބަކީ ގަމާއި ހިތަދޫގައި ހުރި ހުރިހައި ސަމާނެއް ގެންދާނެ ކަމަށް އިނގިރޭސިން ދިވެހި ސަރުކާރަށް އަންގައިފައި އޮތުމެވެ. ނާޞިރު އެންގެވީ އިނގިރޭސިން ފައިބައިގެން ދިއުމާމެދު އިންކާރު ނުކުރައްވާ ކަމުގައެވެ. އެހެންނަމަވެސް ގަމުގައިވެސް އަދި ހިތަދޫގައިވެސް ހުރި އެއްވެސް އެއްޗެއް ގެންގޮސްގެން ނުވާނޭ ކަމުގައެވެ.

ޢަލީ ޢުމަރު މަނިކު އޭނާގެ ޑައިރީ [އަޅުގަނޑުގެ ދުވަހު ފޮތް] ގައި ލިޔުއްވައިފައިވާ ގޮތުގައި އައްޑު އަތޮޅު ކަމުގައި އިނގިރޭސިންނާއެކު ބޭއްވި ބައްދަލުވުމުގައި އެބޭފުޅުންނަށް ރަނގަޅަށް ވާހަކަފުޅު ނުދެއްކެވިގެން އުޅުއްވަނިކޮށް އިނގިރޭސިން ފަށައިގެންފިއެވެ. އޭގެ ކުރީން ސަރުކާރުގެ ވަޒީރުންގެ ކޮމިޓީތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި އުފެދުނު ނުރުހުންތައް އޮއްސާލައިފިއެވެ.

އެ މަނިކުފާނު ލިޔުއްވައިފައި ވެއެވެ. [އަޅުގަނޑު ބުނީ ދިވެހި ސަރުކާރުގެ ފަރާތުން އަޅުގަނޑާއި ހަވާލުކުރައްވާފައި ވަނީ ދިމާވެގެން މި އުޅޭ މައްސަލަ ދެކޮޅުވެރިކަމަކާ ނުލައި، ރަހުމަތްތެރި މާހައުލެއްގައި ހައްލުކުރާށެވެ. މި ގޮތަށް ކަން ކުރުމަށް އެ މީހުން ތައްޔާރަށް ނެތްނަމަ އެއްވެސް ކުރިއެރުމެއް މި ބައްދަލުވުމުގެ ސަބަބުން ނުލިބޭނެ ކަމަށް އަޅުގަނޑު ބުނީމެވެ. އަނެއްކާވެސް އެ މީހުންނަށް ދިމާވި އުނދަގޫތަކުގެ ވާހަކަ ފަށައިފިއެވެ. ގެއްލުނު ވަގުތާއި މިފަދަ އެތައް ކަމެކެވެ. މިހާ ހިސާބުން ވަރަށް އަދަބާއި ޚިލާފަށް އަޅުގަނޑު އެ މީހުންގެ ވާހަކަ މެދުކަނޑާލައިފީމެވެ. އަދި ރުޅި އައި ކަމަށް ހަދައިފީމެވެ. މިއީ އެ މީހުން ދެކޭ ގޮތް ކަމުގައި ވާނަމަ އަޅުގަނޑު މި ބައްދަލުވުން ދޫކޮށް މާލެއަށް ދަނީ ކަމަށް ބުނެފީމެވެ. އަޅުގަނޑު ގޮނޑި ފަހަތަށް ކޮއްޕާލާފައި، ޢަލީ ޙުސައިން ދީދީއަށް އަވަސް ކަޅިއެއް އެއްލުމަށް ފަހު އެ ބައްދަލުވުމުން ނިކުމެގެން ހިނގައްޖައީމެވެ.]

ޢަލި މަނިކު ލިޔުއްވައިފައިވާ ގޮތުން ދޭހަވަނީ މިއީ އެ މަނިކުފާނު ބޭނުންފުޅު ކުރެއްވި އުކުޅެއްގެ ގޮތުގައެވެ. އެތަނުން ނުކުމެވަޑައިގެން ވަޑައިގަތީ ކޮޓަރިކޮޅަށެވެ. އިންތިޒާރުގައި އިންނަވަނިކޮށް ޢަލީ ޙުސައިން ދީދީ ގުޅުއްވައިފައި ބައްދަލުވުމަށް އެނބުރިވަޑައިގަންނަވާން ދަންނަވައިފިއެވެ. އެ މަނިކުފާނު ވަޑައިގެންނެވި އިރު އިނގިރޭސިން ތިބީ މައިތިރިވެ، އޭނާގެ ވާހަކަފުޅު އަހާން ތައްޔާރުވެގެންނެވެ.

ގަމުގައްޔާއި ހިތަދޫގައި ހުރި ތަކެތި ނުގެންދާން ބާރުއެޅުއްވުމުގެ އިތުރަށް ގަމުގައި ވަޒީފާ އަދާކުރި މީހުންގެ ވާހަކަ ޢަލިމަނިކު ދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވި ކަމަށް ލިޔުއްވައިފައި ވެއެވެ. [ގަމުގައި ވިހި އަހަރު ވަންދެން މަސައްކަތްކުރި މީހުން މިހާރު ވަނީ މަސްވެރިކަން ކުރާ ގޮތް ހަނދާން ނެތިފައެވެ. އެމީހުންގެ މަސްދޯނިފަހަރެއްވެސް ނުމެނެތްމެއެވެ. އިނގިރޭސިންގެ ގާތުގައި މަސައްކަތްކުރި ވިހި އަހަރު ދުވަހުގެ މުއްދަތުގައި އެމީހުންނަށް ލިބެމުން ދިޔައީ ދުވާލަކަށް ތިން ޕައުންޑެވެ. އިނގިރޭސިން ވަނީ މި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ފެންވަރު ބަދަލުކުރުވާފައެވެ. އަސްކަރީ މަރުކަޒު ބަންދުކުރުމުން މި އެންމެންގެ ވަޒީފާތައް ގެއްލޭނެއެވެ. އެ މީހުންގެ ދިރިއުޅުމަށް ވަރަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިވާނެއެވެ. އެހެންކަމުން އެކަށިގެންވާ މާލީ ބަދަލެއް ނުވަތަ ވަޒީފާއިން ވަކިކުރާއިރު ދޭ އިނާޔަތަކީ ވަރަށް މުހިއްމު އެއްޗަކަށް ވާނެއެވެ.]

އެކަމަކު އިހު ބަޔާންކުރެވުނުފަދައިން އިނގިރޭސިން މިކަމަކަށް އެއްބަހެއް ނުވިއެވެ. އޭގެ ބަދަލުގައި އިނގިރޭސިން ދިވެހި ސަރުކާރަށް ދެމުން އައި އިނާޔަތް ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިތުރުކުރުމާމެދު ވިސްނާނޭ ކަމަށް ބުންޏެވެ. އެ އެހީގެ ބޭނުންކޮށްގެން އައްޑު އަތޮޅު މީހުންނަށް އަލުން ވަޒީފާ އަދާކުރަން ތަމްރީނުދީ ދެކުނުގެ އަތޮޅުތަކުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރެވޭނޭ ކަމަށްވެސް އިނގިރޭސިން ބުންޏެވެ. މީގެ އިތުރަށް ސަލާމަތީ ސާމާޏު ފިޔަވައި އެހެން އެއްވެސް ްެެއްޗެއް ނުގެންދާން އެއްބަސްވިއެވެ.

މި ބައްދަލުވުމުން ނުކުތް ނަތީޖާއަށް ފަހު ރައީސް އިބްރާހީމް ނާޞިރު އެންގެވީ ގަމުގައްޔާއި ހިތަދޫގައި ހުރި ބައެއް ތަކެތި ރަނގަޅަށް ބަލަހައްޓާށާއި، ބައެއް ތަކެތި ރޫޅާލައި މާލެ ފޮނުވާށެވެ. މި ކަން ހިންގެވީ ޢަލިމަނިކުގެ ބެއްލެވުމުގެ ދަށުން އޭނާ ނެންގެވި ޓީމަކުންނެވެ. އެ މަނިކުފާނު ލިޔުއްވައިފައިވާ ގޮތުގައި މި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ހަތަރު ފަހަރު އައްޑުއަތޮޅަށް ވަޑައިގަތެވެ.

ގަމުން އިނގިރޭސިން ފޭބި ނަމަވެސް އެ މީހުން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އެ މީހުންގެ ކޮމަން ވެލްތު ހިމާޔަތް ކުރުމަށްޓަކައި ގަމުގެ ވައިގެ ބަނދަރު ބޭނުން ކުރެވިދާނެ ކަމަށް ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގެ މާއްދާއެއްގައި އޮވެއެވެ. ރައީސް އިބްރާހީމް ނާޞިރު ދެކެވަޑައިގެންނެވި ގޮތުގައި ގަމުން އިނގިރޭސިން ފޭބުމާއެކު އެ މާއްދާގައި އެ އޮތް ހައްގު އެ މީހުންނަށް ގެއްލުނީއެވެ.

އެހެންނަމަވެސް އެއްބަސްވުމުގައި މި މާއްދާ އޮތުމާއެކު މިކަން ހައްލު ކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. މި ކަމުގައިވެސް އުޅުއްވީ ޢަލީ ޢުމަރު މަނިކެވެ. އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ސިލޯނަށް ވަޑައިގެން ރަނގަޅު ވަކީލަކު ލައްވައި ސިޓީއެއް ލިޔުއްވައި ރައީސް ނާޞީރަށް ފޮނުއްވުމެވެ. އެ ސިޓީ ބައްލަވައިފައި އިނގިރޭސި ސަރުކާރަށް ފޮނުވީ ދިވެހި ސަރުކާރުންނެވެ.

އޭގެ ދެތިން ހަފުތާ ފަހުން އިނގިރޭސި ސަރުކާރުން އެންގީ ދިވެހި ސަރުކާރުން ނިންމާފައިވާ ގޮތާ އެއްބަސްނުވާ ކަމަށެވެ. މާނައަކީ އެ މާއްދާގައި އޮތް ގޮތަށް އަމަލުކުރުމުގެ އިޚަތިޔާރު މިހާރުވެސް އިނގިރޭސިންނަށް އެބައޮތް ކަމަށެވެ. ބޭނުން ކޮންމެ ވަގުތަކު ހުއްދައެއް ހޯދުމަކާ ނުލައި ގަމުގައި އޮތް ވައިގެ ބަނދަރު ބޭނުން ކުރެވޭނޭ ކަމަށެވެ.

ދެން ރައީސް ނާޞިރު ނިންމެވީ އިނގިރޭސި ސަރުކާރާ މަޝްވަރާ ކުރައްވަން ޢަލީ ޢުމަރު މަނިކު އިނގިރޭސި ވިލާތަށް ފޮނުއްވާށެވެ. އެ މަނިކުފާނު ވަޑައިގެން މަޝްވަރާ ކުރެއްވިއެވެ. އެކަމަކު އެއްބަސްވުމުގައި އޮތް މާއްދާ އުވައިލެވޭ ގޮތެއް ނުވިއެވެ. ދެން ވާހަކަ ދެކެވުނީ އެކަމަށް ނުރަސްނީ ހައްލެއް ގެންނާށެވެ. އެއީ މާއްދާ އެހެން އޮތަސް އެފަދަ ފުރުސަތެއްގެ ބޭނުން ކުރަން ނުޖެހޭނެތީ އަޅާނުލައި ތިބޭށެވެ. ސަބަބަކީ އިހަށް ހާލަތު އޮތް ގޮތުން އިނގިރޭސި ވިލާތުން ސިންގަޕޫރަށް ގޮސްފައި އޮސްޓްރޭލިއާއަށް ދާއިރު ބޯޓަށް ތެޔޮ އަޅަން ގަމަށް ޖައްސަން އޮންނަނީ މަޖުބޫރުވެފައެވެ. އެކަމަކު އޭރު އަސްކަރީ މީހުން އުފުލާ ބޯޓު ޑީސީ 10 ގެ ބޯޓު ފަހަރަށް ބަދަލުވެފައި ވާތީ ސިންގަޕޫރުން ފުރައިގެން ގަމަށް ނުޖައްސައި އޮސްޓްރޭލިއާއަށް ދެވެއެވެ.

މަތީގައި ދެންނެވުނު މާއްދާ އެހެން އޮތުމާއެކު ރައީސް ނާޞިރު ދެކެވަޑައިގެންނެވުނު ގޮތުގައި 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެ މުޅީން މިނިވަނެއް ނުވެއެވެ. އެހެންވީމާ އެ މަނިކުފާނު ނިންމެވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހަކީ މާޗް މަހުގެ 29 ވަނަ ދުވަސް ކަމުގައެވެ. 1978 ވަނައަހަރު ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ބަދަލުގައި ރާއްޖޭގައި މިނިވަން ދުވަސް ފާހަގަ ކުރީ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ޖުލައި މަހުގެ 26 ވަނަ ދުވަހަށް މިނިވަން ދުވަސް އަލުން ބަދަލު ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނު ދެކެވަޑައިގެންނެވި ގޮތުގައި މިނިވަން ގައުމެއްގައިވެސް ވެވޭ އެއްބަސްވުމެއްގެ ދަށުން އެހެން ގައުމެއްގެ ސިފައިންނަށް ތިބެވިދާނެއެވެ. އެއީ މިނިވަންކަން ގެއްލޭނޭ ކަމެއް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.