ގަންހިންގުން

އައްޑު އަތޮޅު ގަން

ގަންހިންގުމަކީ، އިހުޒަމާނުގައި ރާއްޖޭގައި ދެވެމުންދިޔަ އަދަބެކެވެ. ބޮޑެތިކުށްކުރާމީހުން، އަތަކަށް ހިރިނުލެވޭގޮތަށް ވަލުން ބަނދެ، ރައްޔިތުންގެ ކުރިމައްޗަށްނެރެ، އެމީހަކު އެކުރިކުށެއްގެ ވާހަކަގޮވައި، ރައްޔިތުންގެކުރިމަތީގައި ދުއްރައިން ތަޅަމުން ދެވޭ އަދަބެކެވެ. އެހެންނަމަވެސް، މިހާރުވެސް ރާއްޖޭގައި އެބަ، ގަން ހިންގައެވެ. ދެކުނުގެ ތިން އަތޮޅެއްގައެވެ.

ދިވެހިބަހުގެ ރަދީފު ބުނާގޮތުގައި ގަންހިންގުމަކީ، އިހުގައި މީހުންކުރާ ބޮޑެތި ބައެއްބާވަތުގެކުށަށް ދެވޭ އަދަބެކެވެ. ގަންހިންގާ މީހުންގެ ބުރަކަށީގައި ފަނެއް ބަންނާނެއެވެ. މޫނުގައި އަޅިދެލި ކުރަހާނެއެވެ. އަދި، އުނަގަނޑުގައި ބަނޑުގެ ދެފަރާތަށް ެވާ އައްސާނެއެވެ. އަދި ދެވަލުގެ ދެކޮޅުގައި ބަޔަކުހިފައިގެންތިބެ މުޅިރަށުގައި ހިންގާނެއެވެ. އަދަބުލިބޭމީހާ ގަންހިންގާނީ، ކޮލިލާން ކޮލިކަލޭގެ ހިނގާ މަގުމަގުގައެވެ. މިގޮތަށް ކުށްވެރިޔާ ހިންގާއިރު، ކޮންމެ ހަތަރު އަގޮޅިއެއްގައި މަޑުކޮށް، ކުށްވެރިޔާ ކުރިކުށުގެ ވާހަކަ ކިޔައި އިއްވާނެއެވެ. އަދި ކުށުގެ ވާހަކަ ގޮވުމަށްފަހު، "އަދަބުން އަދަބޯތް" އޭ ގޮވައި، ކުށްވެރިޔާގެ ފިނުކިނބައިގާ ދުއްރައިން ތަޅައިގަންނާނެއެވެ. އެއީ ތަޢުޒީރު ކުރުމެވެ.

ތަޢުޒީރުކުރުމަކީ، ދޭވާނިކަލޭގެ އަތުގައި އޮންނަ ދުއްރަޔަކުން، ކުށްވެރިޔާގެ ފިނދުކިބައިގާ ތެޅުމެވެ. ގަންހިންގުމުގައި، ތަޢުޒީރުކުރާއިރު، ޚާއްޞަވެފައި އޮންނަ ކަމަކީ، ޙައްދަކަށްވުރެ މައްޗަށް ނުދާގޮތަށް ދުއްރައިން ތެޅުމެވެ. ދުއްރަޔަކީ، ތަޢުޒީރުކުރުމަށާއި ޙައްދުޖެހުމަށް ، ހަމުން ތައްޔާރުކޮށް، ލަކުޑިމުއްގަނޑެއްލާފައި ހުންނަ އެއްޗެކެވެ. ދޭވާނިކަލޭގެޔަކީ، ތަޢުޒީރުކުރާމީހާއެވެ. އެއީ އިހުގައި ސަރުކާރުގެ ޝަރީޢަތްކުރާ ތަންތާނގައި، ޙައްދު ޖެހުމުގެ ކަންކަން ޙަވާލުކުރެވިފައި، ޕިޔޯނެއްގެ ދަރަޖައިގެ ވަޒީފާއެއްގައި ހުންނަ މީހެކެވެ.

ހައްދުންމަތީ ގަން

ދޭވާނި، އެއީ ކުށްވެރިޔާގެ ގައިގައި ދުއްރައިންތަޅައި އަދަބުދޭ މީހާއެވެ. ދޭވާނި ނިސްބަތްވާ އެހެންދެ އެއްޗެއްވެސް އޮވެއެވެ. އެއީ ރަތްދޭވާނި އާއި ނަރުދޭވާނިއެވެ. ނުވަތަ ރަތްދޭވާންޏާއި ނަރުދޭވާންޏެވެ. ރަތްދޭވާންޏާކީ، ފަނިފަކުސައިގެ ބާވަތެކެވެ. ރަތްދޭވާނި ބޮޑަށް ދޯޅީ، ޅަގަސްގަހާއެވެ. ގިނައިން އަޅަނީ، ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، ކުދިބަތާއި ބިންބީގެ ޅަގަސްގަހުގައެވެ. ރަތްދޭވާނި ހުންނާނީ ހުވަންޏެއްގެ ސިފައިގައެވެ. މިފަނި ދުވަނީ ފަތުގެ ފެހިކޮށްހުންނަ ބައިގައެވެ.  ފަތްކަމުންދާއިރު، ސޮއިކޮށްފަހުންނަ ގޮތަކަށް ކުރެހުން އެޅިގެންދާނެއެވެ. ބެލެވޭގޮތުގައި، އެއީ މިހާރު ދަނޑުވެރިކަމުގައި ފާހަގަކުރެވޭ ސޮއިފަންޏެވެ،

ދޭވާނި ނިސްބަތްވާ ދެވަނަ ފަންޏަކީ، ނަރުދޭވާންޏެވެ. މިއީވެސް ފަންޏެކެވެ. މިފަނި، ގިނައިން އަޅާނީ ލަކުޑީގައެވެ. މިފަނި ހުންނާނީ ކަޅުރަތްކުލައިގައެވެ. މިފަނީގައި ކޮށްޓާލުމާއެކު، ބަޅުވެ، ދެކޮޅުޖެހިގެންދެއެވެ. ނަރުދޭވާނި ދެކޮޅުޖެހިފައި އޮންނައިރު، ވަރަށް ހަރުވާނެއެވެ. ނުވަތަ ހަރުކަށިވާނެއެވެ. މިފަނި ލަކުޑީގައި އަޅައި، ލަކުޑިގަނޑު ކަމުން، އެލަކުޑިގަނޑުގެ ތެރެޔަށް ވަންނަމުންދާނެއެވެ.

ޙައްދު ޖަހާ އަދި، ތަޢުޒީރުކުރާ ދޭވާންޏަކީ އިންސާނެކެވެ. އެއީ ކުރިންވެސް ދެންނެވިފަދައިން، ބޮޑެތިކުށްކުރާ މީހުންނަށް އަދަބުދިނުމަށްޓަކައި، ރައްޔިތުންގެ ކުރިމައްޗަށް އެމީހަކު ނެރެ، ދުއްރައިން ތަޅާ މީހާއެވެ.

ޙައްދުޖަހާނީ އަދި ތަޢުޒީރުކުރާނީވެސް ކަނޑައެޅިފައި އޮންނަ ޢަދަދަކަށެވެ. " ހައްދުންމައްޗަކަށް " ނުދާނެއެވެ. ހައްދުންމައްޗަކީ، ކަނޑައެޅިފައި އޮންނަ ޢަދަދަކަށްވުރެ މައްޗަށް ދިއުމެވެ. އެއީ އަދި ލ އަތޮޅަށް ނުވަތަ ކައްދުއަށް ދިއުންކަމަށްނުވެ ހިނގައިދާނެއެވެ. ތަޢުޒީރުކުރުމާއި ޙައްދުޖެހުމުގައިވެސް ވަކި ޙައްދެއް އޮވެއެވެ. ހައްދުންމައްޗަކީ، ތިލަދުންމައްޗެކޭ އެއްގޮތަށް، ރާއްޖޭގެ އަތޮޅަކަށް ދެވިފައި އޮންނަ ނަމެކެވެ. އެއަތޮޅަށް، ހައްދުންމަތި ކިޔައި އެނަންދެވުނީ، ހައްދުންމަތީގައި، ކޮންމެވެސް ކަމެއް " ޙައްދުންމަތީގައި " އޮވެގެންކަމަށްވެސް ވެދާނެއެވެ.

ގަންހިންގައި ޙައްދުޖަހަމުން، ކުށްވެރިޔާ މަގުމަތީ ދަމަމުންގެންދާއިރު، ތެޔޮއަޅުވާކުދިން، ކުށްވެރިޔާގެ ފަހަތުން މައްލަވަކުރަމުން ދާނެއެވެ. އަދި، ޢާންމު ރައްޔިތުންކުރެ ބަޔަކުވެސް ކުށްވެރިޔާ ގަން ހިންގަމުންދާއިރު ފަހަތުން ދާނެއެވެ. ތެޔޮއަޅުވާ ކުދިންނަކީ، އިހުގައި، ހިތިވިލޭރެޔަށް، ދަންމަރަށް ތެޔޮއަޅައިގެން، އަވަށުވެރިގޭގޭގައި ޖެހޭ ބައެއްކަންތައްތައް ކުރުމަށް، އަވަށުގެޔަށް އެއްވެ މަސައްކަތްކުރާ ކުދިބަޔެކެވެ. މަޖާޒީގޮތުން މިކުދިންނަށް ނިސްބަތްކޮށް ބުނެ އުޅެނީ، މަގުމަތީގައި ވީއްލިގެން އުޅޭ ކުދިންކަމުގައެވެ. އެއީ އަދި ވަކަރުގޭ ކުދިންނެއްނޫނެވެ. ވަކަރުގޭކުދިންނަކީ، އެންމެ ދެރަ، ހުތުރުއުޅުންއުޅޭ، ވިޔާނުދާކުދިންނެވެ. މިކުދިންނަށް، ވަކަރުގޭގައި އުޅޭ ސަލާންޖަހާކުދިންނޭވެސް ކިޔައި އުޅެއެވެ.

ހައްދުންމަތީ ގަމުގެ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ޒަކީ ބުރަވެވަޑައިގަންނަވާގޮތުގައި، ގަންހިންގުމަކީވެސް އެތައްމާނައެއް އެކަމާގުޅިފައި އޮތް ކަމެކެވެ. ގަން އޮންނަނީ ހައްދުންމަތީގައެވެ. ގަން އެއީ ބޮޑުރަށެކެވެ. މާލެއަށްވުރެވެސް ބޮޑުރަށެކެވެ. މާލޭގައި ގަންހިންގާއިރު، ބޮޑުތަނެއްގައި، މީހެއްގެ އަދަބު ތަންފީޒުކުރެވެމުން، އެމީހެއްގެ ގައިގާ ތަޅަމުން ހިނގަން އޮންނަންޖެހޭތަން ބޮޑުކުރުމުގެ ތަޞައްވުރާއި ނިޔަތުގައި، ގަމުގެ ނަން ގެނެސްފައި އޮވެދާނެއެވެ. އެއީ ގަން ބޮޑުވީމައެވެ. ގަންހިންގާލީމައި، ބޮޑުތަނެއްގައި، އަދަބުލިބޭމީހާގެ ގައިގާ ތެޅުމާއި ވާޖަހައިގެން ދެމުމާއި އެމީހަކު އެކުރި ކުށެއްގެ ވާހަކަ އިޢުލާންކުރުމުގައި އެމީހާގެ އަދަބު ބޮޑުވެދާނެއެވެ. ރައްޔިތުންގެ ކުރިމަތީ ފަޟީޙަތްވެ، އަބުރުގެއްލި ކުށްވެރިޔެއްގެ ގޮތުގައި ބެލެވިގެންދާނެއެވެ.

ގަންހިންގުން ނުވަތަ ގަން އަދި ހިންގުން، މިބަސްބަހާއި ލަފްޒުގައި އެތައް މާނަތަކެއް އެކުލެވިގެން ވެއެވެ. ގަންހިންގުމަކީ، އިހުޒަމާނުގައި ބޮޑެތިކުށަށްދެވޭ އަދަބެކެވެ. ގަން ހިންގުމަކީ، ވެރިކަމުގެ ފަރާތުން އެރަށް ހިންގުމެވެ. ހިންގުން މާނަކޮށްދެނީ، ތަނެއް ނުވަތަ ކަމެއް ހުއްޓުނަނުދީ ގެންދިއުމެވެ. ތަނެއްގެ ކަންތައްތައް އިންތިޒާމްކޮށް، ތަރުތީބުކޮށް ހިންގުމެވެ. ނުވަތަ ކުރުވުމެވެ.  "ގަން" މިނަންދެވިގެންވާ 3 ރަށެއް، ރާއްޖޭގައި އޮވެއެވެ. އެއީ ހައްދުންމަތީ ގަމަކީ މީހުން ދިރިއުޅޭ ރަށެކެވެ.  އައްޑޫސިޓީ ގަމަކީ އެ އަތޮޅުގެ ގަން އެއަރޕޯޓް އޮންނަ ރަށެވެ.  ހުވަދުއަތޮޅު ދެކުނުބުރީގައި އޮންނަ ގަމަކީ ފަޅުރަށެކެވެ. މިރަށް އޮންނަނީ، ގައްދޫއާ ޖެހިގެންނެވެ.

ރާއްޖޭގައި މިޒަމާނުގައި ގަންހިންގުމެއް ނޯވެއެވެ. އެހެންނަމަވެސް، ގަން، އެބަ ހިންގައެވެ. ގަންހިންގުމާއި، ހައްދުންމައްޗާބެހޭގޮތުން، އަޅުގަނޑާ ވާހަކަދެއްކެވި އަލްފާޟިލް އަޙްމަދު ޒަކީއަކީ، މިވަގުތު، ހައްދުންމަތީ ގަން ހިންގަވާ، ގަމުކައުންސިލްގެ ރައީސެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.